19 މެއި 2018 - 12:57

ހަވާނާ (މެއި 19) - ކިއުބާގެ މަތިންދާ ބޯޓެއް ވެއްޓި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ވެރިރަށް ހަވާނާގެ މައި އެއާޕޯޓާ ކައިރިއަށް ވެއްޓުނު ބޯއިން 737 ގެ މަތިންދާ ބޯޓުން ވަނީ ތިން އަންހެނަކު ސަލާމަތްކޮށްފަ އެވެ. ނަމަވެސް އެ ތިން މީހުންގ ހާލު ވެސް ސީރިއަސް އެވެ. ގާތްގަނޑަކަށް 40 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މަތިންދާ ބޯޓުން 104 ޕަސިންޖަރުންނާއި ހަ ކްރޫން ދަތުރު ކުރި އެވެ. ހުރިހާ ކްރޫންނަކީ ވެސް މެކްސިކޯ މީހުންނެވެ. އަދި ގިނައީ ކިއުބާ ޕަސިންޖަރުންނެވެ.
ކިއުބާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ފަށައިފަ އެވެ. އަދި ދެ ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފަ އެވެ.
އެތެރޭގެ ދަތުރެއްގައި އިރުމަތީގެ ރަށެއް ކަމަށްވާ ހޮލްގުއިން އަށް ފުރި ބޯޓު ވެއްޓުނީ ހަވާނާ އެއާޕޯޓުން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.
މެކްސިކޯގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުނީ ބޯޓު ނައްޓާލަން އުޅުމުގެ ތެރޭގައި ވެސް މައްސަލަ ދިމާވެފައިވާ ކަމަށެވެ. ބޯއިން ކުންފުނިން ބުނީ ކިއުބާ އަށް ޓެކްނިކަލް ޓީމެއް ފޮނުވަން ތައްޔާރު ކަމަށެވެ. ވެއްޓުނު ބޯޓަކީ މެކްސިކޯގެ ކުންފުންޏަކުން ކިއުބާ ސަރުކާރުގެ އެއާލައިނަކަށް ކުއްޔަށް ދީފައިވާ ބޯޓެކެވެ. އަދި އެއީ 1979 ވަނަ އަހަރު އުފައްދާފައިވާ ބޯޓެއް ކަމަށާއި ބޯޓު އެންމެ ފަހުން އިންސްޕެކްޓް ކުރީ ނޮވެމްބަރު މަހު ކަމަށް ވެސް މެކްސިކޯ އިން ބުނެފައިވެ އެވެ.