18 މެއި 2018 - 14:46

ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމުގެ ބަދަލުގައި ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފަައިވާ ނަޝީދު، ޔޫޓިއުބުގައި އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ހުރިހާ ގޮތަކުން ވެސްް ފެއިލް ވެފައިވާ ކަމަށެވެ. އެހެންވެ، އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ބޭއްވުމަށް ހުށަހަޅުއްވާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް ރައްޔިތުން ވޯޓު ދީފައިވާ ގޮތުން، ރާއްޖެއަށް ބޭނުންވަނީ ބަރުލަމާނީ ނިޒާމެއްކަން ސާފުވެއްޖެ ކަމަށެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފަހުން، ސިޔާސީ އެއް ފަރާތަކަށް 51 ޕަސެންޓް ވޯޓު ލިބިފައި ނުވާ ކަމަށާއި ހުރިހާ އިންތިހާބެއް ވެސް ކާމިޔާބު ކުރީ އިއްތިހާދަކުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ވޯޓު ދީފައިވާ ގޮތުން އެނގޭ ރައްޔިތުންގެ ތޮބީއަތުގައި ހުރީ ބަރުލަމާނީ އުސޫލެއްކަން. އެއް ޕާޓީއަކަށް ބޮޑު އަގުލަބިއްޔަތެއް ނެތްކަން. ގިނަ ޕާޓީތައް އެކުވެގެން ވެރިކަން ކުރަން އެދޭކަން. އެއީ ބަރުލަމާނީ ނިޒާމުގެ ވެރިކަން،" 2008 ވަނަ އަހަރު އެމަނިކުފާނު އަދި 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކާމިޔާބު ކުރެއްވީ އިއްތިހާދަކާ ގުޅިވަޑައިގެންކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ދެ ފަހަރު ވެސް އިއްތިހާދު ރޫޅުނީ، ގާނޫނު އަސާސީގައި އާއި ރިޔާސީ ނިޒާމުގައި ވެސް އިއްތިހާދު ބީރައްޓެހިވުމުންނެވެ.
ނަޝީދު ވިދާޅުވީ މިހާރު ވެރިކަން ކުރާގޮތަކުން އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަނީ "ހަރުކަށި ގޮތުގައި" ސަރުކާރު ވައްޓާލަން ކަމަށެވެ. އެފަދަ ވިސްނުން އަންނަ އެންމެ ބޮޑު ސަބަބަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސުލްހަވެރިގޮތުގައި، އޮމާންކަމާއެކު ވެރިކަން ބަދަލުކުރުމުގެ ފުރުސަތު ނެތުމެވެ. އެކަމަކު މަޖިލީހުގެ އަޣްލަބިއްޔަތު ވެސް އޮންނަ އިއްތިހާދު ރޫޅިއްޖެ ނަމަ، އަލުން އެހެން ސަރުކާރެއް އޮމާންކަމާއި މަޑުމައިތިރި ކަމާއެކު އެކުލަވާލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ބަރުލަމާނީ ނިޒާމެއްގައި، އިއްތިހާދު ރޫޅިއްޖެ ނަމަ ވެރިކަން ބަދަލުވާނެ... އަދި ހަރަދު ވެސް ކުޑަވާނެ" އެ ނިޒާމުގެ މުހިއްމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ވަޒީރުންނަށް އިތުރު އެލަވަންސެއް ނުވަތަ މުސާރައެއް ދޭން ނުޖެހޭނެ ކަމަށާއި ހުރިހާ ސިޔާސީ މަގާމެއް ވެސް އުފެދިގެން އަންނާނީ މަޖިލީހުގެ ތެރެއިން ކަމަށެވެ. އެހެންވެ "މުސާރަ ދޭން އިތުރު ކޯޑިނޭޓަރުން ބައިތިއްބަން" ނުޖެހޭނެކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.