20 މެއި 2018 - 07:58

ބުޜާސްފަތި ދުވަހާ ގުޅޭ
އިރުއިރުކޮޅާ ޝާޒްލީ ލޮލުން ކަރުނަ ފުހެލައެވެ. އެންމެ ފަހުން ނެގުނު ބަނބުކެޔޮ ފޮތި އަނގަޔަށް ލައި ހަފައިލުމާއެކު ބޭރަށް ބުރުވައިލިއެވެ. ބަނބުކެޔޮ ކަމަށް ހީކޮށް ޝާޒްލީއަށް ކެވުނީ ދަޅުގެ ފުލުގައި އޮތް ފަތްކޮޅެކެވެ. ދަޅު ބަލައިލިއިރު އެންމެ އެތިކޮޅެއް ވެސް ނެތެވެ.
"އަޅޭ! ހުސްވީތަ؟" ޝާޒްލީއަށް ބުނެވުނެވެ. އަދި ނިކަން ބާރަށް ގޮވައިލިއެވެ. "މަންމާ! ބަނބުކެޔޮ ދަޅު ހުސްވެއްޖެ! އައި ނީޑް ސަމް ބަނބުކެޔޮ!"
ޝާޒްލީގެ އަޑެއް އަޒްރާއަކަށް ނީވެއެވެ. އަޒްރާ އިނީ ފޯނުން މީހަކާ ވާހަކަދައްކާށެވެ.
"ތީ ކާކުތަ؟" އަޒްރާ އެހިއެވެ. "ކީއްކުރަންތަ މަށަށް ތި ގުޅަނީ؟"
"އަޖައިބެއް!" ސަމާސައިގެ ރާގެއްގައި އެ މީހަކު ބުންޏެވެ. "އަޒޫއަށް ގުޅާނީ އަޒޫއާ ވާހަކަދައްކާކަށްނު!"
"އެއީ ކީއްކުރަން މަށާ ވާހަކަދައްކަނީ؟" އަޒްރާ ސުވާލުކުރިއެވެ.
"ކީއްކުރަންހޭ؟" އެ މީހަކު ބުންޏެވެ. "ވާހަކަދައްކާ ހިތުން. ތި ރީތި އަޑު އަހާލާ ހިތުން. އަދި ކިތައް ސަބަބު ބޭނުން؟ އަޅެ ވާހަކަދައްކަބަލަ! އަހަރެން ހުންނާނަން އަޑުއަހަން."
އެ މީހެއްގެ އަޑު އަޒްރާއަށް ވަރަށް ކަމުދިޔައެވެ. އެހެންނަމަވެސް އެހެން ބުނާކަށް ބޭނުމެއް ނުވިއެވެ. ބަދަލުގައި ބޭނުންވީ ގަދަކޮށްލާށެވެ.
"ބުނަން ވާހަކައެއް،" އަޒްރާ ރުޅިއަންނަ ކަމަށް ހެދިލައިފައި ބުންޏެވެ. "އަހަންނަކީ ތި ހީކުރާ ކަހަލަ މީހެއް ނޫން.. އަހަރެން.."
"އެނގެޔޭ،" އެ މީހާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ތި ހުރިހާ ކަމެއް އެނގި ހުރެގެންނޭ މި ގުޅީ. މީހަކާ އިނދެގެންނެއްނު އުޅެނީ. އެ މީހާއަށް ކިޔަނީ ޖިނާއެއްނު! އެއީ ޓީޗަރެއްކަން ވެސް އެނގޭ. އަދި އެނގޭ އޭނަ ވަރަށް އަޅާނުލާކަން.."
"މަންމާ! މަންމާ!" ޝާޒްލީގެ އަޑު ކައިރިވަމުން އައެވެ.
"ދެން މަށަށް ނުގުޅާތި!" އަޒްރާ މަޑުމަޑުން ބުނެފައި ފޯނު ކަނޑައިލިއެވެ.
ޝާޒްލީ ބަދިގެއަށް ވަނެވެ. އެއް އަތުގައި އޮތީ ބުޅަލެވެ. އަނެއް އަތުގައި ހުސް ދަޅު އޮތެވެ.
