19 މެއި 2018 - 08:30

މިހާރު މިވީ ކުރިން ހީ ވެސް ނުކުރާ ކަހަލަ ގޮތެކެވެ. އޮކްޓޯބަރު 18 ގައި ސޯނަމް ކަޕޫރާއި އޭނާގެ ބައްޕަ އެކުގައި އަލަށް ސްކްރީނުން ފެނިގެންދާ ފިލްމް "އޭކް ލަޅްކީ ކީ ދޭކާ ތޯ އޭސާ ލަގާ" ރިލީޒް ކުރަން ތާވަލުކޮށްފައި ވަނިކޮށް ސޯނަމްގެ ދެެބެއިންގެ ދެދަރި އެކްޓަރު އަރްޖުން ކަޕޫރްގެ "ނަމަސްތޭ އިންގްލެންޑް" ވެސް ވަނީ ހަމަ އެ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފަ އެވެ.
އެކަމަކު އެ ކުރިމަތިލުމެއް ވުރެ ބޮޑު ކުރިމަތިލުމެއް މިހާރު މިއޮތީ އަންނަ މަހުގެ 1 ގަ އެވެ. އެ ދުވަހު ސޯނަމްގެ "ވީރޭ ދީ ވެޑިން" ރިލީޒް ކުރަން ނިންމާފައި ވަނިކޮށް، އޭނާގެ ކޮއްކޮ ހާޝްވަރްދަން ކަޕޫރްގެ ފިލްމް "ބަވޭޝް ޖޯޝީ" ހަމަ އެ ތާރީހުގައި ރިލީޒްކުރަން މިހާރު ވަނީ ނިންމައިފި އެވެ.
ވިކްރަމަދަތިޔާ މޮޓްވާނޭ ޑައިރެކްޓްކޮށްފައިވާ ސުޕަހީރޯ ފިލްމް "ބަވޭޝް ޖޯޝީ" ރިލީޒް ކުރަން ކުރިން އޮތީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެކަމަކު ފިލްމް ރިލީޒު ކުރަން ގާތްގަނޑަށް ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް ފިލްމް ލަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ހާޝް ވަނީ ޖޫން 1 އަށް ފިލްމް ބަދަލުކުރިކަން އޭނާގެ ޓްވިޓާގައި ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ.
ކޮންމެއަކަސް ދެބެއިން ބޮކްސް އޮފީހުގެ ކުރިމަތިލުމަކަށް ނުކުންނަ އިރު، އެންމެ ޝައުގުވެރި ކަމަކަށް ވާނީ ކުރި ހޯދާނީ ކޮން ފިލްމެއްތޯ ބެލުމެވެ. "ބަވޭޝް ޖޯޝީ" އާއި "ވީރޭ ދީ ވެޑިން" އަކީ ވަރަށް ތަފާތު ދެ ކޮންސެޕްޓެއްގެ ދެ ފިލްމް ކަމެވެ.
ޝަޝަންކާ ގޯޝް ޑައިރެކްޓްކޮށްފައިވާ "ވީރޭ ދީ ވެޑިން" އަކީ މައިގަނޑު ރޯލްތަކުން ބަތަލާއިންތަކެއް ފެނިގެންދާ ޗިކް ފްލިކެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ސޯނަމާ އެކު ކަރީނާ ކަޕޫރާއި ސްވަރާ ބާސްކަރް ވެސް ފެނިގެން ދާނެ އެވެ. "ވީރޭ ދީ ވެޑިން" އަކީ ގިނަ ބަޔަކު ވަރަށް ބޮޑަަށް އިންތިޒާރު ވެސް ކުރަމުން އަންނަ ފިލްމެކެވެ.
ސަބަބަކީ މިއީ ކަރީނާ ވިހެއުމަށް ފަހު، ހަށިގަނޑަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު، އޭނާ ބޮޑު ސްކްރީނަށް އަންނަ ފުރަތަމަ ފިލްމަށްވުމެވެ. އަނެއްކޮޅުން ކަރީނާ ކަހަލަ މަޝްހޫރު ބަތަލާ އެކު ފިލްމްގައި ހިމެނުމަކީ ވެސް، ބޮކްސް އޮފީހުގައި ފިލްމް ހިނގާނެ ކަމަށް ބެލެވޭ އެއް ސަބަބެވެ.
"ވީރޭ ދީ ވެޑިން" ވެސް ޖޫން 1 އަށް ފަސްކުރީ އެ ފިލްމް ކުރިން މި މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ނިންމައި، އެ ތާރީހުގައި ފިލްމްގެ ޕޯސްޓަރުތަކެއް ވެސް ނެރެފައި ވަނިކޮށްކަން ފާހަގަކުރެވެ އެވެ.
ހާޝްގެ "ބަވޭޝް ޖޯޝީ" ގައި މާ މަޝްހޫރު ތަރިންތަކެއް ވެސް ނެތެވެ. އަދި މިއީ އޭނާގެ ދެވަނަ ފިލްމް ވެސް މެ އެވެ. އެހެންވެ "ވީރޭ ދީ ވެޑިން" އާ ބޮކްސް އޮފީހުގައި ކުރިމަތިލައިގެން ލިބެނީ ކިހާ ވަރެއްގެ ކާމިޔާބީއެއްތޯ ބަލަމާ ހިނގާށެވެ. "ބަވޭޝް ޖޯޝީ" ގައި ވަނީ އަރްޖުން ފެނިގެންދާ ލަވައެއް ވެސް ހިމަނައިފަ އެވެ.
ޔަގީނުން ވެސް މިހާރު އެންމެ ބޮޑު ހާސް ކަމެއްގެ ތެރޭގައި ހުންނާނީ ސޯނަމެވެ. އެއީ ކޮއްކޮގެ ފިލްމާއި އަރްޖުންގެ ފިލްމަކާ ވެސް އޭނާގެ ފިލްމްތަކެއް ވާދަ ކުރަން ޖެހޭތީ އެވެ. އަދި ހަމައެއާ އެކު "ވީރޭ ދީ ވެޑިން" އަކީ ކައިވެންޏަށް ފަހު، ސޯނަމް ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށްވާތީ، މި ފިލްމް ކާމިޔާބުވުން ވެސް އޭނާ އަށް ވަރަށް މުހިއްމު ވާނެ އެވެ.