އަނެއްކާ ވެސް އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫގެ ފިލްމެއް
އަނެއްކާ ވެސް އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫގެ ފިލްމެއް

ޖިންސީ ގޯނާތަކެއްގެ މައްސަލައެއްގައި ހިނގާ ކޯޓް ކޭހެއް ދައްކުވައި ދިން 2016 ގެ ކާމިޔާބު ފިލްމް "ޕިންކް" އަށް ފަހު، އަމީތާބް ބައްޗަން އާއި ތާޕްސީ ޕައްނޫ އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަނެއްކާ ވެސް އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫގެ ފިލްމެއް
އަނެއްކާ ވެސް އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫގެ ފިލްމެއް

މި ފަހަރު އެ ދެ ތަރިން ސޮއި ކުރީ "ކަހާނީ" ފަދަ ކާމިޔާބު އަދި މޮޅު ފިލްމްތަކެއް ބެލުންތެރިންނަށް ގެނެސް ދިން، ސުޖޯއި ގޯޝް ޑައިރެކްޓް ކުރާ "ބަދްލާ" އަށެވެ. އަމީތާބް ވަނީ ފިލްމަށް ސޮއިކުރަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.

ސުޖޯއި ބުނި ގޮތުގައި "ބަދްލާ" އަކީ އޭނާ ހަދަން އުޅޭތާ ދުވަސްތަކެއްވެފައިވާ ފިލްމެކެވެ. އެކަމަކު ފިލްމްގެ ނަން އެހެން ޕްރޮޑިއުސަރަކު ރަޖިސްޓްރީ ކުރުމުން، އެ ނަން ހޯދަން ލައްކަ މަސައްކަތް ކުރަން ޖެހުނު ކަމަށް ބުންޏެވެ. އަދި އެކަން އެންމެ ފަހުން ކާމިޔާބުވެ، "ބަދްލާ" ގެ ނަމުގައި ފިލްމް ގެނެސް ދޭން ފުރުސަތު ލިބުނީ ކަމަށް ބުންޏެވެ.

މި ފިލްމްގެ ބަތަލާއަކަށް ސުޖޯއި ކުރިން ގެންނަން ބޭނުންވީ "ކަހާނީ" ގެ ބަތަލާ ވިދިޔާ ބާލަން އެވެ. އެކަމަކު ވިދިޔާ އަށް "ބަދްލާ" އަށް ވަގުތު ދެވޭ ގޮތެއް ނުވީ އެވެ. އަދި ފިލްމްގެ މުހިއްމު ރޯލެއް ވަނީ ނަސީރުއްދީން ޝާހަށް ވެސް ހުށަހަޅައިފަ އެވެ.

"ބަދްލާގެ ސްކްރިޕްޓް އަހަރެންގެ އަތުގައި އޮންނަތާ މިހާރު ދިހަ ވަރަކަށް އަހަރުވެއްޖެ. ކުރިން ވެސް މި ފިލްމް ނަސީރުއްދީނަށް ހުށަހެޅިން. އުންމީދު ކުރަނީ ކާސްޓްގައި އޭނާ ހިމެނާލެވޭނެ ކަމަށް،" ސުޖޯއި ބުންޏެވެ.

ސުނީރް ކެތަރްޕާލް ޕްރޮޑިއުސް ކުރާ "ބަދްލާ" އަކީ އުމުރުން ދުވަސްވީ ދެ ފިރިހެނެއްގެ މެދުގައި ހިނގާ ބަދަލު ހިންފުންތަކެއް ތެރެއިން ދިމާވާ ކަންތައްތަކެއް ކިޔައި ދޭނެ ފިލްމެކެވެ.

އަމީތާބާ އެކު، ތާޕްސީ ފިލްމަށް ސޮއި ކުރި އިރު، އަމީތާބްގެ ދަރިފުޅު އަބިޝެކް ބައްޗަންއާ އެކު ވެސް އޭނާ އަންނަނީ މިހާރު ފިލްމެއް ކުޅެމުންނެވެ. އެއީ އަނޫރާގް ކެޕަޝް ޑައިރެކްޓް ކުރާ "މަންމަރްޒިޔާން" އެވެ. އަންނަ ސެޕްޓެމްބަރު 7 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އެ ފިލްމްގެ މުހިއްމު ރޯލަކުން ވިކީ ކޯޝަލް ވެސް ފެނިގެން ދާނެ އެވެ.

ދާދި ފަހުން ރިލީޒް ކުރި "100 ނޮޓް އައުޓް" އިން ފެނިގެން ދިޔަ އަމީތާބްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ތަގްސް އޮފް ހިންދުސްތާން" އަދި "ބްރައްމަސްތުރާ" ހިމެނެ އެވެ. އޭނާ ވަނީ ކުރިން ވެސް ސުޖޯއިއާ އެކު މަސައްކަތްކޮށްފަ އެެވެ.

އެއީ 2009 ގައި ޖެކްލިން ފެނަންޑޭޒް ބޮލީވުޑަށް ތައާރަފުވި ފިލްމް "އަލައްދިން" އެވެ.