17 މެއި 2018 - 13:13

ރާއްޖޭގެ ހިތްގައިމުކަން ފެންނަ ގޮތަށް 360 ޑިގްރީގެ ޗާޓެއް ހަދަން އިންޑޮނީޝިއާގެ ޕީޓީ ގެކޯ ޑިޖިޓަލްއާ އެކު އެމްއެމްޕީއާރުސީން މިދިޔަ ޑިސެންބަރު މަހު ސޮއިކުރި އެއްބަސްވުން އުވާލައިފި އެވެ.
އެ އެއްބަސްވުން އުވާލިކަން ގެކޯ ޑިޖިޓަލް އަށް އަންގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު، އެމްއެމްޕީއާރްސީން ފޮނުވި އީމެއިލްއަކުންނެވެ. ނަމަވެސް އެއްބަސްވުން އުވާލި ސަބަބެއް އަންގާފައެއް ނުވެ އެވެ.
"މިހާރު" އަށް ފެނިފައިވާ އެ އީމެއިލްގައި، އެއްވެސް ތަފްސީލެއް ނުދީ ބުނެފައިވަނީ އެއްބަސްވުން އުވާލާފައިވާ ކަމަށާއި، އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ އޮފީހަށް ގުޅުމަށެވެ.
މައުލޫމާތު ސާފުކުރަން ގުޅަން އެމްއެމްޕީއާރްސީން ބުނެފައިވާ ނަންބަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭ ކަމަށާއި، އެހެންވެ އެއްބަސްވުން އުވާލި ސަބަބު ގެކޯ ޑިޖިޓަލް އަށް މިހާތަނަށް ވެސް ނޭނގޭ ކަމަށްވެ އެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެމްޕީއާރުސީގެ ކޮމެންޓެއް "މިހާރު" އަށް ވެސް ލިބޭ ގޮތެއް ނުވި އެވެ.
ރާއްޖޭގެ 360 ޑިގްރީގެ ޗާޓު ހަދައިދޭން ގެކޯ ޑިޖިޓަލް އިން އެއްބަސްވީ އެއްވެސް އަގެއް ނުނަގާ ގޮތަށް، ހިލޭ ސާބަހަށެވެ. އަދި އެއްބަސްވުން އުވާލި އިރު، އެ މަސައްކަތުގެ ބޮޑުބައެއް އޮތީ ނިމިފަ އެވެ.
"މިކަހަލަ ކަމެއް ހިލޭ ކުރި ނަމަވެސް ސަރުކާރުގެ ބެކިން ނެތި ކުރަން ވަރަށް އުނދަގޫވާނެ. އެ ކުންފުނީގެ މީހުން ރާއްޖެ އަންނަން ވިސާ ކަންކަން ވެސް ހަމަޖައްސަން އުނދަގޫތަކާ ކުރިމަތިވުމުގެ ބިރު ވެސް މިހާރު އެބައޮތް،" އެއްބަސްވުން އުވައިލުމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
މުޅި ރާއްޖެ ފެންނަ ގޮތަށް ހަދަން ނިންމި ޗާޓު، ރާއްޖެ ޕްރޮމޯޓްކުރަން އެމްއެމްޕީއާރުސީން ހިންގާ ވިޒިޓް މޯލްޑިވްސް ވެބްސައިޓުން ފެންނަ ގޮތް ހަދާނެ ކަމަށް ކުރިން އޮތީ ބުނެފަ އެވެ. އަދި އެ ޗާޓު ހެދުމަށް ބޭނުންވާ ފޮޓޯ އާއި ވީޑިއޯ ނެގުމަށް ގެކޯ ޑިިޖިޓަލް އިން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށް އެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވި އެވެ.