"މަންމާ އުހުނ!" ހުސްދަޅު ދައްކައިލަމުން ޝާޒްލީ ބުންޏެވެ. "ދެން ނެތްތަ ބަނބުކެޔޮ ކޮޅެއް؟ ފިލްމުގެ އެންމެ ސަޅި ހިސާބަށް ދިޔަ ތަނާއޭ ދަޅު ހުސްވީ!"
އަޒްރާ މޭޒުމަތީގައި ފޯނު ބޭއްވުމަށް ފަހު ބޮލަށް ހުޅިއެއް ޖަހައިލިއެވެ. މޭޒުމަތީގައި ހުރި ތަށިތައް ނަގަން ފެށިއެވެ.
"ބަނބުކެޔޮ ނެތިއްޔާ ފިލްމެއް ނުބެލޭތަ؟" އަޒްރާ އެހިއެވެ. "މަންމައަށް ޔަގީން މި މަހު ވެސް ތިޔަ ފިލްމެއް ވިއްސަކަށް ފަހަރު ބަލައިފިކަން. ފޫއްސެއް ވެސް ނުވޭތަ؟ ކޮން ޒަމާނެއްގެ ފިލްމެއް ތީ؟"
ޝާޒްލީ ދަޅު ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ.
"މަންމާ!" މޭޒުމައްޗަށް ބުޅާ ލަމުން ޝާޒްލީ ބުންޏެވެ. "އެއީ ޓައިޓޭނިކޭ!"
"ދެން ދަރިފުޅާ! ކާމޭޒަށް ބުޅާ ނާރުވާށޭ މަންމަ ބުނަމެއްނު!" އަޒްރާ ހިތްހަމަނުޖެހިފައި ބުންޏެވެ.
ޝާޒްލީ ބުޅާ ނެގިއެވެ. ބުޅާ ތެޅިފޮޅިގަތުމުން ތަޅުންގަނޑު މަތީގައި ބެހެއްޓިއެވެ.
"އަޅެ ނެތް ކުޑަ އެތިކޮޅެއް ވެސް؟" ޝާޒްލީ އެހިއެވެ.
"ބައްޕައަށް ގެއަށް ވަދެވުނު އިރަކުން ބައްޕަޔާ ތި ޝަކުވާ ކުރޭ!" އަޒްރާ ޖަވާބުގައި ބުންޏެވެ. "މަންމައަށް މިހާރު ކިތަންމެ ފަހަރަކު ވެސް ބުނެވިއްޖެ! ކޮބައިތަ ފަޒޭލް ބޭބެ؟ ދަރިފުޅު ދޭބަލަ އުނދުން ބަލައިލަން. ބަތްތަވާ ފުލުގަ ހިފިޔަ ނުދޭތި!"
ޗޮކެއްކަނޑައިފައި ޝާޒްލީ ހިނގައިގަތެވެ. އަޒްރާ ގޮސް ފަޒޭލްގެ ކޮޓަރިއަށް ބޯދިއްކޮށްލިއެވެ. އޭނަ އިނީ ފިލާވަޅެއް ހަދާށެވެ. މޭޒު ކައިރީގައި ގަލަމެއް ވެއްޓިފައި އޮތެވެ. އަޒްރާ ގޮސް ގަލަން ނަގައި މޭޒުމަތީގައި ބޭއްވިއެވެ. ފަޒޭލްގެ ބޮލުގައި ފިރުމައިލައިފައި ކޮޓަރިން ނުކުތްއިރު ސުހެއިލު ގެއަށް ވަންނަނީއެވެ.
"މިހާރު ކޮންތާކުން ތި އައީ ދަރިފުޅާ؟" އަޒްރާ އެހިއެވެ. "އަޅެ މަންމަ ބުނީމެއްނު އެ ފިލާވަޅުތައް ނިންމާފަ ނޫނީ ބޭރަށް ނުދައްޗޭ! ފަޒޭލް ކޮއްކޮއަށް މިހާރު ނަންބަރުތައް ބުނެދީފިންތަ؟"
"މަ ބޭނުމެއް ނޫން ބޭބެގެ ހެލްޕެއް!" ފަޒޭލް ބުނި އަޑު އިވުނެވެ.
