20 މެއި 2018 - 08:03

މަޝްހޫރު ޑައިރެކްޓަރު ކްލިންޓް އީސްޓްވުޑް ސްކްރީނަށް އަލްވަދާއު ކިޔާ ފިލްމަކަށް ވާނީ އޭނާ ޑައިރެކްޓް ވެސް ކުރާ "ދަ މިއުލް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމްގައި އޭނާއާ މުހިއްމު ރޯލެއް ކުޅެން މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު ފިލްމަށް އަދި އޭނާ ސޮއިކުރިކަން ކަށަވަރެއް ނުވެ އެވެ. ކޫޕާ ވަނީ ކްލިންޓް 2014 ގައި ޑައިރެކްޓް ކުރި ފިލްމް "އެމެރިކަން ސްނައިޕާ" ގެ ލީޑް ރޯލް ކުޅެފަ އެވެ.
މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒް ކުރާ "އަ ސްޓާ އިޒް ބޯން" ގެ ލީޑް ރޯލް ކުޅެމުން އެ، ފިލްމް ޑައިރެކްޓް ކުރަމުން އަންނަ ކޫޕާ އިހަކަށް ދުވަހު ވަނީ މާޓިން ސްކޮސިސް އާއި ސްޓީވެން ސްޕީލްބާގް ޕްރޮޑިއުސް ކުރާ ފިލްމެއްގެ ޑައިރެކްޝަނާ ވެސް ހަވާލުވެފަ އެވެ.
އެ ފިލްމަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މިއުޒިކް ކޮމްޕޯޒަރުންގެ ތެރޭގައި ހިމެނެނު އެމެރިކާގެ ލެޖެންޑް ލިއޮނާޑް ބާންޒްޓެއިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެ ފިލްމްގައި ލިއޮނާޑްގެ ރޯލް ވެސް ކުޅޭނީ ކޫޕާ އެވެ.
"ދަ މިއުލް" އަކީ ވޯނާ ބްރަދާޒް އާއި އިމްޕެރޭޓިވް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ. ކްލިންޓް، 87، އެންމެ ފަހުން ކުޅުނު ފިލްމަކީ 2012 ގެ ބޭޒްބޯލް ޑްރާމާ "ޓްރަބަލް ވިތު ދަ ކާވް" އެވެ.
ނަވާރަސަތޭކަ 80 ގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ "ދަ މިއުލް" އަކީ ޑްރަގް ވިޔަފާރީގެ ތެރޭގައި އުޅޭ ބައެއްގެ ވާހަކަ ކިޔައިދޭ ފިލްމެވެ. މީގެ ވާހަކަ ބިނާ ކުރަނީ 2014 ގައި ނިއު ޔޯކް ޓައިމްސް މެގަޒިނުން ގެނެސް ދިން ފީޗާއަކަށެވެ. ކްލިންޓް ކުޅޭ ކެރެކްޓާގެ ނަމަކީ އާލް ސްޓޯން އެވެ.