19 މެއި 2018 - 08:30

"މަސަލް" ކިޔާ އެކްޝަން ކޮމެޑީއެއް ޕްރޮޑިއުސްކޮށް، އޭގެ ލީޑް ރޯލް ކުޅެން ވިން ޑީޒެލް ނިންމައިފި އެވެ.
އެސްޓީއެކްސް އިން ގެނެސްދޭ ފިލްމްގެ ޕްރޮޑިއުސަރުންގެ ތެރޭގައިި ވަން ރޭސް ފިލްމްސްގެ ސަމަންތާ ވިންޒެންޓާއި ރެޖިނޯލްޑް ހަޑްލިން އަދި ބައިރޯން ފިލިޕްސް ވެސް ހިމެނެ އެވެ.
އެސްޓީއެކްސްގެ ފިލްމްގެ ޗެއާމަން އެޑަމް ފޮގެލްސަމް ބުނީ ޑީޒެލްގެ "ފާސްޓް އެންޑް ފިއުރިއަސް" ކަހަލަ އެކްޝަން ފިލްމެއްގައި މަސައްކަތްކޮށްލަން ލިބުމަކީ "މަސަލް" އޮތް ރަނގަޅެއް ކަމަށެވެ. އެހެންވެ ފިލްމް ވަރަށް ވަރުގަދަވާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.
"މިއީ އެކްޝަނާއި ކޮމެޑީގެ ރަހަ ވަރަށް ބޮޑަށް ބެލެންސްކޮށްގެން ގެނެސް ދޭނެ ފިލްމެއް. އެހެންވީމަ ފިލްމް ބެލުންތެރިންނަށް ވަރަށް ކަމުދާނެ،" އޭނާ ބުންޏެވެ.
"މަސަލް" އިއުލާން ކުރި ނަމަވެސް، ފިލްމް ލިޔެ، ޑައިރެކްޓް ކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ. އަދި މި ފިލްމް ޝޫޓިން ފަށާނެ އިރަކާއި ސިނަމާ އަށް އަންނާނެ ތާރީހެއް ވެސް ނޭނގެ އެވެ.
މިދިޔަ އަހަރު "ޓްރިޕްލްސް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އާއި " ފާސްޓް" ގެ 8 ވަނަ ފިލްމް "ފޭޓް އޮފް ދަ ފިއުރިއަސް" އިން ފެނިގެން ދިޔަ 50 އަހަރުގެ އެކްޓަރުގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ފާސްޓް 9" އާއި "ޓްރިޕްލް އެކްސް" ގެ ހަތަރު ވަނަ ބައި ހިމެނެ އެވެ.
"ފާސްޓް 9" ސިނަމާތަކަށް އަންނާނީ އެޕްރީލް، 10، 2020 ގަ އެވެ.