މަރަޑޯނާ މި ފަހަރު ކްލަބެއްގެ ޗެއާމަނަކަށް
މަރަޑޯނާ މި ފަހަރު ކްލަބެއްގެ ޗެއާމަނަކަށް

މިންސްކް، ބެލަރޫސް (މޭ 17) – ބެލަރޫސްގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޑައިނަމޯ ބްރެސްޓުގެ ޗެއާމަނަކަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ ހަމަޖައްސައިފި އެވެ.

އުމުރުން 57 އަހަރުގެ މަރަޑޯނާ އެ ކްލަބާ އެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާއިރު މަގާމާ ހަވާލުވާނީ ވޯލްޑް ކަޕަށް ފަހު އެވެ. އެ ކްލަބުން ބުނީ މަރަޑޯނާގެ ދައުރަކަށްވާނީ ދިގު މުއްދަތަކަށް ކްލަބް ރަނގަޅު ގޮތުގައި ހިންގާނެ ގޮތުގެ ޕްލޭން ހަދައި އެކަމުގެ އަމަލީ މަސައްކަތްކުރުން ކަމަށެވެ.

ބްރެސްޓް އޮތީ ބެލަރޫސް ޕްރިމިއާ ލީގުގެ އަށް ވަނައިގަ އެވެ. އަދި ހޮނިހިރު ދުވަހު ބެލަރޫސިއަން ކަޕުގެ ފައިނަލުގައި ބޭޓް ބޮރިސޯފާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޯޗިންގައި މަރަޑޯނާ އަށް މާބޮޑު ކުރިއެރުމެއް ހޯދިފައިނުވާއިރު ހިންގުމުގައި އޭނާގެ ހުރި ފެންވަރެއް މި ފަހަރު އެނގިގެންދާނެ އެވެ. އޭނާ އެންމެ ފަހުން ކޯޗުކޮށްދިން ޔޫއޭއީގެ އަލް ފުޖައިރާ އިން ވަކިވީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްނުދެވުމުންނެވެ.

މީގެ ކުރިން ޔޫއޭއީގެ އަލް ވަސްލް އަށް ވެސް ކޯޗުކޮށްދިން މަރަޑޯނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. އޭނާ އަށް އާޖެންޓީނާގެ ގައުމީ ކޯޗުކަން 2008 އިން 2010 އަށް ލިބުނު ނަމަވެސް، މާބޮޑު ކަމެއް ނުކުރެވުނެވެ. އެގޮތުން ލިއޮނަލް މެސީ ފަދަ ކުޅުންތެރިންނާ އެކު ފޭވަރިޓުންގެ ގޮތުގައި ނުކުމެ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ކެޓީ އެވެ.

އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަނަކީ ހުނަރުގެ ގޮތުން ބަލާއިރު، މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރެއިން ގިނަ ބަޔަކު ޖާގަ ދޭ ކުޅުންތެރިޔެކެވެ. އެކަމަކު އަހުލާގީ މައްސަލަތަކާއި މާބޮޑަށް ކަންކަމަށް ފާޑުކިޔާތީއާ ވެސް އެކު އޭނާ ބައެއް ފަހަރު ހުންނަނީ ބާކީވެފަ އެވެ.