ދިރާސާއެއްގައި ބުނަނީ ހޫނު ފެނުން ފެންވަރައިގެން ހިކިދާނެ ކަމަށް
ދިރާސާއެއްގައި ބުނަނީ ހޫނު ފެނުން ފެންވަރައިގެން ހިކިދާނެ ކަމަށް

ކަންނެތްކަމުން ކަސްރަތުކުރާހިތް ނުވާ މީހުންނަށް މިއަށް ވުރެ ރަނގަޅު ޚަބަރެއް އޮތްހެނެއް ހިއެއް ނުވެ އެވެ. ކޮންމެ ދުވަހެއްގެ ވަކި ގަޑިތަކެއް އެކަމަށް ހުސްކޮށްގެން ޖިމަށް ގޮސް ގައިން އެތައް ބައިވަރު ދަލެއް އޮހޮރައިގެން ކަސްރަތު ނުކުރިޔަސް ހިކިދާނެ އެވެ.

ދިރާސާއެއްގައި ބުނަނީ ހޫނު ފެނުން ފެންވަރައިގެން ހިކިދާނެ ކަމަށް
ދިރާސާއެއްގައި ބުނަނީ ހޫނު ފެނުން ފެންވަރައިގެން ހިކިދާނެ ކަމަށް

ދިރާސާއަކަށް ފަހު ރިސާޗަރުން ބުނަނީ ކުރަން ޖެހޭނެހާ ވެސް ކަމަކީ ހޫނު ފެނުން ފެންވަރާލުން ކަމަށެވެ. ކަސްރަތު ކުރުމުން ހަށިގަނޑަށް ލިބޭ ވަރުގެ ފައިދާއެއް ހޫނު ފެނުން ފެންވެރުމުން ލިބޭކަމަށް މި ބޭފުޅުންގެ ދިރާސާއިން ދައްކާ ކަމަށް ބުނެފައިވެ އެވެ.

"ގަދަޔަށް ކަސްރަތުކޮށްލުމުން ހަށިގަނޑު އާދަޔާޚިލާފަށް ހޫނުވޭ. ހޫނުފެން ފެންވެރީމަ ވެސް ވަނީ ހަމަ އެގޮތް،" ރިސާޗަރުން ބުނެފައިވެ އެވެ.

އިނގިރޭސި ވިލާތުގެ ލަފްބޮރޯ ޔުނިވަސިޓީގެ ރިސާޗަރު ސްޓީވް ފޯލްކްނާގެ މި ދިރާސާގައި ބައިވެރިވެފައި ވަނީ މެދު އުމުރުގެ 2،300 މީހުންނެވެ. މި އެންމެންގެ ދިރިއުޅުން އެވްރެޖްކޮށް 20 އަހަރު ވަންދެން ބަލަމުން ގެންގޮސްފައިވެ އެވެ.

ދިރާސާގެ ބައިވެރިކުރި ފިރިހެނުންގެ ތެރެއިން ހަފުތާއަކު އެއްފަހަރު ސައުނާ އަށް ދިޔަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައިމީހުން ދިރާސާގެ މުއްދަތުގެ ތެރޭގައި ވަނީ މަރުވެފަ އެވެ. އަދި ހަފުތާއަކު ދެ ފަހަރު ނުވަތަ ތިން ފަހަރު ސައުނާއަށް ގަވާއިދުން ދިޔަ މީހުންގެ ތެރެއިން މަރުވީ 38 ޕަސެންޓް މީހުންނެވެ.

ޓެކް ޓައިމްސްގައިވާ މި ދިރާސާ ރިޕޯޓުގައިވާ ގޮތުން ސައުނާ ބޭނުންކުރުން އިތުރުވާ ވަރަކަށް ސްޓްރޯކާއި ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ކުޑަ ވެފައިވެ އެވެ. މީގެ ސަބަބަކީ ހޫނު ފެނުގައި އޮވެލުމުން ލޭ ދައުރުވާލެއް އިތުރުވުމާއި ލޭގެ ޕްރެޝަރު ދަށްވުން ކަމަށް ރިސާޗަރުން ލަފާކުރެ އެވެ.

އެހެން ދިރާސާއެއްގައި ފޯލްކްނާ ވަނީ ދިރާސާކުރުމަށް ހޮވި ބައިވެރިންތަކަކަށް ހޫނުފެނުން ފެންވެރުމުން ކުރާ އަސަރު ދެނެގަތުމަށް ޓެސްޓްކޮށްފަ އެވެ. އެމީހުންގެ ހަށިގަނޑު މޮނިޓާކޮށްފައިވެ އެވެ. އެ މޮނީޓާތަކުން ލޭގައި ހަކުރު ހުރި ވަރު ހުއްޓުމެއް ނެތި ރެކޯޑްކުރަމުން ގެންގޮސްފައިވެ އެވެ. މީގެ އިތުރުން ރެކްޓަލް ތަމޯމީޓާއެއްގެ އެހީގައި އެމީހުންގެ ހަށިގަނޑުގެ އެތެރޭގެ ޓެމްޕްރޭޗަރު ވެސް ބަލަމުން ގެންދިޔަ އެވެ.

ފޯލްކްނާ ވިދާޅުވީ މެޓަބޮލިކް ފިޓްނަސް މިނުމުގައި ބަލާ އެންމެ މުހިއްމު ކަމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ނޯމަލްކޮށް ބެހެއްޓުމުގެ ގާބިލްކަން ހަށިގަނޑުގައި ހުރި ވަރު ކަމަށެވެ.

މި ދިރާސާގެ ފުރަތަމަ ބައިގައި ދިރާސާގެ ބައިވެރިން 40 ޑިގްރީ ސެލްސިއަސްގެ ހޫނުފެނުގައި އެއްގަޑިއިރުވަންދެން ތިއްބެވެ. ދެން ފެންވަރާ ނިމުމުން ލުއި ކެއުމެއް މި މީހުންނަށް ދީފައިވެ އެވެ.

ދިރާސާގެ ދެ ވަނަ ބައިގައި އޮތީ އެއްގަޑިއިރުގެ ބައިސްކަލް އެނބުރުމުގެ ސެޝަނެކެވެ. ބޭނުމަކީ އެއްގަޑިއިރު ވަންދެން ހޫނުފެނުގައި އޮތުމާއި ބައިސްކަލް އެނބުރުމާ ދެ ކަމުން ކުރެ ރަނގަޅު އަސަރެއް ކުރަނީ ކޮން ކަމަކުންތޯ ދެނެގަތުމެވެ.

މި ދިރާސާގެ ނަތީޖާ ދެއްކިގޮތުގައި ހޫނުފެނުގައި އެއްގަޑިއިރު އޮތުމުން 140 ކެލޮރީޒް އަނދާފައިވެ އެވެ. މިއީ 30 މިނިޓް ހަލުވިކޮށް ހިނގާލުމުން ވެސް ކެލޮރީޒް އަނދާ މިންވަރެވެ.

ބައިސްކަލް ދުއްވުމުން އެވްރެޖްކޮށް ގަޑިއަކު 630 ކެލޮރީޒް އަނދަ އެވެ. ކަސްރަތުކުރުމުން ކެލޮރީޒް އަނދާ މިންވަރަށް ހޫނުފެނުން ފެންވެރުމުން ކެލޮރީޒް ނޭނދި ނަމަވެސް މިއީ ވަރަށް ގިނަ އެނާޖީ އަނދާ ކަމެއް ކަމަށް ފޯލްކްނާ ވިދާޅުވި އެވެ.

"އަހަރެމެންނަށް ފާހަގަ ކުރެވުނު ގޮތުގައި ހޫނު ފެނުން ފެންވެރުމުން ގުލްކޯޒް ލެވެލް މައްޗަށް ދާ މިންވަރު ކަސްރަތު ކުރުމަށް ވުރެ 10 ޕަސެންޓް އިތުރު"، ފޯލްކްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހެން ދިމާވާ އެއް ސަބަބަކީ ހޫނުފެނުން ފެންވެރުމުން ހީޓް ޝޮކް ޕްރޮޓީންސް ރިލީޒްވާތީ އެވެ.

ހަށިގަނޑުން މި ޕްރޮޓީންސް ރިލީޒްކުރަނީ ހޫނަށް އިޖާބަދިނުމުގެ ގޮތުންނެވެ. މިއީ ކަސްރަތުކުރުމާއި ހަށިގަނޑުގެ އެތެރޭގެ ބައެއްގައި އިންފްލެމޭޝަނެއް އަދި އިންފެކްޝަނެއް ހުރުމުން ވެސް މިގޮތަށް ދިމާވާ ކަމަށް ފޯލްކްނާ ވިދާޅުވި އެވެ.