19 މެއި 2018 - 14:11

ލަންޑަން (މެއި 19) - އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ އާއި އެމެރިކާގެ ބަތަލާ މޭގަން މާކްލްގެ ކައިވެނި މިއަދު ކުރާ އިރު އެތައް ބަޔަކު ދަނީ އެ ކައިވެނީގެ ވަގުތަށް އިންތިޒާރު ކުރަމުންނެވެ.

މިއަދު ހަވީރު ރާއްޖޭ ގަޑިން ހަތަރެއް ޖަހާއިރު ކުރާ ކައިވެނީގެ ރަސްމިއްޔާތު ބާއްވާ ވިންޑްސާ ގަނޑުވަރުގެ ކައިރި އަށް ރެއިން ފެށިގެން މީހުން ވަނީ ޖަމާވާން ފަށައިފަ އެވެ. ކައިވެނި ކުރާނީ ގަނޑުވަރުގެ ސެއިންޓް ޖޯޖް ޗާޕެލްގަ އެވެ. އަދި ކައިވެންޏަށް ފަހު ހެރީ އާއި މޭގަން އިނގިރޭސި ވިލާތުގެ މަގުތަކަށް ނުކުމެވަޑައިގަންނަވާ މަންޒަރު ބަލާލުމަށް އެތައް މިލިއަން ބަޔަކު ދަނީ ނުކުންނަމުންނެވެ.

ކައިވެނީގެ ރަސްމިއްޔާތަށް ޕްރިންސް ހެރީ އާއި ބޭބޭފުޅު ޕްރިންސް ވިލިއަމް ވަޑައިގަންނަވާނީ އިނގިރޭސި ވިލާތުގަޑިން 11:40 ގަ އެވެ. ޝާހީ އާއިލާގެ މެންބަރުންގެ ތެރެއިން ރަސްމިއްޔާތަށް އެންމެ ފަހުން ވަޑައިގަންނަވާނީ ރާނީ އެވެ. އެކަމަނާ ވަޑައިގަންނަވާނީ 11:52 ގަ އެވެ. އޭގެ ކުރިން މޭގަން އޭނާގެ މަންމަ ޑޯރިއާ ރަގްލޭންޑާ އެކު ވަޑައިގަންނަވާނެ އެވެ. މޭގަންގެ ބައްޕަ އަށް ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރި ނުވެވެނީ ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރަން ޖެހުމުންނެވެ. ޕްރިންސް ހެރީ އާއި މޭގަންއާ އެކު ވަޑައިގަންނަވާނީ ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސް އެވެ.

ކައިވެނީގެ ހަފުލާ އަށް ފަހު ޕްރިންސް ހެރީ އާއި މޭގަން އަސްގާޑިޔާކޮޅުގައި ބައެއް މަގުތަކަށް ނުކުމެވަޑަައިގަތުމަށް ފަހު އެނބުރި ވިންޑްސޯ ގަނޑުވަރަށް ވަޑައިގަންނަވާނެ އެވެ. އޭގެ ފަހުން ކައިވެނީގެ ހަފުލާ އަށް ސެއިންޓް ޖޯޖް ހޯލަށް ވަޑައިގެން ތިއްބެވި 600 މެހެމާނުންނަށް ރާނީ ދެއްވާ ޚާއްސަ ފަރިއްކޮޅެއް އޮންނާނެ އެވެ. އެ ރިސެޕްޝަނުގައި މޭގަން ތަގްރީރެއް ދެއްވާނެ އެވެ.
އެއަށް ފަހު ހެރީ އާއި މޭގަންގެ އެންމެ ގާތް ބޭފުޅުންނާ އެކު ފްރޮގްމޯ ހައުސްގައި ޕްރިންސް ޗާލްސް ދެއްވާ ޕްރައިވެޓް ރިސެޕްޝަނެއް އޮންނާނެ އެވެ.
ކައިވެންޏަށް ޚަރަދު ކުރަނީ ޝާހީ އާއިލާ އިންނެވެ.