ނިކިލް އަދްވާނީގެ "ބަޓްލާ ހައުސް" ގައި ޖޯން އަބްރަހަމް
ނިކިލް އަދްވާނީގެ "ބަޓްލާ ހައުސް" ގައި ޖޯން އަބްރަހަމް

މި މަހު ޖޯން އަބްރަހަމްގެ އާ ފިލްމް "ޕަރްމަނޫ" ރިލީޒް ކުރަން ތައްޔާރުވަމުން އަންނަނިކޮށް އޭނާ އަނެއްކާ އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފަހަރު ޖޯން ސޮއިކޮށްފައި ވަނީ ނިކިލް އަދްވާނީ ޑައިރެކްޓް ކުރާ "ބަޓްލާ ހައުސް" އަށެވެ. ޖޯން ވަނީ 2008 ގައި ނިކިލް ގެނެސް ދިން "ސަލާމޭ އިޝްގް" ގައި ވެސް މަސައްކަތްކޮށްފަ އެވެ. "ބަޓްލާ ހައުސް" އަށް ޖޯން ސޮއިކުރިކަން ކަށަވަރުވި ނަމަވެސް، މިއީ ކޮން ކަހަލަ ފިލްމެއް ކަމާއި ފިލްމްގެ ބަތަލާއަކީ ކާކު ކަމެއް އަދި ނޭނގެ އެވެ.

ދެހާސް ފަނަރައިގައި "ކައްޓީ ބައްޓީ" ގެނެސް ދިން ނިކިލްގެ އާ ފިލްމް ޝޫޓްކުރަން ހަމަޖެހިފައި ވަނީ ނޭޕާލާއި ނިއު ދިއްލީ އާއި މުމްބާއީގެ އިތުރުން ޖެއިޕޫރްގަ އެވެ. އަންނަ ސެޕްޓެމްބަރުގައި ޝޫޓިން ފަށާ "ބަޓްލާ ހައުސް" ގެ ސްކްރީންޕްލޭ ލިޔަނީ ރިތޭޝް ޝާހް އެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސް ކުރި 2003 ގެ ފިލްމް "ކަލް ހޯ ނަހޯ" އިން ޑައިރެކްޝަނަށް ނުކުތް ނިކިލް ފަހުން ހެދި އެއްވެސް ފިލްމަކީ ބޮކްސް އޮފީހުގައި އެހާ ކާމިޔާބު ފިލްމްތަކެއް ނޫނެވެ.

ދެހާސް ސޯޅައިގައި ރިލީޒް ކުރި "ފޯސް 2" އިން ފެނިގެން ދިޔަ ޖޯން މިހާރު އަންނަނީ މިލަޕް މިލަޕް ޒަވޭރީގެ ސަތިޔަމޭވް ޖަޔަތޭ (އެސްއެމްޖޭ) ގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ސޮއިކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި ރޮބީ ގެރްވާލް ޑައިރެކްޓް ކުރާ ސްޕައި ތުރިލާ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ހިމެނެ އެވެ.

މި މަހުގެ 25 ގައި ރިލީޒް ކުރާ "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އަކީ 1998 ގައި އިންޑިއާގައި ކުރި ނިއުކްލިއާ ޓެސްޓް ބޮމް ގޮވި ހާދިސާ އަށް ބިނާކޮށް އަބިޝެކް ޝަރްމާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.