ކްލަބް ވޯލްޑް ކަޕަށް އޭގެ ހަގީގީ ސިފަ ގެންނަނީ!
ކްލަބް ވޯލްޑް ކަޕަށް އޭގެ ހަގީގީ ސިފަ ގެންނަނީ!

މިލާން (މޭ 17) – ބޮޑު ބަދަލުތަކެއް ގެނެސްގެން ފީފާ ކްލަބް ވޯލްޑް ކަޕް 24 ޓީމާ އެކު 2021 ވަނަ އަހަރު ބާއްވަން ފަށާނެ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓެއް ބުނެފި އެވެ.

ބައްރުތަކުގެ ޗެމްޕިއަން ކްލަބް ހިމަނައިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ބާއްވަމުން އަންނަ ކްލަބް ވޯލްޑް މިހާރު މާބޮޑު އެއްޗަކަށް ނުވެ އެވެ. އެ މުބާރާތް ސިފަކުރެވެނީ ރަމްޒީ މުބާރާތެއްގެ ގޮތުގަ އެވެ.

އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ފީފާ އިން މިހާރު ވިސްނަނީ ވޯލްޑް ކަޕް ސްޓައިލަށް ކްލަބް ވޯލްޑް ކަޕް ބޮޑު މުބާރާތެއްގެ ގޮތުގައި ހަތަރު އަހަރުން އެއް އަހަރު ބާއްވާށެވެ. އަދި އެ އުސޫލުން ބާއްވާ ފުރަތަމަ މުބާރާތް 2021 ވަނަ އަހަރުގެ ޖޫން މަހު ބާއްވާނީ ދައުވަތު ދޭ ޓީމުތަކަކާ އެކު ކަމަށްވެ އެވެ.

އެ ޓީމުތަކަކީ ޔޫރަޕުގެ އެންމެ ކާމިޔާބު ކްލަބްތައް ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އާއި އޭސީ މިލާނާއި ޔުވެންޓަސް އާއި އިންޓަ މިލާނާއި ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކާއި އަޔަކްސް އަދި ޕީއެސްޖީ ކަމަށްވެ އެވެ.

އަދި މެންޗެސްޓާ ސިޓީ އާއި ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ އާއި ބެންފީކާ އަދި ބޮރޫޝިއާ ޑޯޓްމަންޑުގެ ތެރެއިން ދެ ޓީމަކަށް ވެސް ފުރުސަތު ދޭނެ ކަމަށްވެ އެވެ. މީގެ އިތުރުން އޭޝިއާ، އެފްރިކާ އަދި އުތުރު އެމެރިކާ އިން ކޮންމެ ބައްރަކަށް ދެ ޖާގަ ދޭއިރު ދެކުުނު އެމެރިކާ އިން ތިން ޓީމަށް ފުރުސަތު ލިބޭނެ އެވެ. އަނެއް ޖާގަ ލިބޭނީ ދެކުނު އެމެރިކާ ޓީމަކާއި އޯޝޭނިއާގެ ޓީމަކާ ޕްލޭއޮފް ކުޅެ މޮޅުވާ ޓީމަކަށެވެ.

މުބާރާތް ކުޅޭނީ ކޮންމެ ތިން ޓީމެއް ގްރޫޕަކަށް ބަހަލާއިގެން އެއް ވަނަ ޓީމު އަނެއް ބުރަށް ދާ ގޮތަށެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 60 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދެއް އަދި ޗެމްޕިއަން ޓީމަށް 150 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދެއް ލިބޭނެ ކަމަށް ވާހަކަތައް ދެކެވެ އެވެ.

މި ބަދަލުތައް ވޯލްޑް ކަޕުގެ ކުރިން ފީފާގެ ކައުންސިލުން ފައިނަލް ކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އޭގެ ކުރިން ވެސް ހާއްސަ ބައްދަލުވުމެއް ބާއްވައި ފައިނަލްކޮށްފާނެ ކަމަށް ބެލެވެ އެވެ. މި މުބާރާތާ އެކު، ފީފާ ކޮންފަޑެރޭޝަންސް ކަޕް އުވިދާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.