ވޯލްޑް ކަޕް: ޖޯޒީތަކުން ސިއްރު މެސެޖްތަކެއް
ވޯލްޑް ކަޕް: ޖޯޒީތަކުން ސިއްރު މެސެޖްތަކެއް

މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ 32 ޓީމުން އެކި ޑިޒައިންތަކުގެ ތަފާތު ބްރޭންޑްތަކުގެ ޖާޒީ ބޭނުންކުރާނެ އެވެ. އެ ޖޯޒީތައް ފަރުމާ ކުރުމުގައި ވެސް ވަރަށް ތަފާތު ހިޔާލުތައް ހިމެނެ އެވެ. ބައެއް ޓީމުތަކުން ޖާޒީ ފަރުމާކުރީ ގައުމީ އެކި ކަންކަމާ ގުޅުވައިގެންނެވެ. އަނެއް ބައި ޓީމުތަކުގެ ވިސްނުން ހުރީ އެ ގައުމެއްގެ ކުޅިވަރުގައި އެންމެ ކާމިޔާބުކުރި ޖާޒީއާ އެއްގޮތް ކަހަލަ ގޮތަކަށް ހަދާށެވެ.

ވޯލްޑް ކަޕް: ޖޯޒީތަކުން ސިއްރު މެސެޖްތަކެއް
ވޯލްޑް ކަޕް: ޖޯޒީތަކުން ސިއްރު މެސެޖްތަކެއް

މި ފަހަރުގެ ވޯލްޑް ކަޕަށް ވެސް އެންމެ ގިނަ ޓީމުތަކުން ޖާޒީ ފަރުމާ ކޮށްފައިވަނީ މަޝްހޫރު ދެ ބްރޭންޑް ކަމަށްވާ ނައިކީ އާއި އެޑިޑާސް އިންނެވެ. އެޑިޑާސް އިން 12 ޓީމުގެ ޖޯޒީ ފަރުމާކޮށްދިންއިރު، 10 ޓީމުގެ ޖާޒީ ތައްޔާރުކުރީ ނައިކީ އިންނެވެ. ދެން ހިމެނެނީ ޕޫމާ އިން ހަތަރު ޓީމާއި ނިއު ބެލެންސް އިން ދެ ޓީމު، އަމްބްރޯ، ހަމެލް، އެރީއާ އަދި އާލްސްޕޯޓްގެ ތެރެއިން ކޮންމެ ބްރޭންޑަކުން އެއް ޓީމެވެ.

ވޯލްޑް ކަޕް: ޖޯޒީތަކުން ސިއްރު މެސެޖްތަކެއް
ވޯލްޑް ކަޕް: ޖޯޒީތަކުން ސިއްރު މެސެޖްތަކެއް

މުބާރާތް ބާއްވާ ގައުމު ރަޝިއާ އިން އެ ގައުމުގެ ޖާޒީ ޑިޒައިން ކުރުމުގައި ބެލީ 1988 ގައި ޔޫއެސްއެސްއާރް އިން ބޭނުންކުރި ޖޯޒީއެއްގެ ނަކަލަށެވެ. އެ ޖާޒީއާ އެއްގޮތަށް މި ފަހަރުގެ ޖާޒީ ފަރުމާ ކުރުމަށް ނިންމީ ރަޝިއާގެ ފުޓްބޯޅަ ތާރީހުގައި ފެނިގެންދިޔަ އެންމެ ވަރުގަދަ ޓީމުން ވެސް ބޭނުންކުރީ އެ ޑިޒައިންގެ ޖާޒީ ކަމަށްވާތީ އޭގެއިން ހިތްވަރު ހޯދުމަށެވެ.

ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އިން އެ ޓީމުގެ ޖާޒީ ފަރުމާކުރުމުގައި ބޮޑަށް ބެލީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމުން ޖާޒީ ހަދަން ބޭނުންކުރި އާލަތްތަކަށް އިސްކަން ދިނުމަށެވެ. އެއީ އެ ޓީމަށް އެ މުބާރާތުގެ ކާމިޔާބީގެ އިހުސާސަށް ކުރެވޭ ގޮތަށް ހެދުމަށާއި ކާމިޔާބީ ތަކުރާރު ކުރުމުގެ ވިސްނުން އިސްކުރުމުގެ ގޮތުންނެވެ.

މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭ ސްޕެއިން ޓީމުން މި ފަހަރުގެ ޖާޒީ ފަރުމާ ކުރުމުގައި ބެލީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުން ބޭނުންކުރި ޖާޒީއާ އެއްގޮތަކަށް ޖާޒީ ހެދުމަށެވެ. އެޑިޑާސްގެ އެހީގައި ސްޕެއިނުން ފަރުމާކުރި މި ޖާޒީން ބުނެދެނީ އެ ޓީމު އަލުން ކުރީގެ ކުޅުންތެރިން ކުރި ހިތްވަރު އާލާ ކުރަން ބޭނުންވާ ކަމަށެވެ. އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ނާކާމިޔާބީ ފަހަތަށް ޖައްސާލައި ކުރިއަށް ދިއުމުގެ ވިސްނުން އިސްކުރާކުރުމެވެ.

ފްރާންސުން މި ފަހަރު ޖާޒީ ފަރުމާ ކުރުމުގައި އިސްކަންދިނީ މީގެ ކުރިން ހުރިހާ ފަހަރަކާ ތަފާތު މޮޑެލް އެއް ބޭނުންކުރުމަށެވެ. މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު ނުކުންނަ ފްރާންސް ޓީމުގެ ޖާޒީ އެޑިޑާސް އިން ފަރުމާކޮށްފައިވަނީ އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން ހުށަހެޅި ގިނަ ޝަރުތުތަކެއް ފުރިހަމަކޮށްފަ އެވެ.

