18 މެއި 2018 - 12:19

ޕެރިސް (މެއި 18) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފްރާންސް ޓީމުން މެންޗެސްޓާ ޔުނައިޓެޑްގެ ވިންގާ އެންތަނީ މާޝިއަލް އަދި އާސެނަލްގެ ފޯވާޑް އަލެކްސެންޑަ ލަކަޒޭޓް ބާކީވެއްޖެ އެވެ.
ފްރާންސުން އިއުލާންކުރި 23 ކުޅުންތެރިންގެ ސްކޮޑުން ލަކަޒޭޓާއި މާޝިއަލްގެ އިތުރުން ދެން ބާކީވި ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ މާސޭގެ ކެޕްޓަން ޑިމިޓްރީ ޕަޔެޓް އެވެ. މީގެ ތެރެއިން އުމުރުން 22 އަހަރުގެ މާޝިއަލް އަކީ ވަރަށް ފަހަކާ ޖެހެންދެން ޓީމުގެ ފުރަތަމަ އެގާރައިގައި ވެސް ގިނަ މެޗުތަކުގައި ކުޅުނު ކުޅުންތެރިއެކެވެ.
ފުރުސަތު ނުލިބޭ ފާހަގަ ކޮށްލެވޭ އެހެން ކުޅުންތެރިންނަށް ބަލާއިރު ޕީއެސްޖީގެ އެޑްރިއެން ރަބިއޮޓާއި ބަޔާން މިއުނިކްގެ ކިންގްސްލީ ކޯމަން ހިމެނެ އެވެ.
ފްރާންސް ސްކޮޑުގައި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ފަސް ކުޅުންތެރިއަކަށް ވަނީ ފުރުސަތު ދީފަ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ އަނިޔާއިން ރަނގަޅުވެ ދާދި ފަހުން ކުޅުމަށް އެނބުރި އައި މެންޗެސްޓާ ސިޓީގެ ވާތު ބެކް ބެންޖަމިން މެންޑީ އެވެ. ކަކުލަށް ލިބުނު އަނިޔާއަކުން ރަނގަޅުވުމަށް ފަހު ހަތް މަސް ފަހުން މެންޑީ ފުރަތަމަ މެޗެއް ކުޅުނީ މިދިޔަ އޭޕްރީލް މަހުގަ އެވެ.
ޓީމުގައި ދެން ހިމެނުނު ފާހަގަކޮށްލެވޭ އަނެއް ކުޅުންތެރިއަކީ ސެވިއްޔާ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޓީވެން އެންޒޮންޒީ އެވެ. ކުރިން ބްލެކްބާނާއި ސްޓޯކަށް ކުޅުނު އެންޒޮންޒީ ފްރާންސަށް މީގެ ކުރިން ކުޅެދީފައިވަނީ ތިން މެޗެވެ.
މި ފަހަރު ޓީމުން ފުރުސަތު ނުލިބި ސްޓޭންޑްބައި ލިސްޓުގައި ތިބި ކުޅުންތެރިންނަކީ ލަކަޒޭޓާއި މާޝިއަލްގެ އިތުރުން ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރު މަމަދޫ ސާކޯ، ސްޓޯކް ސިޓީގެ ޑިފެންޑަރު ކާޓް ޒޫމާ އަދި ޓޮޓެންހަމްގެ މިޑްފީލްޑަރު މޫސާ ސިސޯކޯ އެވެ.
ގޯލްކީޕަރުން: ހޫގޯ ލޮރީސް (ޓޮޓެންހަމް)، އަލްފޮންސޭ އަރެއޯލާ (ޕީއެސްޖީ) އަދި ސްޓީވް މަންޑަންޑާ (މާސޭ)
ޑިފެންޑަރުން: ލޫކަސް ހެނާންޑޭޒް (އެތުލެޓިކޯ މެޑްރިޑް)، ޕްރެސްނެލް ކިމްޕެމްބޭ (ޕީއެސްޖީ)، ބެންޖަމިން މެންޑީ (މެންޗެސްޓާ ސިޓީ)، ބެންޖަމިން ޕާވާޑް (ސްޓުޓްގާޓް)، އާދިލް ރަމީ (މާސޭ)، ޖިބްރީލް ސިޑީބޭ (މޮނާކޯ)، ސެމުއެލް އުމްޓީޓީ (ބާސެލޯނާ)، ރަފައެލް ވަރާން (ރެއާލް މެޑްރިޑް)
މިޑްފީލްޑަރުން: އެންގޯލޯ ކާންޓޭ (ޗެލްސީ)، ބްލައިސް މަޓުއިޑީ (ޔުވެންޓަސް)، ޕައުލް ޕޮގްބާ (މެންޗެސްޓާ ޔުނައިޓެޑް)، ސްޓީވެން އެންޒޮންޒީ (ސެވިއްޔާ)، ކޮރެންޓިން ޓޮލީސޯ (ބަޔާން މިއުނިކް)
ފޯވާޑުން: އޮސްމާން ޑެމްބެލޭ (ބާސެލޯނާ)، އޮލިވިއޭ ޖިރޫ (ޗެލްސީ)، ނަބީލް ފެކީރް (ލިޔޯން)، އެންޓޮއިން ގްރީޒްމަން (އެތުލެޓިކޯ މެޑްރިޑް)، ތޯމަސް ލެމާ (މޮނާކޯ)، ކިލިއަން އެމްބާޕޭ (ޕީއެސްޖީ)، ފްލޯރިއަން ތޯވާން (މާސޭ)