20 މެއި 2018 - 08:04

ދަރިން އިމްތިހާނުން ފާސް ނުވުމުން ބައެއް ބެލެނިވެރިން ރުޅި ގަދަވެ ނުވަތަ ހިތާމަ ކުރިޔަސް އިންޑިއާގެ މި . އާއިލާއިން ކަންތައް ކުރީ އޭގެ އިދިކޮޅަށެވެ.
އިންޑިއާގެ ބޯޕާލްގައި ސިވިލް ކޮންޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ސުރެންދުރަ ކުމާރް ވިޔާސް ޕާޓީއެއް ބޭއްވީ ފިރިހެން ދަރިފުޅު އަޝޫ ކުލާސް 10 ގެ ބޯޑިން އިމްތިހާނުން ފެއިލްވުމުންނެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ސުރެންދްރަ ކިޔައިދިން ގޮތުގައި އިމްތިހާނުތަކަށް ވުރެ ދިރިއުޅުން މުހިއްމެވެ.
"އަނެއްކާ އަންނަ އަހަރު ވެސް އިމްތިހާނުގައި ބައިވެރިވާނީ. ފެއިލްވުމަކީ އެއްވެސް މައްސަލައެއް ނޫން،" އޭނާާ ބުންޏެވެ.
ސުރެންދުތަ ބުނި ގޮތުގައި ދަރިފުޅު ފެއިލްވުމުން އަވަށްޓެރިންނާއި ރައްޓެހިންނަށް ޕާޓީއެއް ދިނީ އޭނާ "މޯޓިވޭޓް" ކުރުމުގެ ގޮތުންނެވެ. އެ ޕާޓީގައި ފޮނިކާއެއްޗެހި ބަހައި، ފަޓާހުގެ ކުޅިވަރު ކުޅެ މަޖާ ނެގި އެވެ.
"މިއީ އޭނާ އަށް ހިތްވަރު ދިނުމުގެ ގޮތުން ކުރި ކަމެއް. އަހަރެމެން ދެކެން ވަރަށް ގިނަ ފަހަރަށް އިމްތިހާނުތަކުން ފެއިލްވީމަ ކުދިން އަމިއްލަ އަށް މަރުވާ ތަން ވެސް. އެއީ މައިންބަފައިންގެ ޕްރެޝަރާ ވެސް ހެދި ކުރިމަތިވާ ކަމެއް،" އޭނާ ބުންޏެވެ. "އިމްތިހާނަކުން ފެއިލްވުމަކީ ހަޔާތުގެ ނިމުމެއް ނޫން. އަޝޫ ފެއިލްވީމަ ޕާޓީއެއް މިދިނީ އެހެން އެތައް ކުދިންނަކަށް ވެސް ހިތްވަރެއް ދިނުމުގެ ގޮތުން. އަދި މައިންބަފައިންނަށް ވެސް ފިލާވަޅަކަށް."
ފެއިވުމުން ބައްޕަ ބޭއްވި ޕާޓީން ހައިރާންވެފައި ހުރި އަޝޫ ބުނި ގޮތުގައި މިކަމުން ލިބުނީ އިތުރަށް މަސައްކަތް ކުރުމުގެ ހިތްވަރެވެ.
"އަންނަ އަހަރު އިމްތިހާނުން ފާސްވާން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.