އާޖެންޓީނާ އިން މި ފަހަރުގެ ޖާޒީ ފަރުމާކުރިއިރު ބަލާފައިވަނީ 1993 ވަނަ އަހަރުގެ ޖާޒީއާ ވީހާ ވެސް އެއްގޮތް ކުރުމަށެވެ. އެއީ އެ ފަހަރުގެ ކޮޕަ އެމެރިކާގެ ކުރިން އެ ގައުމުން ފުޓްބޯޅައިގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލިއިރު، މި ފަހަރު އެ ޓީމުން މުބާރާތުގެ ޖާގަ ހޯދީ ވެސް ފަހު ވަގުތު ކަމަށްވާތީ ކުރިން ކުރި ހިތްވަރުލައި އަލުން ކާމިޔާބީ އަށް މަސައްކަތް ކުރުމަށް ކަމަށް ބުނެ އެެވެ.

ނައިޖީރިއާ އިން ވެސް މި ފަހަރުގެ ވޯލްޑް ކަޕް ޖާޒީ ފަރުމާކުރިއިރު، ނަަކަލުކޮށްފައިވަނީ އެ ޓީމުން 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރި ޖާޒީ އެވެ. އެ ފަހަރު މުބާރާތުގައި އާޖެންޓީނާއާ އެއް ގްރޫޕެއްގައި އޮތް ނަމަވެސް ނައިޖީރިއާ ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި ވެސް ނައިޖީރިއާ އޮތީ އާޖެންޓީނާއާ އެއް ގްރޫޕެއްގަ އެވެ.

ބްރެޒިލުން މި ފަހަރު ވޯލްޑް ކަޕް ޖާޒީ އަށް ގެނައި ބަދަލަކީ އޭގެ އަށް ގްރެފިކް ޕްރިންޓެއް އިތުރު ކުރުމެވެ. އަދި އޭގެ އިތުރުން އެ ޓީމު ދެ ވަނަ ޖާޒީގައި ހިމެނޭ ތަރިތަކުގެ ޑިޒައިން ކޮށްފައިވަނީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުން ބޭނުންކުރި ކަހަލަ ގޮތަކަށެވެ. ޖާމަނީން މި ފަހަރު ޖާޒީ ފަރުމާ ކުރީ 1990 ވަނަ އަހަރުގެ ޖާޒީ އަސްލަކަށް ބަލައިގެން އޭރުގެ ކުޅުންތެރިން ކުރި ހިތްވަރު އަލުން ތަކުރާރު ކުރުމަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ތަފާތު ދައްކާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތަރިން ގިނަ ބެލްޖިއަމް ޓީމުން ވޯލްޑް ކަޕް ޖާޒީ ފަރުމާކުރިއިރު، އެ ޓީމުން ބެލީ 1984 ގެ ޖާޒީއާ އެއްގޮތް ކުރުމަށެވެ. ވަރުގަދަ ޓީމަކާ އެކު ނުކުމެ ބެލްޖިއަމް އެ ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި އެވެ. އޭރަށް ފަހު މި ފަހަރުގެ ވޯލްޑް ކަޕަކީ ބެލްޖިއަމް އެންމެ ވަރުގަދަ ޓީމާ އެކު ނުކުންނާނެ މުބާރާތް ކަމަށްވާއިރު، އެ ޓީމުގެ ވިސްނުން ހުރީ ތާރީހު ބަދަލުކުރުމަށެވެ.

ކޮލަމްބިއާ އިން މި ފަހަރު އެ ޓީމުގެ ޖޯޒީ ފަރުމާކުރުމުގައި ބަލާފައިވަނީ 1970 އާއި 1980 ގެ އަހަރުތަކުގައި އެ ޓީމުން ބޭނުންކުރި ޖޯޒީއާ އެއްގޮތްވާ ކަހަލަ ޖޯޒީ އެއް މި ފަހަރުގެ މުބާރާތުގައި ބޭނުންކުރުމަށެވެ.

ޖަޕާނުން މި ފަހަރުގެ ޖާޒީ ތައްޔާރުކުރިއިރު ބަދަލު ގެނައީ އެ ޓީމުގެ ކްރެސްޓް އަށެވެ. އޭގެ އަށް ބަދަލު ގެނައީ ޖަޕާން ވޯލްޑް ކަޕަށް ކޮލިފައިވިތާ 20 އަހަރު ފުރުން ފާހަގަކުރުމަށެވެ.

ގިނަ ޓީމުތަކުން ޖާޒީ ފަރުމާކުރިއިރު ވިސްނާފައިވަނީ ކުރީގެ ހަނދާންތައް އާ ކުރުމަށާއި މާޒީން ހިތްރަވު ލިބޭ ކަހަލަ ގޮތަކަށް ޖާޒީ ފަރުމާ ކުރުމަށެވެ. އަދި ބައެއް ޓީމުތަކުން އެ ގައުމުގެ އެއްބައިވަންތަކަމާއި ސަގާފަތް ދައްކުވައިދޭ ގޮތަކަށް ޖޯޒީ ހެދުމަށް އިސްކަންދީފައިވާއިރު، އާ ބްރޭންޑަކާ އެކު ފަހުގެ ސްޓައިލަކަށް ޖޯޒީ ތައްޔާރުކުރި ޓީމުތައް ވެސް ހިމެނެ އެވެ.