ނަޖީބާ ގުޅުން ހުރި އެޕާޓްމަންޓަކުން ފައިސާ ހުރި ފޮށިތަކެއް ހޯދައިފި
ނަޖީބާ ގުޅުން ހުރި އެޕާޓްމަންޓަކުން ފައިސާ ހުރި ފޮށިތަކެއް ހޯދައިފި

ކުއާލަ ލަމްޕޫރު (މެއި 18) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްގާ ގުޅުން ހުރި އެޕާޓްމަންޓަކުން ފުލުހުން ހޯދި ފޮށިތަކަކުން ގިނަ އަދަދެއްގެ ފައިސާ ފެނިއްޖެ އެވެ.

ނަޖީބާ ގުޅުން ހުރި އެޕާޓްމަންޓަކުން ފައިސާ ހުރި ފޮށިތަކެއް ހޯދައިފި
ނަޖީބާ ގުޅުން ހުރި އެޕާޓްމަންޓަކުން ފައިސާ ހުރި ފޮށިތަކެއް ހޯދައިފި

ނަޖީބާ ގުޅުން ހުރި ތަންތަން ފުލުހުން ބަލާ ފާސްކުރަމުން ދަނީ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނާ ގުޅޭ ހެކި ހޯދުމަށެވެ. ބުދަ ދުވަހުގެ ރެއިން ފެށިގެން ފުލުހުން ދަނީ ނަޖީބާ ގުޅިގެން ބައެއް ތަންތަން ފާސްކުރަމުންނެވެ. މި ގޮތުން ނަޖީބުގެ އޮފީހާއި ގެ އާއި އޭނާއާ ގުޅުން ހުރި އެޕާޓްމަންޓްތައް ބަލަމުން ދަނީ މީޑިއާގެ ހާޒިރުގަ އެވެ. ނަޖީބުގެ ގެއިން ވަނީ ތިޖޫރީއެއް ވެސް ހޯދައިފަ އެވެ.

މެލޭޝިއާ ފުލުހުންގެ ކޮމާޝަލް ކްރައިމް އިންވެސްޓިގޭޝަން ޔުނިޓުގެ ވެރިޔާ އަމަރު ސިންގް މިއަދު ވިދާޅުވީ ނަޖީބާ ގުޅުން ހުރި އެޕާޓްމަންޓުން ހިފެހެއްޓި ފޮށިތަކުގައި ގިނަ އަދަދެއްގެ ލަގްޒަރީ އައިޓަމްތައް ހުރި ކަމަށެވެ. އޭގެ ތެރޭގައި އަގު ބޮޑު ހޭންޑްބޭގާއި ގިނަ އަދަދެއްގެ ބޭރު ފައިސާ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުން ވަނީ 284 ފޮށި ހިފަހައްޓައިފަ އެވެ.

"ބައެއް ފޮށިތައް ޗެކްކުރި އިރު ވަނީ މެލޭޝިއާ ރިންގިޓާއި އެމެރިކާ ޑޮލަރު އަދި އަގު ބޮޑު ގަޑިތަކާއި ގަހަނާފެނިފައި،" އަމަރު ސިންގް ވިދާޅުވި އެވެ.

ނަޖީބާ ގުޅުން ހުރި ތަންތަން ބަލާ ފާސްކުރާތީ އޭނާގެ ވަކީލުން ދަނީ އެއީ ޖެއްސުން ކުރުމުގެ ގޮތުން ހިންގާ އަމަލުތަކެއް ކަމަށް ބުނަމުންނެވެ.

1އެމްޑީބީ ބޭންކުން ނަޖީބުގެ އެކައުންޓަށް 2015 ވަނަ އަހަރު ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަޖީބުގެ އެޓާނީ ޖެނެރަލް ވަނީ އެ މައްސަލަ ބެލުމަށް ފަހު އެއީ ސައުދީން ދިން އެހީއެއް ކަމަށް ނިންމައިފަ އެވެ. އެކަމަކު ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވަނީ އެ ބޭންކުގެ ކޮރަޕްޝަނުގެ މައްސަލަ އަލުން ބަލައި ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.