20 މެއި 2018 - 08:05

މެޗެއް ބަލަން ޓިކެޓް ނަގައިގެން ދަނޑަށް ވަދެ، މާ ދުރުން ބަލަން ޖެހުނީމާ ކަމަކުނުދެއެވެ. ރެފްރީގެ ނިންމުންތައް ރަގަޅުތޯ ލޮލުން ދެކި، އަތުން ހިފަން ބޭނުންވެއެވެ. މިކަން ކުރެވޭނީ ދުރުމީއެއް ހިފައިގެން ދަނޑަށް ގޮސްގެންނެވެ.
އެކަމަކު ދުރުމީގައި ދެ އަތުން ހިފަހައްޓަން ޖެހޭނެއެވެ. އަތް ބަންދުވީއެވެ. އެހެންވެ ފޯރިއެއް ނުނެގޭނެ އެވެ. ސްޕޯޓްނޮކިޔުލާ އަކީ މިފަދަ ހާލަތަށް އެންމެ އެކަށީގެންވާ އާލާތެވެ.
އައިނު ދުނިގަނޑެއްގައި ދުރުމީއެއް އެޅުވީމާ ހުންނާނީ ކިހިނެއްހެއްޔެވެ؟ ސްޕޯޓްނޮކިޔުލާ ފަރުމާކޮށްފައިވަނީ އެ ގޮތަށެވެ. ކޮންމެ މީހެއްގެ މޫނަށް ވެސް ހެޔޮވަރުކުރެވޭ ގޮތަށް ސާމާނު ހިމަނައިގެން އުފެއްދި މި "ދުރުމީ އައިނު" އަޅައިގެން އިނދެ ވަރަށް ގާތުން މެޗު ބަލައިލެވޭނެއެވެ. އަޅާފައި ހެޔޮވަރުކޮށްލުން ނޫން އިތުރު ކަމެއް ކުރާކަށްނުޖެހެއެވެ.
އާންމު ގޮތެއްގައި ދުރުމީތަކުން ފެންނަ މަންޒަރު 8 ގުނަ ބޮޑުކޮށްދެއެވެ. އެކަމަކު ސްޕޯޓްނޮކިޔުލާ އަކީ މެޗު ބަލަން ޚާއްސަ އުފެއްދުމަކަށްވާތީ މިއިން ބޮޑުކޮށްދެނީ ތިން ގުނައަށެވެ. މެޗު ބަލާއިރު ބަލަން ބޭނުންވާނީ ބޯޅައިގެ ހަރަކާތްތައް އެކަންޏެއް ނޫނެވެ. ބޯޅައިގެ ވަށައިގެން ދެން ހިނގާ ކަންކަންވެސް ބަލަން ބޭނުންވާނެއެވެ. ވީމާ، މި އުފެއްދި ކުންފުނިން ބުނަނީ އެ ހާލަތުގައި 3 ގުނައަށް ބޮޑުކޮށްލުމުން ފުދޭނެ ކަމަށެވެ.