17 މެއި 2018 - 12:32

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ޕާޓީތަކުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާއި ކަމާބެހޭ އިދާރާތަކުގެ ބޭފުޅުން ހިމެނޭ ގޮތަށް، އިންތިހާބަށް ގައުމީ ލަފާދޭ ކޮމެޓީ އެކުލަވާލައިި ފުރަތަމަ ބައްދަލުވުން މިދިޔަ އަންގާރަ ދުވަހު ވަނީ ބާއްވައިފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި، މަޝްވަރާކުރީ އެ ކޮމެޓީ ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން ކަމަށެވެ. އެ މަޝްވަރާގައި ނިންމީ، އިންތިހާބު އިއުލާން ކުރަންދެން ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު އަދި އިންތިހާބު އިއުލާންކުރުމުން ހަފުތާއަކު އެއްފަހަރު ބައްދަލުވުން ބާއްވަން ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބު އިއުލާންކުރާގޮތަށް ހަމަޖައްސާފައި ވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.
"ޕާޓީތަކުގެ މަންދޫބުންނާ އެކު ކުރެވުނު މަޝްވަރާގައި، އިންތިހާބުގެ ހުރިހާ ކަމަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައި،" އަކްރަމް ވިދާޅުވި އެވެ.
އީސީން ނިންމާފައި ވަނީ އިންތިޚާބުގެ ފުރަތަމަ ބުރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށެވެ.
އިލެކްޝަންސް ކޮމިޝަނަކީ ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައިވާ، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މުއައްސަސާއެއް ކަަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ. ގާނޫނުއަސާސީގައި، އެއީ މިނިވަން މުއައްސަސާއެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެތަނުން ހިމާޔަތް ކުރަނީ ވެރިކަން ކުރާ ޕީޕީއެމްގެ މަސްލަހަތު އެކަނި ކަމުގެ ތުހުމަތު ވެސް ޕާޓީތަކުން ވަނީ ކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އެ ކޮމިޝަނުން ބުނެފައި ވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެކޭ އެއްގޮތަށް ރިޔާސީ އިންތިޚާބު ވެސް މިނިވަން ވާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން، ރާއްޖޭގައި ބާއްވާފައިވާ އެހެން އިންތިޚާބުތަކާ ޚިލާފަށް، މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ އާންމުން ވީހާ ވެސް ބޮޑަށް ބައިވެރި ކޮށްގެން، އުފާވެރި އިންތިޚާބެއްގެ ގޮތަށެވެ. އަދި އެއްވެސް ކަމެއްގައި ވަކި ޕާޓީއަކަށް ތަފާތުކުރުމެއް އެ ކޮމިޝަނުން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ.