19 މެއި 2018 - 08:42

ޕެރިސް (މެއި 19) - ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި މަކަރުހެދި ކަމަށް ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ވިދާޅުވެއްޖެ އެވެ.
ފްރާންސުން 1998 ގެ ވޯލްޑް ކަޕް ތަށި އުފުލާލީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު ބްރެޒިލްގެ މައްޗަށް 3-0 އިން ފައިނަލުގައި ކުރި ހޯދައިގެންނެވެ. ޕްލެޓިނީ ވިދާޅުވީ މުބާރާތް އިންތިޒާމްކުރި ކޮމިޓީން މަކަރުހެދީ ފައިނަލުގެ ކުރިން ބްރެޒިލާއި ފްރާންސް ކުޅެން ނުޖެހޭ ގޮތަށް ހަދަން ކަމަށެވެ.
އެ ފަހަރުގެ ވޯލްޑް ކަޕް ގުރުއަތުލުން ބާއްވަން ދެ ދުވަހަށް ވެފައި އޮއްވައި ފީފާ އިން ވަނީ ބްރެޒިލާއި ފްރާންސް ތަފާތު ދެ ގްރޫޕަކަށް ލާފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ. އެއީ އޭރުގެ ރޭންކިންގައި އެންމެ ކުރީގައި އުޅެނީ މި ދެ ގައުމު ކަމަށްވާތީ އާއި އެންމެ ފަހުގެ ޗެމްޕިއަނާއި މުބާރާތް ބާއްވާ ގައުމު ވަކި ދެ ގްރޫޕަަކަށް ލާން މުބާރާތުގެ ކޮމިޓީން ނިންމާފައިވާކަމަށް ބުނެ އެވެ. ބްރެޒިލް ހިމެނީ ގްރޫޕް އޭ ގަ އެވެ. އަދި ފްރާންސް ހިމެނީ ގްރޫޕް ސީގަ އެވެ.
"އަހަރަމެން މުބާރާތުގެ ޝެޑިއުލާއި ޑްރޯ ހެދިއިރު ވަކި ގޮތްތަކެއް ވިސްނިން. އެއީ ބްރެޒިލާއި ފްރާންސް ކުޅޭ ގްރޫޕްތައް ކާމިޔާބު ކޮށްފިނަމަ ފައިނަލުގެ ކުރިން މި ދެ ޓީމު ކުޅެން ނުޖެހޭނެ ގޮތެއް ހޯދަން،" ފްރާންސްގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ޕްލެޓިނީ ވިދާޅުވި އެވެ.
ޕްލެޓިނީ ވިދާޅުވީ ކަންތައްތައް ކުރިއަށްގެންދާނެ ގޮތްތަކާ މެދު މަޝްވަރާކޮށް ދުރާލާ ތައްޔާރުވި ކަމަށެވެ.
"އަހަރެމެން ހަ އަހަރު ވަންދެން އެކި މަރުހަލާތަކުގައި ވޯލްޑް ކަޕްގެ މަޝްވަރާތަށް ކުރިއަށްގެންދިޔައިން. އޭރު މި ކަހަލަ ގޮތްތަކެއް ވެސް ހޯދީ. މި ފަދަ ކަންތައްތައް އަބަދުވެސް ހޯސްޓުން ކުރިއަށް ނުގެންދާނެކަން ކިހިނެއް އެނގެނީ،" ޕްލެޓިނީ ވިދާޅުވި އެވެ.
ފްރާންސްގައި 1998 ބޭއްވި ވޯލްޑް ކަޕާއި 2002 ވަނަ އަހަރު ދެކުނު ކޮރެއާ އަދި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ފީފާ އަށް ހުށަހެޅި އެވެ. އެހެން ނަމަވެސް އޭގެ އެއްވެސް މައްސަަލައެއް ކުރިޔަށް ނުދިޔަ އެވެ.
ހިޔާނާތުގެ މައްސަލައެއްގެ ސަބަބުން ޕްލެޓިނީ މި ވަގުތު ހުރީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފަ އެވެ. ޕްލެޓިނީ އަށް 2015 ވަނަ އަހަރު ފުރަތަމަ އައީ އަށް އަހަރުގެ ސަސްޕެންޝަނެކެވެ. އެހެން ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ވަނީ ހަތަރު އަހަރަށް ކުޑަކޮށްފަ އެވެ.
ބްލެޓާ އާއި ޕްލެޓިނީ ސަސްޕެންޑްކުރަން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިއަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީ އެވެ. ޕްލެޓިނީ އަށް 2011 ވަނަ އަހަރު ބްލެޓާ ދިން 1.3 މިލިއަން ޕައުންޑަކީ 1998 އިން 2002 ވަނަ އަހަރާއި ހަމައަށް ޕެލްޓިނީ ފީފާގެ ކޮންސަލްޓަންޓެއްގެ ގޮތުން ކުރި މަސައްކަތުގެ އަގުކަމަށް ބުނި ނަމަވެސް އެކަން އެއްވެސް އެއްބަސްވުމަކުން ފެންނާކަށް ނެތެވެ. އެހެންވެ މި މައްސަލަ ބެލުމަށް ފަހު ފީފާއިން ނިންމީ ޕްލެޓިނީ އާއި ބްލެޓާ ސަސްޕެންޑް ކުރުމަށެވެ.