19 މެއި 2018 - 08:29

އެމެރިކާގެ ރައީސްކަން ދެ ދައުރެއްގެ މަތިން ކުރައްވާފައިވާ ޔުލިސީސް އެސް ގްރާންޓްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލަޔަންސް ގޭޓުން ހަދާ ފިލްމް ސްޓީވެން ސްޕީލްބާގް ޑައިރެކްޓްކޮށް، އެ ފިލްމުން، މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ސްޕީލްބާގާއި ލިއޮނާޑޯ ކުރިން ވަނީ 2002 ގެ "ކެޗް މީ އިފް ޔޫ ކޭން" ގައި މަސައްކަތްކޮށްފަ އެވެ.
ރިޕޯޓްތައ ބުނާ ގޮތުން ޔުލިސީސްގެ ފިލްމް ހަދާނީ ލަޔަންސް ގޭޓާއި ސްޕީލްބާގް ކުންފުނި އެމްބްލިން އެންޓަޓައިންމަންޓް ގުޅިގެންނެވެ. އަދި މިކަމާ ގުޅޭ މަޝްވަރާތައް މިހާރު އަންނަނީ ކުރަމުން ކަމަށް ވެރެއިޓީން ބުންޏެވެ.
އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔުލިސީސްގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަނީ ރޮން ޗާނޯ މިދިޔަ އަހަރު ގެނެސް ދިން ބައޮގްރަފީ "ގްރާންޓް" އަށް ބިނާކޮށެވެ. އެމެރިކާގެ 18 ވަނަ ރައީސްކަން ޔުލިސީސް އަދާ ކުރެއްވީ 1869-1877 އަށެވެ.
ސްޕީލްްބާގް މީގެ ކުރިން ވެސް ވަނީ އެމެރިކާގެ ރައީސެއްގެ މައްޗަށް ބިނާކޮށް ފިލްމެއް އުފައްދައިފަ އެވެ. އެއީ ޑެނިއެލް ޑޭ ލުވިސް 2013 ގައި އެންމެ މޮޅު އެކްޓަރުގެ އޮސްކާ ހޯދި "ލިންކަން" އެވެ. އެ ފިލްމަކީ އަބްރަހަމް ލިންކަން އާއި ސިވިލް ވޯގެ ވާހަކަ ކިޔައި ދިން ފިލްމެކެވެ.
މި އަހަރު "ރެޑީ ޕްލެޔާ ވަން" ގެނެސް ދިން ސްޕީލްބާގް ޑައިރެކްޓް ކުރަން ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "އިންޑިއާނާ ޖޯންސް 5"، "ވެސްޓް ސައިޑް ސްޓޯރީ" އަދި "ބްލަކްހޯކް" ހިމެނެ އެވެ.
ލިއޮނާގެ ކުރިއަށް އޮތް ފިލްމަކީ ކްއެންޓިން ޓެރަންޓޯނީގެ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" އެވެ.