ހިތްވަރާ އެކު މާޖިދާ އަލުން ކުރީގެ ފޯމަށް
ހިތްވަރާ އެކު މާޖިދާ އަލުން ކުރީގެ ފޯމަށް

މިދިޔަ އަހަރަކީ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އައިޝަތު މާޖިދާ އަށް އެންމެ ކާމިޔާބު އަހަރެއް ނޫނެވެ. އެކަމަކު މި އަހަރުގެ ފުރަތަަމަ މުބާރާތް ކަމަށްވާ ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) އިން ހޯދިއިރު، އެ ޓީމުގެ މި ކާމިޔާބީގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ ކުޅުންތެރިޔަކީ މާޖިދާ އެވެ.

މުބާރާތުގައި މައިޑާ އިން ޖުމްލަ ކުޅުނީ ފަސް މެޗެވެ. އޭގެ ތެރެއިން ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާޖިދާ އެވެ. އޭނާ އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ނުލިބުނީ ދެ ވަނަ ބުރުގައި ޕޮލިސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗު ތިން ސެޓު ދެ ސެޓުން މައިޑާ ބަލިވިއިރު، އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ މާޖިދާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާޖިދާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވީ ފައިނަލް މެޗުގަ އެވެ. ފައިނަލުގައި ކްލަބް ވެމްކޯއާ ދެކޮޅަށް ކުޅުނުއިރު، މާޖިދާގެ މޮޅު ކުޅުމާ އެކު ފުރަތަމަ ދެ ސެޓު ގެންދިޔައީ މައިޑާ އިންނެވެ. އެ މެޗުގައި ދެން ކުޅުނު ދެ ސެޓުގައި މައިޑާގެ ކުޅުން އެންމެ ބޮޑަށް ދަށްވި ސަބަބަކީ އެ ޓީމުގެ ކުޅުންތެރިން ވަރުބަލިވުމެވެ. ހާއްސަކޮށް އެ ޓީމުން މޮޅު ކުޅުމެއް ދެއްކި މާޖިދާގެ ކުޅުމަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ.

ދެ ޓީމު އެއްވަރުވެ ނަތީޖާ ނެރެން ކުޅުނު ފަހު ސެޓުގައި މާޖިދާގެ ފަރާތުން ވަނީ ފުރަތަމަ ދެ ސެޓުގައި ކުޅުނު ކުޅުން އަނެއްކާ ވެސް ފެނިފަ އެވެ. އެ ޓީމަށް ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު ޕޮއިންޓާ ހަމައަށް ހުރިހާ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އޭނާ ލީޑާޝިޕް ދެއްކި އެވެ.

"މި މުބާރާތަކީ މާޖިދާ ހުރިހާ ގޮތަކުން ތަފާތު ދެއްކި މުބާރާތެއް. ވެމްކޯ އަކީ އެންމެ ވަރުގަދަ ޓީމު. އެކަމަކު އެ ޓީމު ބަލިކޮށް މައިޑާ އަށް ތަށި މި ލިބުނީ. މީގެ އެއް ކުޅުންތެރިއަކަށް ތައުރީފް ހައްގުވާނަމަ މާޖިދާ އަށް ތައުރީފް ކުރިން ހައްގު." މުބާރާތުގެ ގިނަ މެޗުތަކެއް ބެލި ވޮލީބޯޅަ ކޯޗަކު "މިހާރަ"ށް ބުންޏެވެ.

އޭނާ ބުނީ ފާއިތުވި އަހަރުގައި މާޖިދާ އަށް އެންމެ މޮޅު ކުޅުން ނުދެއްކުނު ނަމަވެސް މި މުބާރާތުގައި ފެނުނު ކުޅުމަށް ބަލާއިރު އޭނާ ހުރީ ވަރުގަދަ ރޫހެއްގައި ކަމަށެވެ.