"އެހެރީ!" ސުހެއިލް ބުންޏެވެ. "އެކަމަކު މަންމަ ބުނާނެ.."
"އާނ އެހެންޏަ!" ފަޒޭލު ބުންޏެވެ. "އޭރުން މަ ވެސް މި އަހަރު ރިޕީޓު ކަންނޭނގެ ކުރަން ޖެހޭނީ."
ފަޒޭލު އެހެން ބުނީތީ ސުހެއިލު ގާތަށް ރުޅިއައެވެ. ރައްދުގައި ސުހެއިލު ބުނީ ފަޒޭލު ގާތަށް ރުޅިއަންނަ ކަހަލަ އެއްޗެކެވެ. އެ ހިސާބުން ދެބެންގެ ޒުވާބު ފެށިއްޖެއެވެ. އަޒްރާއަށް އެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނިކޮށް ޝާޒްލީގެ އަޑު އިވުނެވެ.
"މަންމާ!" ޝާޒްލީ ގޮވައިލިއެވެ. "ބަތް އެއްޗަށް ގޮތެއް ވެއްޖެ! އެބަ އަނދާ!"
"މިދަނީމިދަނީ!" ޗޮކެއް ކަނޑައިފައި އަޒްރާ ބުންޏެވެ. "އެއް ކަމެއް ނުނިމެނީސް އަނެއް ކަމެއް. މަ އެކަނި ހޯދި ދަރިންތަކެއްތަ މީ؟ މާ މޮޅު ޓީޗަރަކަށް ވެގެން އެހެން މީހުންގެ ދަރިންނަށް ފިލާވަޅު ނަގައިދިނުމުގެ ބަދަލުގަ ޖިނާ ވެސް މާ ރަނގަޅެއްނު އޭނަގެ ދަރިންނަށް ނަސޭހަތެއް ދޭން ގޭގަ މަޑުކޮށްލަން. އިރު އަރައިފިއްޔާ މަގޭ ބޮލުގަރިހުން މަޑު ނުވޭ!"
ކުދި ކިޔަމުން އަޒްރާ ގޮސް ބަދިގެއަށް ވަނުމުގެ މާ ކުރިން ބަތްތަވާ ދުންގަތް ވަސް ދުވައިފިއެވެ. އެއީ އާންމުކޮށް ކަންކަން ހިނގާ ގޮތެވެ. އަޒްރާގެ ފިރިމީހާއަކީ ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ މީހެކެވެ. އިސްކޫލުގައި ކިޔަވައިދޭ ގަޑިތައް ނިމުމުން އޮންނަނީ ކޮލެޖު ނުވަތަ ޔުނިވާސިޓީގެ ކޮންމެވެސް ކަމަކު އެ ތަނަށް ދާންޖެހިފައިއެވެ. އެއިން އެއްވެސް ކަމެއް ނެތިއްޔާ ޖިނާ އުޅޭނީ ކޮންމެވެސް ކުއްޖަކަށް ޓިއުޝަން ދިނުމުގައެވެ. އޭގެ އިތުރަށް، ރާއްޖެތެރޭގެ ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް ވެސް ގިނަވެފައި ދޭތެރެ އަވަހެވެ.
ރޭގަނޑުގެ ވަގުތެވެ. ގަޑިން އަށެއް ޖަހަނީއެވެ. ސަކީނާ ހުރީ ބަދިގޭގައި މަސްކޮޅެއް ތެއްލާށެވެ. ގޭތެރެ ވަރަށް ފަޅެވެ. މާ ބޮޑު އަލިކަމެއް ނެތެވެ. މަސްކޮޅު ރަނގަޅަށް ރޯފިލުމުން އުނދުން ނިއްވައިލައިފައި ތަށްޓަކަށް މަސްކޮޅު އަޅައިލިއެވެ. އަދި ބަތްކޮޅަކާއި ރިހަފޮދެއް އަޅައިގެން އައިސް ކާމޭޒު ކައިރީގައި އިށީނެވެ. ފަންގިފިލާ ފަންކާ އާދައިގެ އިސްޕީޑެއްގައި އެނބުރިއެނބުރި ހުއްޓެވެ. ބަތްކޮޅު މޮޑެލުމަށް ފަހު ފުރަތަމަ ސުވާ އަނގަޔަށް ލާން އުޅެނިކޮށް ފަންކާ ހުއްޓުނެވެ. އެއީ އާންމުކޮށް ހިނގާކަމެއް ނަމަވެސް، ފަންކާ އެ ގޮތަށް ހުއްޓޭ ކޮންމެ ފަހަރަކު ސަކީނާ ވަރަށް ބިރުގަނެއެވެ. ހަމަ ހުރެފައި ފަންކާ ހުއްޓިދާނެ ކަމަކަށް ސަކީނާ ގަބޫލެއް ނުކުރެއެވެ. ސަކީނާ ތެދުވެގެން ގޮސް ފަންކާގެ ސުވިޗާ ކުޅެލިއެވެ. ނިއްވައި ޖައްސައި ހެދިއެވެ. ވީކަމެއް ނެތެވެ. އަލުން އައިސް ގޮނޑީގައި އިށީންތަނާ ބޮކި ނިވުނެވެ. ދިއްލުނެވެ. އަނެއްކާ ވެސް ނިވިފައި ދިއްލުނެވެ. ވައްކަޅިން ބޮތްކަށް ބަލައިލުމަށް ފަހު ސަކީނާ އެހެން ދިމާއަކަށް ނުބަލައެވެ. ފެންފޮދެއް ބޯންވެގެން ތަށްޓާ ދިމާއަށް ސަކީނާ އަތް ގެންދިޔައިރު އަތުގައި ތުރުތުރެއް ހުއްޓެވެ. ފެންތަށި ނަގައި ތުނބުގައި ޖައްސައިލުމާ އެކު ތަށިދޮންނަ އިސްކުރުން ކުއްލިއަކަށް ފެން ފައިބައިގަތެވެ. ސިއްސައިގެން ގޮސްފައި ސަކީނާ އަތުން ފެންތަށި ދޫވިއެވެ. ނަސީބަކުން ތަށި ވެއްޓުނީ މޭޒުމައްޗަށެވެ. ތަޅައިގެނެއް ނުދެއެވެ. ފަންކާ އެނބުރެން ފެށިއެވެ. އިސްކުރުގެ ފެން ބަންދުވިއެވެ. ކޮޓަރިއަށް ވަންނަން ދޮރު މަޑުމަޑުން ހުޅުވުނެވެ. ދޮރު ހުޅުވެންޖެހޭ ވަރަކަށް އެ ތާކު ވަޔެއް ނެތެވެ. ސަކީނާ އެ ދިމާއަށް ނުވެސް ބަލައެވެ. ކުއްލިއަކަށް ދޮރު ލެއްޕުނެވެ. ފިޔަވަޅެއްގެ އަޑު އިވުނެވެ. އަޑު ކެނޑުނެވެ. ދޮރުގައި ނިކަން ބާރަށް ޓަކިތަޅައިގަތް އަޑު އިވުނެވެ. ސަކީނާގެ މޭ ފަޅައިފައި ހިތް ނުނިކުތީ ކިރިޔާއެވެ.
"ސަކީނާ!" ފިރިހެނެއްގެ އަޑު އިވުނެވެ. "ސަކީނާ!"
ސަކީނާ ދޮރާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެ އަޑާ މެދު ޝައްކު އުފެދިފައެވެ.
"ކާކު؟" ސަކީނާ އެހިއެވެ.
"މަށޭ!" އެ މީހަކު ޖަވާބުދިނެވެ.
ސަކީނާ ތެދުވެގެން ގޮސް ދޮރު ކައިރިއަށް ހުއްޓުނެވެ. އެ އަޑުގެ ވެރިޔަކާ މެދު ވިސްނައިލިއެވެ.
"ގާދިރު؟" ސަކީނާ އެހިއެވެ.
"އާނއެކޭ!" ގާދިރު ބުންޏެވެ. "ހުޅުވަބަލަ!"
ދެ ފިކުރެއްގައި ހުރެގެން ސަކީނާ ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރީ ގާދިރެވެ. ކޮނޑުގައި ދަބަހެއް އޮތެވެ.
