ރާއްޖެ އޮތީ ރޭޒަރު ތިލައެއްގެ މިޔަމަތީގައި: ނަޝީދު
ރާއްޖެ އޮތީ ރޭޒަރު ތިލައެއްގެ މިޔަމަތީގައި: ނަޝީދު

ރާއްޖެ މިހާރު އޮތީ "ރޭޒަރު ތިލައެއްގެ މިޔަމަތީގައި" ކަމަށާއި ރާއްޖޭގެ އިގްތިސޯދު އެތައް ގޮތަކުން ހީނަރުވަމުން ދާއިރު މިހާރު އޮތީ "ކަޅުބަނދަރެއްގެ އަނދަވަޅަކަށް ވެއްޓިފައި" ކަމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަކު ކަނޑައަޅަން އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ނަޝީދުގެ "ޖަޒީރާ ރައީސް" ކެމްޕޭނުގެ ދަށުން، ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ސްކައިޕް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި ކަންބޮޑުވުންތައް ރިޔާސީ އިންތިހާބާ، އިންތިހާ އަށް ގުޅޭ ކަމަށާއި އެހެންވެ، އެމްޑީޕީން އިންތިހާބު ކުރުން ވަރަށް މުހިއްމު ކަމަށެވެ.

އިންތިހާބުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށާއި އެކަމަކު ދައްކަވާފައިވާ ވާހަކަފުޅުތައް ރައީސް ވަރަށް ގިނަ ފަހަރު ބަދަލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ކުރިން ވިދާޅުވެފައިވާ ވާހަކަފުޅުތައް ބަދަލުކުރައްވަނީ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އެކަމަށް އެދުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމާ ގުޅޭގޮތުން މި ވަގުތު ރައްޔިތުން ގޮތެއް ނިންމަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރައީސް ޔާމީން އަޅުގަނޑާ ވާދަކުރައްވަން އެދިވަޑައެއް ނުގަންނަވާނެ. އެކަމަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ޔާމީނާއި އަޅުގަނޑަށް ވުރެ ބޮޑު އިންތިހާބެއް. މިއީ ރައްޔިތުން ރާއްޖެއާ ގުޅޭގޮތުން އެންމެ މުހިއްމު ނިންމުން ނިންމާ އިންތިހާބު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު އެކަމާ ގުޅޭގޮތުން އދ. އިން ދެކޭ ގޮތް ވެސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނަަޝީދު ވާދަކުރުމާ ގުޅޭގޮތުން އެ ޕާޓީން ނިންމާ ނިންމުން، ބައިނަލްއަގްވާމީ ދުނިޔެ އާއި ރައްޔިތުންނަށް ވެސް ސާފުވާން ޖެހޭ ކަމަށާއި އެކަން އެނގެން އޮތީ ޕްރައިމަރީން ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ އަޅުގަނޑު އިންތިހާބުގައި ވާދަކޮށްފިއްޔާ އެ މަނިކުފާނު ބަލިވާނެ މިންވަރު. އަދި އަޅުގަނޑު މި ޕްރައިމަރީގައި ބައިވެރިވީ ވެސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން،" ނަޝީދު ވިދާޅުވި އެވެ.

"ޖަޒީރާ ރައީސް" ކެމްޕޭން ފެއްޓެވި ފަހުން، އެ މަނިކުފާނު އަންނަނީ ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުންނާ ސްކައިޕް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.