18 މެއި 2018 - 08:17

ޒެޑްޓީއީ އަށް ކުއަލްކޮމް ޗިޕްތައް ގަނެވޭނެ ގޮތެއް މިވަގުތަކު އަދި ނެތެވެ. އެމެރިކާއިން ވަނީ އެ ކުންފުންޏަށް ދަތިކުރަން ފިޔަވަޅުއަޅައިފަ އެވެ. ނަމަވެސް، ޒެޑްޓީއީ ސްމާޓްފޯންތަކަށް ބިރެއް ނެތްކަން ކަށަވަރުވަނީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ޒެޑްޓީއީ އަށް އެގްޒިނޮސް ޗިޕްތައް ވިއްކުމަށްޓަކައި ސެމްސަންގް އަންނަނީ ތައްޔާރުވަމުންނެވެ.
އެގްޒިނޮސް ޗިޕްތައް މީގެ ކުރިން ބޭނުންކޮށް އުޅުނީ ސެމްސަންގް ގެލަކްސީ މަރުކާގެ ފޯނުތަކުގަ އެވެ. ސެމްސަންގުން އެ ޗިޕްތައް އެހެން އެއްވެސް ކުންފުންޏަކަށް ނުވިއްކަ އެވެ. އެހެން ނަމަވެސް، ޒެޑްޓީއީ އަށް އެމެރިކާ ކުންފުނިތަކުން މުދާ ވިއްކުން މަނާކުރުމާ ގުޅިގެން، ސެމްސަންގް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. ބުނެވޭ ގޮތުގައި، (އޮރިޖިނަލް އިކްއިޕްމަންޓް މެނުފެކްޗަރާ)، "އޯއީއެމް" ކުންފުނިތަކަށް އެގްޒިނޮސް ޗިޕްތައް ވިއްކިދާނެ ގޮތްތައް ސެމްސަންގުން ދަނީ ރާވަމުންނެވެ.
ސެމްސަންގުން ފުޅާ ދާއިރާއެއްގައި އެގްޒިނޮސް ޗިޕްތައް އުފައްދަން ފަށައި، ގައުމުން ބޭރު ކުންފުނިތަކަށް ސަޕްލައިކުރަން ފަށައިފި ނަމަ، އެމެރިކާއިން އެޅި ފިޔަވަޅުގެ ބޭނުންކެނޑޭނެ އެވެ. ނަމަވެސް އޭގެ ކުރިން އެމެރިކާ ވިސްނާނެ ކަމަށް ބެލެވެ އެވެ.
ކުއަލްކޮމް އަކީ ފެންވަރު ރަނގަޅު މޮބައިލް ޗިޕްތައް ވަރަށް ގިނައިން އުފައްދާ ކުންފުންޏެކެވެ. ސްމާޓްފޯން ނޫނަސް، އެ ބާވަތުގެ ލުއި އާލާތްތަކުގައި ކުއަލްކޮމް ޗިޕްތައް ބޭނުންކުރެ އެވެ.
ޒެޑްޓީއީގެ އުފެއްދުންތަކަށް އެމެރިކާ ކުންފުނިތަކުން ސަޕްލައިކޮށްދޭ ސިލިކަން ކޮމްޕޯނަންޓްތައް ފޯރުކޮށްދިނުން މަނާކުރުމާ ގުޅިގެން ޗައިނާއިން ދަނީ އަމިއްލަ ފައިމައްޗަށް ތެދުވަން އިންވެސްޓްކުރަމުންނެވެ. ޗައިނާ ކުންފުނިތަކަށް ބޭނުންވާ ޗިޕްތައް ޗައިނާއިން އުފައްދަން ފަށައިފި ނަމަ، އެމެރިކާ އަށް ނިސްބަތްވާ "ސިލިކަން ބައްރު"ގައި ރެންދުއަޅާނެކަން ކަށަވަރެވެ. އަނެއްކޮޅުން މި ރޭހުގައި ސެމްސަންގް ބައިވެރިވެ، އެގްޒިނޮސް ޗިޕްތައް އުފައްދާ މިންވަރު އިތުރުކޮށްފި ނަމަ، ސިލިކަން ހަނގުރާމައެއް ނުފެށި ނުދާނެ އެވެ.
ދުނިޔޭގެ ސެމީކޮންޑަކްޓާ ސިނާއަތް ކުއަލްކޮމް އަދި އިންޓެލް ފަދަ އެމެރިކާ ކުންފުނިތަކަށް ބަރޯސާވެފައި އޮތް އޮތުން މި ހިސާބުން ނިމުމަކަށް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.