19 މެއި 2018 - 14:52

އިންޑިއާގެ ފިލްމްތަކަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެވޯޑްސް (އައިފާ) މި އަހަރު ތައިލެންޑްގެ ބެންކޮކްގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.
އެކަން އިއުލާން ކުރަން ނިއު ދިއްލީގައި ބޭއްވި ހަފުލާގައި ކަރަން ޖޯހަރާއި ރަންބީރް ކަޕޫރާއި ޝާހިދު ކަޕޫރާއި ދިއާ މިރްޒާގެ އިތުރުން ކަރްތިކް އާރިޔާން ބައިވެރިވި އެވެ.
މި އަހަރު ބާއްވާ 19 ވަނަ އައިފާ އެވޯޑްސް ކުރިއަށް ދާނީ އަންނަ މަހުގެ 22-24 އަށެވެ. ރަސްމީ އެވޯޑް ހަފުލާ 24 ވަނަ ދުވަހު ބޭއްވުމުގެ ކުރިން ގްރީން ކާޕެޓާއި ރެޑް ކާޕެޓްގެ އިތުރުން ބެންކޮކްގައި ފަންނާނުން ބައިވެރިވާ ތަފާތު ހަރަކާތްތައް ހިންގާނެ އެވެ.
ކޮންމެ އަހަރަކު ވެސް ބޭރު ގައުމެއްގައި ބާއްވާ އައިފާ އެވޯޑް ހަފުލާއަށް މުޅި ބޮލީވުޑް އެއްކޮށްހެން ޖަމާވެ އެވެ.
މި އަހަރު ވެސް އައިފާ އެވޯޑް ހުށަހަޅައި ދޭނީ މީގެ ކުރިން ވެސް މި އެވޯޑް ހަފުލާގެ އާންމު ހޯސްޓެއްގެ ގޮތުން ފެންނަ ކަރަންގެ އިތުރުން އެކްޓަރު ރިތޭޝް ދޭޝްމުކް އެވެ.
ވިޒް ކްރާފްޓް އިންޓަނެޝަނަލް އިންތިޒާމުކޮށްގެން ބާއްވާ އައިފާގެ 18 ވަނަ އެވޯޑް ހަފުލާ މިދިޔަ އަހަރު ބޭއްވީ އެމެރިކާގެ ނިއު ޖާޒީގަ އެވެ.
މިދިޔަ އަހަރުގެ މޮޅު ބަތަލާގެ އެވޯޑް ފިލްމް "އުޅުތާ ޕަންޖާބް" އިން އާލިއާ ބަޓް ގެންދިޔަ އިރު، އެންމެ މޮޅު އެކްޓަރަކީ ހަމަ އެ ފިލްމުން ޝާހިދު ކަޕޫރެވެ. އެންމެ މޮޅު ފިލްމަކީ ސޯނަމް ކަޕޫރްގެ "ނީރްޖާ" އެވެ.
މި އަހަރު އައިފާ އެވޯޑް ހަފުލާ ވެސް ވަރަށް ކުލަގަދަވެފައި ގިނަ ތަރިންތަކެއް ސްޓޭޖް ޕަފޯމަންސްތަކެއް ފެނިގެން ދާނެ އެވެ.
މި އެވޯޑް ހަފުލާގެ ރިކޯޑިން ކަލާޒް ޗެނެލުން ދައްކާނެ އެވެ.