17 އަހަރަށް ފަހު ޔުވެންޓަސް ދޫކޮށްލަން ބުފޮން ނިންމައިފި
17 އަހަރަށް ފަހު ޔުވެންޓަސް ދޫކޮށްލަން ބުފޮން ނިންމައިފި

ޓިއުރިން (މޭ 17) – ޔުވެންޓަސްގައި ހޭދަކުރި 17 އަހަރަށް އަންނަ ހޮނިހިރު ދުވަހު ނިމުން އަންނާނެކަން އެ ޓީމުގެ އުމުރުން 40 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އިއުލާންކޮށްފި އެވެ. އެކަމަކު ކުޅުން ހުއްޓާލުމާ މެދު އަދިވެސް އޭނާ ގޮތެއް ނުނިންމަ އެވެ.

17 އަހަރަށް ފަހު ޔުވެންޓަސް ދޫކޮށްލަން ބުފޮން ނިންމައިފި
17 އަހަރަށް ފަހު ޔުވެންޓަސް ދޫކޮށްލަން ބުފޮން ނިންމައިފި

ޔުވެންޓަސްގެ ރައީސް އަންދްރޭ އަގްނެލީއާ އެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުފޮން ބުނީ އިޓާލިއަން ލީގާއި އިޓާލިއަން ކަޕާ އެކު ޔުވެންޓަސްގެ ދަތުރު ނިންމާލުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ހޮނިހިރު ދުވަހުގެ މެޗަކީ ޔުވެންޓަސްއާ އެކު އަހަރެން ކުޅޭނެ ފަހު މެޗު،" ބުފޮން ބުންޏެވެ. "އަހަރެން ބޭނުންވޭ ޔުވެންޓަސްގެ އާއިލާ އަށް ޝުކުރުއަދާކުރަން. އެ ޓީމުން 2001 ވަނަ އަހަރު ސޮއިކުރުވީ އާދަޔާހިލާފު ހުނަރުވެރިއެއް. އެކަމަކު އަހަރެން ބުނަން ބޭނުންވޭ އަހަރެން ޗެމްޕިއަނަކަށްވީ ނަމަ، އެކަންވީ ޔުވެންޓަސް އިން އެކަން ކުރުވުމުން."

ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން 2001 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ޔުވެންޓަސް އަށް ބަދަލުވީ ޕާމާ އެކު ޔުއެފާ ކަޕާއި އިޓާލިއަން ކަޕް ކާމިޔާބުކުރުމަށް ފަހު އެވެ.

ޔުވެންޓަސްއާ ގުޅި އެ ޓީމާ އެކު އިޓާލިއަން ލީގު ނުވަ ފަހަރު އުފުލާލި އެވެ. އޭގެ ތެރެއިން ހަތް ފަހަރު ހޯދީ ޖެހިޖެހިގެންނެވެ. އަދި މިދިޔަ ހަތަރު ފަހަރު އިޓާލިއަން ކަޕް ޖެހިޖެހިގެން ހާސިލްކުރި އެވެ. އޭނާ އަށް ނުހޯދެނީ ޔޫރަޕުގެ ތަށްޓެކެވެ. ތިން ފަހަރު ފައިނަލުގައި ކުޅެ ބަލިވީ އެވެ.

ޔުވެންޓަސް އަށް ބުފޮންގެ ހިތުގައި އޮތް ވަފާތެރިކަން އެންމެ ބޮޑަށް ހާމަވީ 2006/2007 ގެ ސީޒަނުގައި އެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކުރުމުން ވެސް ޓީމުގައި މަޑުކުރުމުންނެވެ. އެ ފަހަރު އެ ޓީމާ އެކު ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް ޖެހިގެން އައި ސީޒަނުގައި އަލުން އިޓާލިއަން ލީގަށް ޕްރޮމޯޓްވި އެވެ.

އޭނާ ޔުވެންޓަސް އަށް ކުޅެދިން ވާދަވެރި 655 މެޗުގެ ތެރެއިން 300 މެޗު ފުރިހަމަކުރީ ލަނޑެއް ވައްދާނުލަ އެވެ. އަދި އިޓާލިއަން ލީގުގައި ލަނޑެއް ވައްދާނުލާ 974 މިނެޓު ފުރިހަމަކޮށް ރެކޯޑެއް ހަދާފައިވެ އެވެ.

ބުފޮންގެ ބަދަލުގައި އަންނަ ސީޒަނުގައި ޔުވެންޓަސްގެ ގޯލް ބަލަހައްޓާނީ ޕޮލެންޑުގެ ވޮސިއެޗް ޝެޒްނީ އެވެ. އެ ޓީމުން އިޓަލީގެ ޒުވާން ކީޕަރު މަޓިއާ ޕެރިން ގެންނަން އުޅޭ ކަމަށް ވެސް ވާހަކަދެކެވެ އެވެ.

ބުފޮން ބުނީ ކުޅުން ކުރިއަށް ގެންދާނެތޯއާ މެދު ސީދާ ގޮތެއް އަންނަ ހަފުތާގައި ނިންމާނެ ކަމަށާއި ދަނޑުމަތީގެ އަދި ދަނޑު ބޭރުގެ އޮފާތަކެއް ލިބިފައިވާ ކަމަށެވެ.

"މީގެ 15 ދުވަސް ކުރިން އަހަންނަށް ޔަގީން އަހަރެން ކުޅުން ހުއްޓާލާނެކަން. އެކަމަކު މިހާރު ޔަގީނެއް ނޫން. ދަނޑުމަތީގައި އަދި ދަނޑު ބޭރުގެ އާ ޗެލެންޖްތަކަކަށް ޕްރޮޕޯސަލްތަކެއް ވަނީ ލިބިފައި. ދަނޑު ބޭރުގެ އެންމެ ރަނގަޅު އޮފާ އައިސްފައިވަނީ ޔުވެންޓަސްގެ ފަރާތުން،" ބުފޮން ބުންޏެވެ.

ކުޅުން ހުއްޓާލާ ނަމަ އޭނާ ފެނުން ގާތީ ޔުވެންޓަސްގެ ނުވަތަ އިޓަލީ ގައުމީ ޓީމުގެ މަގާމަކުންނެވެ. ބުފޮން ވަނީ ކުޅުން ކުރިއަށް ގެންދިޔަސް އިޓަލީގެ އެހެން ކްލަބަކާ ނުގުޅޭނެ ކަމަށް ބުނެފަ އެވެ. އަދި ކުޑަ ލީގެއްގައި ނުކުޅޭނެ ކަމަށް ވެސް ބުންޏެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިމިއާ ލީގުގެ ލިވަޕޫލުން ވަނީ އޭނާ އަށް އޮފާކޮށްފަ އެވެ.

އިޓަލީ ގައުމީ ޓީމަށް 176 މެޗު ކުޅެދީފައިވާ ބުފޮން ގައުމީ ޓީމަށް ކުޅޭނެ ފަހު މެޗަކީ ބެލެވޭ ގޮތުގައި އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހު ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.