18 މެއި 2018 - 08:20

ގިނަ ދުވަސްތަކަކަށް ފަހު ޕްރިޔަންކާ ޗޯޕްޅާ ކުޅޭ ފުރަތަމަ ހިންދީ ފިލްމް "ބާރަތު" ކާސްޓަށް ޒުވާން ބަތަލާ ޑިޝާ ޕަޓްނީ ވެސް ސޮއިކޮށްފި އެވެ.
ސަލްމާން ހާން ބަތަލުގެ ރޯލް ކުޅޭ ފިލްމަށް އޭނާ ސޮއި ކުރިކަން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ކުރި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ. ޑިޝާ އެންމެ ފަހުން ފެނިގެން ދިޔައީ ލޯބިވެރިޔާ ޓައިގާ ޝްރޮފާ އެކު ކުޅުނު "ބާގީ 2" އިންނެވެ.
އެއީ މި އަހަރު 100 ކްރޯޑް ކްލަބަށް ވަން މަދު ފިލްމްތަކުގެ ތެރެއިން އެއް ފިލްމެވެ.
"ބާރަތު" ގައި ޑިޝާ ފެނިގެން ދާނީ ސަލްމާނާ އެކު ޗަރުކޭހެއްގައި މަސައްކަތްކުރާ އަންހެން ކުއްޖެއްގެ ރޯލުންނެވެ. އަލީ ބުނީ އެ ރޯލަށް ސަލްމާނާ އެކު، 25 އަހަރުގެ ބަތަލާ ވަރަށް ފިޓްވާ ކަމަށެވެ.
"ވަރަށް ތަފާތު އަދި ހީނުކުރާ ކަހަލަ ގޮތަކަށް ސަލްމާނާއި ޑިޝާ ފެނިގެން ދާނީ،" އޭނާ ބުންޏެވެ.
ޑިޝާ ބުނީ ސަލްމާނާ އެކު ފިލްމެއްގައި މަސައްކަތްކޮށްލަން ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް ކަމަށެވެ. އަދި "ބާރަތު" އިން ރޯލެއް ލިބުމުން ވަރަށް އުފާވެފައިވާ ކަމަށް ބުންޏެވެ.
މި ފިލްމްގައި ސަލްމާންގެ އުމުރުން 19 އަހަރުން ފެށިގެން ގޮސް 70 އަހަރާ ހަމައަށް ދައްކުވައި ދޭނެ އެވެ.
އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ބާރަތު" އަކީ ސަލްމާންގެ ޅިޔަނު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އޭނާ ވަނީ ކުރިން ސަލްމާން ލީޑް ރޯލް ކުޅުނު "ބޮޑީގާޑް" ވެސް ޕްރޮޑިއުސްކޮށްފަ އެވެ.
އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ "ރޭސް 3" ގެ ޝޫޓިން މިހާރު ނިމިފައިވާތީ، ސަލްމާން ވަރަށް އަވަހަށް "ބާރަތު" ގެ ޝޫޓިން އަލުން ފަށާނެ އެވެ.
މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ޓައިގާ ޒިންދާ ހޭ" އަށް ފަހު ސަލްމާނާއި އަލީ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.