19 މެއި 2018 - 17:24

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސްރީ ލަންކާ ކައިރިން އުފެދުނު ތޫފާން "އޮކްޝީ" ގެ އަސަރުކޮށް ރާއްޖެ އިން ބޮޑެތި ގެއްލުންތަކެއްވި ށ. ޅައިމަގު ފަރުގައި މުރަކަ އަލުން އިންދައިފި އެވެ.

އެ ރަށުގެ ޒުވާނުންގެ ޖަމިއްޔާ "އެކުވެރިންގެ ރޫހު"ން ބުނީ، އެ ޖަމިއްޔާއިން އިސްނަގައިގެން، ޅައިމަގުގެ އިރު އުތުރު ފަރުގެ 50 ފޫޓު 30 ފޫޓު ސަރަހައްދެއްގައި ވަނީ މުރަކަ އިންދާފައި ކަމަށެވެ. މިއީ އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވައްސެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް މިހާރު ވެސް ތައްޔާރުވަމުން އަންނަ ކަމަށް އެކުވެރިންގެ ރޫހުން ބުންޏެވެ.
ތޫފާން އޮކްޝީގައި، އިންޑިއާ އާއި ލަންކާގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ޅައިމަގު ޖަމިއްޔާ އިން ބުނިގޮތުގައި، އެ ރަށުގެ ޒުވާނުންތަކެއް އިސް ނަގައިގެން ފަރުގައި މުރަކަ އިންދައި، އެ އާލާ ކުރުމުގެ މަސައްކަތް ފެށީ ޅައިމަގަށް ލޯކަލް ޓޫރިޒަމް ތައާރަފު ކުރަންވާއިރަށް ރަށުގެ ވަށައިގެންވާ ފަރު ރީތި ކުރުމުގެ ގޮތުންނެވެ.
އެ ރަށުގެ ބައެއް ވިޔަފާރިވެރިންނާއި އާއްމު ފަރާތްތަކުން ދިން ފައިސާގެ އެހީގައި ހިންގި އެ ޕްރޮގްރާމްގެ ކޮންސަލްޓަންޓަކީ ޅައިމަގު މުރަކަ، އިސްމާއީލް ޝަރީފެވެ.
އޭނާ އަކީ ކޮންރެޑް އިތާ އަންޑާ ވޯޓާ ރެސްޓޯރެންޓް ކައިރީގައި މުރަކަ އާލާކުރުމުގެ ޕްރޮގްރާމްގައި އަމަލީ ގޮތުން ބައިވެރިވެފައިވާ އަދި އެކަމުގެ ތަޖުރިބާކާރެއް ކަމަށް ޅައިމަގު ޖަމިއްޔާ އިން ބުންޏެވެ.