"ސަކީނާ ގުޅާއިރަށް އެންމެ އަވަހަށް ފުރި ދޯންޏަކުން މި އައީ،" އެތެރެއަށް ވަންނަމުން ގާދިރު ބުންޏެވެ. "ކީއްވެގެންތަ ދޮރު ނުހުޅުވަން ތި އުޅެނީ؟"
"ދެން ގާދިރަށް ވެސް އެނގޭނެއްނު ކީއްވެގެންކަން." ސަކީނާ ދޮރު ލައްޕައިލަމުން ބުންޏެވެ.
ގޭތެރެ އާދަޔާޚިލާފަށް ފަޅުކަން ގާދިރަށް ވެސް ފާހަގަކުރެވުނެވެ. އެހެން ނުބުނީއެވެ. ސަކީނާ ކާން އިށީނެވެ.
"ކައިފިންތަ؟" ސަކީނާ ސުވާލުކުރިއެވެ.
"އާނ! ރައްޓެއްސަކާ ދިމާވެގެން ތި ކަން ނިމިއްޖެ!" ގޮނޑީގައި އިށީނދެލަމުން ގާދިރު ބުންޏެވެ. "ޓީވީއެއް އެއްޗެއް ހުޅުވައިލައިފަ ބަހައްޓަބަލަ! ގައިމު ފަޅުކަން ފިލާނެއްނު!"
"ހުޅުވައިފަ ހަމަ އިރުކޮޅެއް ވާނީ. ނިއްވައިލާނެ!" އަތްފޯރާ ހިސާބުގައި އޮތް ރިމޯޓު ނަގައިފައި ޓީވީ ހުޅުވައިލަމުން ސަކީނާ ބުންޏެވެ. "ދެންމެ ވެސް މަ މިތާ އިށީންނައިރަށް ހީވަނީ އެހެން ފަދަ ކަމެއްހެން. މަ ބަލަނީ ގެއަށް ނުވަދެ އުޅެވޭތޯ!"
ގާދިރު ޓީވީ ހުޅުވައިލިއެވެ. އިރުކޮޅެއް ވީއިރު ވެސް ޓީވީއެއް ނުނިވެއެވެ.
"ތީ ވަހުމޭ ސަކީނާ!" ގާދިރު ބުންޏެވެ. "މި ގޭން ކޮޓަރި ކުއްޔަށް ހިފައިގެން ވެސް ބަޔަކު އެބަ އުޅެއެއްނު! ގައިމު ތި ބުނާހާ ނާމާން ތަނެއް ނަމަ އެ މީހުނެއް ނޫޅޭނެ މި ގެއަކު. ދެން އަހަރެން ވެސް އަވަހަކަށް ރަށަކަށް ނުދާނަމޭ. އެނގިދާނެތާ!"
ގާދިރުގެ ޖަވާބުން ސަކީނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އިހުސާން ދުނިޔޭގައި ހުރި ދުވަސްވަރު ވެސް ގޭގައި ބޮޑު ކަމެއް ޖެހިއްޖެއްޔާ ގާދިރު އައިސް އެހީތެރިވެދީ އުޅުނެވެ.
"ނަސީބެއް،" ސަކީނާ އުފާވެފައި ބުންޏެވެ. "އެހެރަ ކޮޓަރި އެހެރީ ހަމަ ހުހަށް. ޖެނީ އެ ދިޔަ ތާކަށް ދިޔަ ފަހުން އޭނަގެ ޚަބަރެއް ވެސް ނުވޭ! އިރުކޮޅަކާ މީހަކު ގުޅާފަ އަހާނެ ޖެނީ ދިޔައީ ކީއްވެގެންހޭ؟ އޭނަ ދިޔައީ ކޮންތާކަށްހޭ؟ މަށަކަށް ވާ ނޭނގެ. ޒޫނާ ބަލާނީ އަހަންނާ އެއްވެސް ކަމެއް ނުބައްސާ އުޅެވޭތޯ! ޒޫނާ ވިހޭ އެ ބިރުވެރި ދަރި ވެސް..."
ސަކީނާއަށް ބުނެވުނީ އެ ހިސާބަށެވެ.
ނުނިމޭ
ނޯޓް: މި ވާހަކަ އޮންނާނީ ކޮންމެ ހުކުރަކާއި ހޮނިހިރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގަ އެވެ.