ފަސް އަހަރުގެ ޑަކޯޓާ ސްކޫލަށް ދިޔައީ 70 ފުލުހުންނާ އެކު
ފަސް އަހަރުގެ ޑަކޯޓާ ސްކޫލަށް ދިޔައީ 70 ފުލުހުންނާ އެކު

އެމެރިކާގެ ފަސް އަހަރުގެ ފިރިހެން ކުއްޖަކު ސްކޫލަށް ގެންދިއުމުގައި އިންޑިއާނާގެ ފުލުހުންތަކެއް އޭނާ އެސްކޯޓްކޮށްގެން ދިން ޝަރަފާ އެކު އެތައް ބައެއްގެ ތައުރީފު އޮހެން ފަށައިފި އެވެ.

ފަސް އަހަރުގެ ޑަކޯޓާ ޕިޓްސް ސްކޫލަށް ގެންދަން ހޯޓް ޕޮލިސް ޑިޕާޓްމަންޓްގެ 70 ފުލުހުންގެ ޓީމަކުން ހަރަކާތްތެރިވީ މީގެ މަހެއްހާ ދުވަސް ކުރިން، ޑަކޯޓާގެ ބައްޕަ ރޮބް ޕިޓްސް ޑިއުޓީގައި ހުއްޓައި މަރުވި ހާދިސާއާ ގުޅިގެން އޭނާ ސްކޫލަށް ދާން ދެކޮޅު ހަށަން ފެށުމުނެވެ.

ފަސް އަހަރުގެ ދަރިފުޅު އޭނާގެ މަންމަ ގާތު ބުނި ގޮތުގައި އަލުން ސްކޫލަށް ދާނީ ބައްޕައާ އެކު މަސައްކަތް ކުރި މީހުންގެ ތެރެއިން މީހަކު އޭނާ ގޮވައިގެން ސްކޫލަށް ދާ ނަމަ އެވެ. މިކަން ޑަކޯޓާގެ މަންމަ، ފިރިމީހާގެ ގާތް ބަޔަކާ ހިއްސާކުރުމުން އެކަން ކޮށްދޭން ހޯޓް ޕޮލިސް ޑިޕާޓްމަންޓުން ނިންމީ އެވެ.

އެތަނުން ނިންމީ އެންމެ ފުލުހެއްގެ ބަދަލުގައި 70 ފުލުހުން ޑަކޯޓާ ސްކޫލަށް ގެންދިއުމުގައި ބައިވެރިވާށެވެ.

މި މަންޒަރު ދައްކުވައިދޭ ވީޑިއޯ އިން ފެންނަ ގޮތުގައި ޑަކޯޓާ ކިޔަވަމުން އަންނަ ސްލިވެން ޕްރައިމެރީ ސްކޫލަށް އޭނާ ހާޒިރުވާ އިރު، ފުލުހުން މަގުގެ އެއް ފަރާތުގައި އެތުރިގެން ތިބެ އެވެ. އަދި ފުލުހުންގެ ލައިނުގެ ކައިރިން ވަރަށް މަޑުމައިތިރިކަމާ ފުލުހުންގެ އޮފިސަރަކާ އެކު ޑަކޯޓާ ހިނގާފައި ސްކޫލަށް ދެ އެވެ. ސްވޮޓް އޮފިސަރުން ޑަކޯޓާ ސްކޫލަށް އަންނާތީ މަރުހަބާ ވެސް ކިޔާފައިވެ އެވެ.

އޭނާ ސްކޫލަށް ދިޔައީ ބައްޕަގެ ޕޮލިސް ބެޖް ވެސް ޔުނިފޯމްގައި ހަރުކޮށްގެންނެވެ. އަދި ފުލުހުންގެ ސްވޮޓްގެ ޓީޝާޓަކާއި ބެޖެއް ވެސް ޑަކޯޓާ އަށް ހަދިޔާ ކުރި އެވެ.

ޑަކޯޓާގެ މަންމަ ކިޔައިދިން ގޮތުގައި ދަރިފުޅާއި ފިރިމީހާއާ ދެމެދު އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.

"ދަރިފުޅު އަބަދު ވެސް ބުނާނެ ބައްޕަ ކަހަލަ ފުލުހުކަށޭ ތިމަންނަ ވެސް ވާނީ،" ޑަކޯޓާގެ މަންމަ ބުންޏެވެ. "އަހަރެން ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން ފުލުހުން ދިން އެހީތެރި ކަމަށް. މިއީ ދަރިފުޅަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް."