17 މެއި 2018 - 14:04

ބެންގަލޯރު (މެއި 17) - ދެކުނުގެ ކަރްނާޓަކާ ސްޓޭޓުގެ އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުލިބޭ ކަމަށް ބުނެ އިދިކޮޅު ޕަޓީތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ބީއެސް ޔެދްޔުރައްޕާ ސްޓޭޓުގެ ޗީފް މިނިސްޓަރުކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
އިދިކޮޅު ޕާޓީތަކުން ދަނީ ބީޖޭޕީގެ އަޣުލަބިއްޔަތު ނެތީސް ޗީފް މިނިސްޓަރު ހުވާ ކުރުމުން ފާޑުކިޔަމުންނެވެ. އެކަމަކު ކަރްނާޓަކާ ސްޓޭޓް އިންތިޚާބުގައި އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ހޯދާފައި ވަނީ ބީޖޭޕީ އެވެ. އެހެންވެ ސްޓޭޓުގެ ގަވަރުނަރު ވަނީ ސަރުކާރެއް އުފެއްދުމަށް ބީޖޭޕީ އަށް ދައުވަތު ދީފަ އެވެ. އިދިކޮޅު ޕާޓީތަކުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިއަދު ވަނީ އެ މައްސަލައިގެ އަޑު އެހުމެއް ބާއްވައިފަ އެވެ. އަދި ޗީފް މިނިސްޓަރު ހުވާ ކުރުން ސައްހަކަމާ މެދު ސުޕްރީމް ކޯޓުން ހުކުރު ދުވަހު ހެނދުނު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.
އިންތިޚާބުގައި ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ހޯދި އިދިކޮޅު ކޮންގްރެސް ޕާޓީން ވެސް ދަނީ ކަރްނާޓަކާގައި ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެ ޕާޓީން ވަނީ ސަރަހައްދީ ޕާޓީ ޖަނަތާ ދާލްގެ ތާއީދާ އެކު ކޯލިޝަނެއް އުފައްދައިފަ އެވެ. އެ ކޯލީޝަނަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ވަނީ ލިބިފަ އެވެ. ދެ ޕާޓީން ވެސް ވަނީ ސަރުކާރެއް އުފެއްދުމުގެ ހުއްދަ ދޭން ގަވަރްނަރު ވަޖުބާއީ ވަލާގެ އަރިހުން އެދިފަ އެވެ. އެކަމަކު ސަރުކާރެއް އުފެއްދުމުގެ ދައުވަތު ވަލާ ދެއްވާފައި ވަނީ ބީޖޭޕީއަށެވެ. އަދި ޕާލަމެންޓުގެ އަޣުލަބިއްޔަތު ލިބިފައިވާކަން 15 ދުވަސް ތެރޭ ސާބިތުކޮށްދޭން ވެސް ވަނީ ބީޖޭޕީ އަށް އަންގައިފަ އެވެ.
ތަޖްރިބާކާރުން ބުނަނީ ކޮންގްރެސް ޕާޓީ އާއި ޖަނަތާ ދާލް ޕާޓީން މެންބަރުން ގެންދިއުމަށް ބީޖޭޕީން މަސައްކަތް ކުރާނެ ކަމަށެވެ.
އިންތިޚާބުގައި ޕާލަމެންޓުގެ 222 ގޮނޑީގެ ތެރޭން ބީޖޭޕީ އަށް ލިބިފައި ވަނީ 104 ގޮނޑި އެވެ. ކޮންގްރެސް ޕާޓީ އަށް 78 ގޮނޑި ލިބިފައިވާ އިރު ޖަނަތާ ދާލް ޕާޓީ އަށް ވަނީ 37 ގޮނޑި ލިބިފަ އެވެ. ދެ ޕާޓީ އެއްކޮލުމުން 112 ގޮނޑިއަށް ވުރެ އިތުރުވެ ޕާލަމެންޓުގެ އަޣުލަބިއްތު ލިބެ އެވެ.
ކަރްނާޓަކާ ގެއްލުމަކީ ކޮންގްރެސް އަށް ލިބޭނެ ބޮޑު ދެރައެކެވެ. އިންޑިއާގެ 29 ސްޓޭޓުގެ ތެރޭން އެ ޕާޓީގެ ވެރިކަން އޮތީ އެންމެ ތިން ސްޓޭޓުގަ އެވެ. ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން 21 ސްޓޭޓް ކޮންޓްރޯލް ކުރެ އެވެ.