އަނިލް ކަޕޫރަށް އެއްވެސް ބަދަލެއް ނާދޭ: މަދޫރީ ޑިކްސިޓް
އަނިލް ކަޕޫރަށް އެއްވެސް ބަދަލެއް ނާދޭ: މަދޫރީ ޑިކްސިޓް

އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓްގެ ޖޯޑަކީ 90ގެ އަހަރުތަކުގައި އެންމެ ކާމިޔާބު އެއް ޖޯޑެވެެ. މި ދެ ތަރިން ވަނީ ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ 1992 ގައި ރިލީޒް ކުރި "ބޭޓާ" އެވެ. އަދިވެސް ވަރަށް ގިނަ ބައެއްގެ މެދުގައި މަޝްހޫރު ލަވައެއް ކަމަށްވާ "ދަކް ދަކް ކަރްނޭ ލަގާ" ހިމެނޭ އެ ފިލްމަކީ އިންދަރް ކުމާރް ޑައިރެކްޓް ކުރި ފިލްމެކެވެ.

އަނިލް ކަޕޫރަށް އެއްވެސް ބަދަލެއް ނާދޭ: މަދޫރީ ޑިކްސިޓް
އަނިލް ކަޕޫރަށް އެއްވެސް ބަދަލެއް ނާދޭ: މަދޫރީ ޑިކްސިޓް

އެތައް އަހަރެއްގެ މެދުކެނޑުމަކަށް ފަހު، އަނިލް އާއި މަދޫރީގެ ޖޯޑު އަނެއްކާ ވެސް އެކުގައި ފެނިގެން ދާނީ ހަމަ އިންދަރްގެ ފިލްމަކުންނެވެ. އެއީ މި އަހަރުގެ ޑިސެމްބަރު 7 ގައި ރިލީޒްކުރާ "ޓޯޓަލް ދަމާލް" އިންނެވެ.

ބޮޑު ކާސްޓެއް ހިމެނޭ ފިލްމްގެ ޝޫޓިން މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ އިރު، މަދޫރީ ބުނީ އަނިލްއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ އެތަކެއް ހަނދާންތަކެއް އާ ކުރުވާ ކަމެއް ކަމަށެވެ. އަދި އެއަށް ވުރެ ބޮޑަށް އޭނާ ފާހަގަކުރަނީ އަނިލް އަށް ދެގޮތެއް ނުވާ ކަމެވެ.

"ކުރިން ވެސް ހަމަ އޭނައާ އެކު މަސައްކަތް ކުރި އިރު ފެންނަ އަނިލް މިހާރު ވެސް ފެންނަނީ. ސިފަ އަށް ވެސް، އެނަޖީ އަށް ވެސް ނެތް އެއްވެސް ތަފާތެއް އައިސްފައެއް،" 61 އަހަރުގެ އެކްޓަރާ ބެހޭ ގޮތުން މަދޫރީ، 51، ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިންދަރްގެ ފިލްމެއްގައި އަލުން މަސައްކަތްކުރަން ލިބުމަކީ "ބޭޓާ" ގެ ހަނދާންތައް ވެސް އާ ކުރުވާ ކަމެކެވެ.

"މި ފަހަރު ވަރަށް މަޖާ ފިލްމެއްގައި މަސައްކަތް މި ކުރަނީ. އަހަންނަށް ވަރަށް ޔަގީން ބެލުންތެރިންނަށް ފިލްމް ވަަރަށް ކަމުދާނެކަން،" މި މަހުގެ 25 ގައި ރިލީޒް ކުރާ މަރާޓީ ފިލްމް "ބަކެޓް ލިސްޓް" ގެ ވެސް ބަތަލާ ބުންޏެވެ. "އަނިލްއާ އެހާ ދުވަސްކޮށްފައި މަސައްކަތްކޮށްލަން ލިބުނީމަ ވަރަށް އުފާވެފައި މި ހުންނަނީ."

"ޓޯޓަލް ދަމާލް" އަކީ އިންދަރް 2007 އިން ފެށިގެން ގެނެސްދޭ "ދަމާލް" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. މީގެ ދެ ވަނަ ބައި ރިލީޒް ކުރީ 2011 ގަ އެވެ. އަދި ފުރަތަމަ ދެ ފިލްމްގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތު ވެސް ހިމެނެ އެވެ.

އެކަމަކު "ޓޯޓަލް ދަމާލް" ގައި ސަންޖޭގެ ބަދަލުގައި މި ފަހަރު ފެންނާނީ އަޖޭ ދޭވްގަން އެވެ. އަދި ކުރީ ބައިގެ މުހިއްމު ކާސްޓުން ފިލްމުން ފެންނާނެ އެވެ. އޭގެ ތެރޭގައި އަރްޝަދު ވަރްސީ، ޖާވިދް ޖެފްރީ އަދި ރިތޭޝް ދޭޝްމުކް ހިމެނެ އެވެ.

އަނިލް އާއި މަދޫރީ އެންމެ ފަހުން އެކުގައި ފެނިފައި ވަނީ 2001 ގައި ރިލީޒް ކުރި "ލައްޖާ" އިންނެވެ. ދެ ތަރިން އެކުގައި ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ތޭޒާބް (1988)، ރާމް ލަކަން (1989)، ކިޝަން ކަނައްޔާ (1990) އަދި ޕުކާރް (2000) ހިމެނެ އެވެ.