މަހުލޫފަށް ދެވަނަ ހުކުމް އިއްވުން މާދަމާ؟!
މަހުލޫފަށް ދެވަނަ ހުކުމް އިއްވުން މާދަމާ؟!

ޖަލަށް ލާފައިވާ މަޖިލިސް މެމްބަރު އަހުމަދު މަހުލޫފަށް ދައުވާ ކުރާ ދެ ވަނަ މައްސަލައިގައި ޝަރީއަތުގެ މަޖިލީހެއް މާދަމާ ބާއްވަން ނިންމައިފި އެވެ. އެކަމަކު މި މަޖިލީހުގައި ހުކުމް ކުރާނެ ކަމެއް އަދި ޔަގީނެއް ނޫނެވެ.

މި މައްސަލައިގައި މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު ވެސް ހުކުމް ކުރުމުގެ މަޖިލިސް ބާއްވަން އުޅުނެވެ. އެކަމަކު، އެ ދެ ދުވަހު ވެސް އެންމެ ފަހު ވަގުތު އެ ޝަރީއަތްތައް ކެންސަލް ކުރީ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. އެކަމަކު، މާދަމާ މެންދުރުފަހު 2:00 ބާއްވަނީ ހުކުމް ކުރުމުގެ މަޖިލިސް ކަމެއް އަދި ސާފެއް ނުވެ އެވެ. އަޑުއެހުންތައް ނިންމާލުމަށް ފަހު ވެސް އިތުރު ކަމެއް ސާފު ކުރަން ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވަ އެވެ.

މިހާރު ވެސް ހަތަރު މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހުލޫފްގެ މައްޗަށް ކުރާ މި ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ގަދަކަމުން ވަދެ، ބެރިކޭޑުތައް ކޮއްޕާ ހެދި ކަމަށެވެ. އެހެންވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލީ އެވެ.

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނުކަން ވެސް ކުރައްވާ މަހުލޫފަށް މިދިޔަ ހޯމަ ދުވަހު ހުކުމް އިއްވީ ވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލައެއްގަ އެވެ. އެއީ ފުލުހުންގެ ބަންދުގައި ހުރެ، ފިލަން މަސައްކަތް ކުރި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވުމުންނެވެ.

އެއީ އަހަރަކަށް ވުރެ ކުރު ހުކުމެއްކަމުން މަހުލޫފްގެ ގޮނޑިއެއް ނުގެއްލެ އެވެ. އެކަމަކު، ހުކުމުގެ މުއްދަތުގައި މަޖިލީހަކަށް ހާޒިރެއް ނުުވެވޭނެ އެވެ.