18 މެއި 2018 - 16:42

ވޮޝިންޓަން (މެއި 18) - ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލާނީ "ލީބިއާގެ މޮޑެލް"އާ އެއްގޮތަށް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕުގެ މި ކޮމެންޓާއި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ދެއްކެވި ވާހަކަ ތަފާތެވެ. ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ނައްތާލާނީ ލީބިއާގެ މޮޑެލްއާ އެއްގޮތަށް ކަމަށް ޖޯން ބޯލްޓަން ވިދާޅުވުމާ ގުޅިގެން ނޯތު ކޮރެއާ އިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ޓްރަމްޕާ އެކު ކިމް ޖޮން-އުން ބާއްވާ ސަމިޓް ކެންސަލް ކުރަން ޖެހިދާނެކަމުގެ އިންޒާރު ވަނީ ޕިއޮންޔަން އިން ދީފަ އެވެ.
ލީބިއާގެ ލީޑަރު މުއައްމަރުލް ގައްޒާފީ 2003 ވަނަ އަހަރު ވަނީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާ މަތިން ނިއުކްލިއާ ހަތިޔާރު މަޝްރޫއު ހުއްޓާލައިފަ އެވެ. އެކަމަކު އޭގެ އަހަރުތަކެއް ފަހުން ވަނީ ހުޅަނގުގެ މަދަދު ލިބޭ ހަނގުރާމަވެރިން ލީބިއާ އަށް އަތްގަދަކޮށް ގައްޒާފީ އަވަހާރަކޮށްލައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ ކިމް ޖޮން-އުން ވެރިކަމުން ދުރުކުރަން އެމެރިކާ އިން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ޖޫން 12 ވަނަ ދުވަހު ސިންގަޕޫރުގައި ބާއްވާ ސަމިޓް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންއާ އެކު އެޕްރީލް މަހު ފަހުކޮޅު ކިމް ބޭއްވި ސަމިޓަށް ފަހު ނޯތު ކޮރެއާ އިން ވަނީ ވަރަށް ގިނަ ދޫތައް ދީފަ އެވެ. ނިއުކްލިއާ ޓެސްޓްތައް ސަސްޕެންޑް ކުރުމަށް ފަހު ނިއުކްލިއާ ޓެސްޓް ކުރާ ސައިޓް މި މަހު ނައްތާލާނެ ކަމަށް ވެސް ނޯތު ކޮރެއާ އިން ވަނީ ބުނެފަ އެވެ. އަދި އެމެރިކާގެ ތިން ގައިދީން ވަނީ ދޫކޮށްލައިފަ އެވެ.