19 މެއި 2018 - 15:17

އިންޑިއާގައި މުލަ ރޯދަ ދުވަހަކީ ހުކުރު ދުވަހެވެ. ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ހިންދޫއެއް ކަމަށްވާ ވަރުން ދަވަން ބުނި ގޮތުގައި އޭނާ ވެސް ހުކުރު ދުވަހު ހުރީ ރޯދައަށެވެ. އަދި ވަރުން ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ފޭނުންނަށް ކިޔައިފަ އެވެ.
މިހާރު ކުޅެމުން އަންނަ ފިލްމް "ކަލަންކް" އަށް ހަށިގަނޑު ތައްޔާރު ކުރަން ކުރިއަށް ގެންދާ ޖިމް ސެޝަންގެ ތެރޭގައި ނަގާފައިވާ އިސްޓަގްރާމް ވީޑިއޯއެއްގައި ވަރުން ބުނީ އޭނާއާ އެކު ޖިމަށް ދާ އެންމެން ވެސް ހުކުރު ދުވަހު ތިބީ ރޯދައަށް ކަމަށެވެ. އެކަމަކު މިއީ ކިހާ ވަރެއްގެ ހަގީގަތެއް ކަމެއް ނޭނގެ އެވެ.
އިސްލާމް ދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ރޯދަ މަސް ފެށުމާ އެކު ބޮލީވުޑްގެ ބައެއް ތަރިން ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ކިޔައިފަ އެވެ. އަދި ޓީވީ ބަތަލާ ހީނާ ހާން ވެސް ފޭނުންނަށް ތަހުނިޔާ ކިޔައިފަ އެވެ. މުސްލިމް އާއިލާއަކަށް ނިސްބަތްވާ ހީނާ ރަމަޟާން މަހުގެ ތަހުނިޔާ ފޮނުވީ ހުކުރު ދުވަހަށް ވެސް މަރުހަބާ ކިޔަމުންނެވެ.
ސްޓާ ޕްލަސް އިން ދައްކާ "ޔޭ ރިޝްތާ ކިޔާ ކެހެލާ" ގެ ކުރީގެ ބަތަލާ ހީނާ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ތަހުނިޔާ ފޮނުވީ ބުރުގާ އަޅައިގެން ނަގާފައިވާ ފޮޓޯއެއް ވެސް ޓްވިޓާގައި ހިއްސާ ކުރަމުންނެވެ.
ހީނާ ވަނީ ކަލާޒުން އެންމެ ފަހުން ގެނެސް ދިން "ބިގް ބޮސް" ސީޒަން 11 ގައި ވެސް ވާދަކޮށްފަ އެވެ. އޭނާ މިހާރު އަންނަނީ "ސްމާޓް ފޯން" ކިޔާ ކުރު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭގައި އޭނާ ފެނިގެން ދާނީ ސްމާޓްފޯނުގެ ދުނިޔޭގެ ތެރޭގައި އުޅޭ ރަށްފުށުގެ އަންހެނެއްގެ ރޯލުންނެވެ.
"ސްމާޓް ފޯން" ގެ ޝޫޓިން ތެރޭގައި ނަގާފައިވާ ފޮޓޯއެއް ވެސް ހީނާ ވަނީ ކުރިން އިސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
އަންނަ އެޕްރީލް މަހުގެ 19 ގައި ރިލީޒް ކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް" ގެ މަސައްކަތް ވަރުން ކުރަމުން އަންނަ އިރު، އޭނާ އެންމެ ފަނުން ފެނިފައި ވަނީ އެޕްރީލްގައި ރިލީޒް ކުރި "އޮކްޓޯބާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ރަންބޫމީ" ހިމެނެ އެވެ. އަދި އެންމެ އަވަހަށް ދެން ވަރުން ފެނިގެން ދާނީ ސެޕްޓެމްގައި ރިލީޒް ކުރާ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އިންނެވެ.