ޑީލް ހަދައިފާނެތީ އިންޑިއާގެ ޕާލަމެންޓް މެންބަރުންތަކެއް ފޮރުވައިފި
ޑީލް ހަދައިފާނެތީ އިންޑިއާގެ ޕާލަމެންޓް މެންބަރުންތަކެއް ފޮރުވައިފި

ބެންގަލޫރު (މެއި 19) - އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގައި ބޭއްވި އެސެމްބްލީ އިންތިޚާބުގައި އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ލިބިފައި ނުވާތީ ސަރުކާރެއް އުފެއްދުމަށް ދިން މުހުލަތުގައި މެންބަރުން އެއް ޕާޓީން އަނެއް ޕާޓީ އަށް ބަދަލުވުމުގައި ޑީލް ހަދައިފާނެތީ އިއްޔެ އިން ފެށިގެން ބައެއް މެންބަރުން "ފޮރުވައިގެން" ގެންގުޅެން ފަށައިފި އެވެ.

އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ލިބުނީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށެވެ. އެކަމަކު އެ ޕާޓީ އަށް ޕާލަމެންޓް އަޣުލަބިއްޔަތު ލިބިފައި ނުވަނީސް ވަނީ ޗީފް މިނިސްޓަރަކު ހުވާކޮށްފަ އެވެ. އެހެންވެ މި މައްސަލަ އިދިކޮޅު ޕާޓީތަކުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ސަރުކާރެއް އުފެއްދުމަށް ސްޓޭޓުގެ ގަވަރުނަރު ބީޖޭޕީ އަށް ދީފައި ވަނީ 15 ދުވަހުގެ މުއްދަތެވެ. އެކަމަކު ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު ބީޖޭޕީ އަށް ދީފައި ވަނީ 24 ގަޑިއިރެވެ. ޕާލަމެންޓުގައި ބީޖޭޕީ އަށް އަޣުލަބިއްޔަތު އޮތްކަން ސާބިތުކޮށް ދިނުމުގެ މުހުލަތު އިންޑިއާ ގަޑިން މިއަދު ހަތަރެއް ޖަހާއިރު ހަމަވާނެ އެވެ.

ސަރުކާރެއް އުފެއްދުމަށްޓަކައި އިތުރު އަށް މެންބަރަކު ބީޖޭޕީ އަށް ބޭނުންވެ އެވެ. އެހެންވެ އިދިކޮޅު ޕާޓީތަކުން ވަނީ ބީޖޭޕީން ޑީލް ހަދައިފާނެތީ މެންބަރުން ފޮރުވައިގެން ގެންގުޅެން ފަށައިފަ އެވެ.

އިންތިޚާބުގައި ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ހޯދި އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ ސަރަހައްދީ ޕާޓީ ޖަނަތާ ދާލް ޕާޓީގެ ތާއީދާ އެކު ކޯލިޝަނެއް އުފައްދައިފަ އެވެ. އެ ކޯލީޝަނަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ވަނީ ލިބިފަ އެވެ. ދެ ޕާޓީން ވެސް ވަނީ ސަރުކާރެއް އުފެއްދުމުގެ ހުއްދަ ދޭން ގަވަރްނަރު ވަޖުބާއީ ވަލާގެ އަރިހުން އެދިފަ އެވެ.

އިންތިޚާބުގައި ޕާލަމެންޓުގެ 222 ގޮނޑީގެ ތެރޭން ބީޖޭޕީ އަށް ލިބިފައި ވަނީ 104 ގޮނޑި އެވެ. ކޮންގްރެސް ޕާޓީ އަށް 78 ގޮނޑި ލިބިފައިވާ އިރު ޖަނަތާ ދާލް ޕާޓީ އަށް ވަނީ 37 ގޮނޑި ލިބިފަ އެވެ. ދެ ޕާޓީ އެއްކޮލުމުން 112 ގޮނޑިއަށް ވުރެ އިތުރުވެ ޕާލަމެންޓުގެ އަޣުލަބިއްތު ލިބެ އެވެ.

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި ބީޖޭޕީން ރިޝްވަތު ހުށަހަޅައިފާނެތީ ކޮންގްރެސް އާއި ޖަނަތާ ދާލް ޕާޓީގެ މެންބަރުން ވަނީ ގޮތް ނޭނގޭ ތަނަކަށް ގެންގޮސްފަ އެވެ. ޖަނަތާ ދާލް ޕާޓީގެ ލީޑަރު އެޗް.ޑީ ކުމަރަސްވާމީ ވިދާޅުވީ ޕާޓީ ބަދަލު ކުރާމަތިން ބީޖޭޕީން ދަނީ ކޮންމެ މެންބަރަކަށް 15 މިލިއަން ޑޮލަރު ހުށަހަޅަމުން ކަމަށެވެ. މި ގޮތުން 32 މެންބަރަކަށް ރިޝްވަތު ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ދަނޑިވަޅުތަކުގައި މަޝްވަރާ ކުރާ މެންބަރުން އިންޑިއާގެ ބައެއް ރިސޯޓްތަކަށް ޖަމާވާތީ މިފަދަ ހާދިސާތައް މަޝްހޫރުވެފައި ވަނީ "ރިސޯޓް ޕޮލިޓިކްސް"ގެ ގޮތުގަ އެވެ.

ކަރްނާޓަކާ ގެއްލުމަކީ ކޮންގްރެސް އަށް ލިބޭނެ ބޮޑު ދެރައެކެވެ. އިންޑިއާގެ 29 ސްޓޭޓުގެ ތެރޭން އެ ޕާޓީގެ ވެރިކަން އޮތީ އެންމެ ތިން ސްޓޭޓުގަ އެވެ. ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން 21 ސްޓޭޓް ކޮންޓްރޯލް ކުރެ އެވެ.