ވޯލްޑް ކަޕަށް އިންގްލެންޑުން ޒުވާން ސްކޮޑެއް
ވޯލްޑް ކަޕަށް އިންގްލެންޑުން ޒުވާން ސްކޮޑެއް

ލަންޑަން (މެއި 17) - އަންނަ މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިންގްލެންޑުން ނިސްބަތުން ޒުވާން ސްކޮޑެއް އެކުލަވާލައިފި އެވެ.

މި ފަހަރު ޓީމުގައި މުޅިން އަލަށް ހިމެނުނީ މީގެ ކުރިން އިންގްލެންޑް 21 އަހަރުން ދަށުގެ ޓީމަށް ކުޅުނު ލިވަޕޫލްގެ ޑިފެންޑަރު އުމުރުން 19 އަހަރުގެ ޓްރެންޓް އަލެކްސާންޑަ އާނޯލްޑް އެވެ. މި ސީޒަނުގައި ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އާނޯލްޑް ޓީމުގައި ހިމެނުމުން އިންގްލެންޑް ކުރީގެ ކުޅުންތެރިން އަންނަނީ އެ ނިންމުން ރަނގަޅު ކަމަށް ބުނަމުންނެވެ.

މި ފަހަރުގެ ސްކޮޑަކީ އިންގްލެންޑުން ވޯލްޑް ކަޕަކަށް ނެގި ތިން ވަނަ އަށް އެންމެ ޒުވާން ސްކޮޑެވެ. އިންގްލެންޑުން މި ފަހަރު ނެގި ސްކޮޑުގެ އެވްރެޖް އުމުރަކީ 26 އަހަރާއި 28 ދުވަހެވެ. މީގެ ކުރިން އިންގްލެންޑުން 1958 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނެގި ސްކޮޑުގެ އެވްރެޖް އުމުރަކީ 25 އަހަރާއި 81 ދުވަހެވެ. އަދި 2005 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނެގި ސްކޮޑުގެ އެވްރެޖް އުމުރަކީ 25 އަހަރާއި 286 ދުވަހެވެ.

މި ފަހަރު އިންގްލެންޑް ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެ ޓީމަށް 40 އަށް ވުރެ ގިނަ މެޗު ކުޅެދިން ހަމައެކަނި ކުޅުންތެރިޔަކީ ޗެލްސީގެ ޑިފެންޑަރު ގެރީ ކޭހިލް އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުނު ހަތަރު ކުޅުންތެރިޔަކު މި ފަހަރުގެ ޓީމުގައި ވެސް ހިމެނެ އެވެ. މި ފަހަރުގެ އިންގްލެންޑް ސްކޮޑުގައި އިނގިރޭސި ޕްރިމިއާ ލީގުގެ 10 ކްލަބެއްގެ ކުޅުންތެރިން ހިމެނެ އެވެ.

މި ފަހަރުން ފުރުސަތު ނުލިބުނު ކުޅުންތެރިންނަށް ބަލާއިރު ވެސްޓް ހޭމްގެ ކީޕަރު ޖޯ ހާޓާއި އާސެނަލްގެ މިޑްފީލްޑަރު ޖެކް ވިލްޝަޔާ ހިމެނެ އެވެ. ބެކަޕެއްގެ ގޮތުގައި މި ދެ ކުޅުންތެރިންގެ އިތުރުން ދެން ތިބީ ސައުތެމްޓަންގެ ޑިފެންޑަރު ރަޔާން ބާޓްރަންޑް، ލިވަޕޫލްގެ އެޑަމް ލަލާނާ، ބާންލީގެ ކީޕަރު ޓޮމް ހީޓަން އާއި ޑިފެންޑަރު ޖޭމްސް ޓަކޯސްކީ އާއި ބޯންމައުތުގެ މިޑްފީލްޑަރު ލެވިސް ކުކް އަދި ވެސްޓް ބްރޮމްގެ ޖޭކް ލިވަމޯ އެވެ.

ގޯލްކީޕަރުން: ޖެކް ބަޓްލަންޑް (ސްޓޯކް)، ނިކް ޕޯޕް (ބާންލީ)، ޖޯޑަން ޕިކްފޯޑް (އެވަޓަން)

ޑިފެންޑަރުން: ޓްރެންޓް އަލެކްސާންޑަ އާނޯލްޑް (ލިވަޕޫލް)، ގެރީ ކޭހިލް (ޗެލްސީ)، ފަބިއަން ޑެލްފް (މެންޗެސްޓާ ސިޓީ)، ފިލް ޖޯންސް (މެންޗެސްޓާ ޔުނައިޓެޑް)، ހެރީ މެގުއާ (ލެސްޓާ ސިޓީ)، ޑެނީ ރޯސް (ޓޮޓެންހަމް)، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)، ކިއެރަން ޓްރިޕިއޭ (ޓޮޓެންހަމް)، ކައިލް ވޯކާ (މެންޗެސްޓާ ސިޓީ)، އެޝްލީ ޔަންގް (މެންޗެސްޓާ ޔުނައިޓެޑް)

މިޑްފީލްޑަރުން: ޖޯޑަން ހެންޑަސަން (ލިވަޕޫލް)، ޑެލެ އާލީ (ޓޮޓެންހަމް)، އެރިކް ޑަޔާ (ޓޮޓެންހަމް)، ޖެސީ ލިންގާޑް (މެންޗެސްޓާ ޔުނައިޓެޑް)، ރުބެން ލޮފްޓަސް-ޗީކް (ޗެލްސީ)، ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ)

ފޯވާޑުން: ހެރީ ކޭން (ޓޮޓެންހަމް)، ޑެނީ ވެލްބެކް (އާސެނަލް)، ޖޭމީ ވާޑީ (ލެސްޓާ ސިޓީ) މާކަސް ރެޝްފޯޑް (މެންޗެސްޓާ ޔުނައިޓެޑް)