ކޮލަމް ފަސްމިނެޓް: އަބުރުގެ ބިލް، ކުރިއަށް ވުރެ ވެސް ގޯސް
ކޮލަމް ފަސްމިނެޓް: އަބުރުގެ ބިލް، ކުރިއަށް ވުރެ ވެސް ގޯސް

މި އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، "އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް" ނޫސްވެރިންނަށް ކަމުނުދިޔައީ، އެއީ ނޫސްވެރިކަމާ ދެކޮޅަށް އެކުލަވާލާފައި އޮތް ބިލަކަށް ވާތީ އެވެ. އެކަމަކު އެ ބިލުން ހުރަސްއެޅެނީ ހަމައެކަނި ނޫސްވެރިކަމަކަށް ނޫނެވެ. އާންމު ރައްޔިތުންނަށް ލިބިގެންވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ވެސް ހުރަސް އެޅިގެންދެ އެވެ.

ކޮލަމް ފަސްމިނެޓް: އަބުރުގެ ބިލް، ކުރިއަށް ވުރެ ވެސް ގޯސް
ކޮލަމް ފަސްމިނެޓް: އަބުރުގެ ބިލް، ކުރިއަށް ވުރެ ވެސް ގޯސް

ނޫސްވެރިން ކަންބޮޑުވީ، މަދަނީ ކުށެއްގެ ގޮތުގައި އޮތް އަބުރާ ބެހުން، ޖިނާއީ ކުށަކަށް ބަދަލުކޮށް ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ ކޮށް ބޮޑެތި އަދަބުތަކެއް ކަނޑައެޅޭ ގޮތަށް އޮތުމުންނެވެ. އަދި ނޫސްވެރިންގެ މައްޗަށް ކުރާ ބޮޑެތި ޖޫރިމަނާތައް ނުދެއްކިއްޖެ ނަމަ، އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާތީ އެވެ.

ކޮލަމް ފަސްމިނެޓް: އަބުރުގެ ބިލް، ކުރިއަށް ވުރެ ވެސް ގޯސް
ކޮލަމް ފަސްމިނެޓް: އަބުރުގެ ބިލް، ކުރިއަށް ވުރެ ވެސް ގޯސް

ކުރީގެ ބިލް އޮތް ގޮތުން، މީޑިއާގެ ވަސީލަތަކުން މީހެއްގެ އަބުރާ ބެހެފި ނަމަ، އެ ނޫސްވެރިއަކާ މެދު އަދަބު ކަނޑައެޅެނީ، އެ ކަމެއް ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ކްރިމިނަލް ކޯޓުގައި ޖިނާއީ ދައުވާކޮށް އެކަމެއް ސާބިތުވުމުންނެވެ. ޖިނާއީ ކުށްތައް ސާބިތުވާ އާންމު މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެކަމެއް ސާބިތުވުމެވެ.

މި ފަހަރުގެ ބިލްގައި ފުލުހުންނާއި ޕީޖީގެ ދައުރު ވަނީ އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުކުރާ އަބުރާ ބެހެވޭ ފަދަ ވާހަކަތަކުގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންތައް ބަލަހައްޓާ އިދާރާ އަށެވެ. މިހާރު އެއީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނެވެ. އަދަބު ކަނޑައެޅުމުގެ ބާރު ވެސް އޮތީ އެ އިދާރާ އަށެވެ. އެހެންކަމުން އަބުރުގެ މައްސަލައެއް ސާބިތުކުރުމަށްޓަކައި، ދެ ފަރާތުން ހެއްކާއި ގަރީނާތައް ހުށަހަޅައިގެން ޖިނާއީ މިންގަނޑުން ވިޔަސް ނުވަތަ މަދަނީ މިންގަނޑުން ވިޔަސް އެކަމެއް ކިރައި ބަލާކަށް ނުޖެހެ އެވެ. އެ ވަގުތަކު އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިބޭ ބަޔަކަށް، އެއީ މީހެއްގެ އަބުރާ ބެހުން ކަމަށް ފެނިއްޖެ ނަމަ، ގާނޫނުގައި ބުނާ އަދަބުތައް ކަނޑައަޅައި ޖޫރިމަނާ ކުރަންވީ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނަކީ އެ މަގާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވައިގެން މަޖިލީހުގެ ރުހުން ލިބުމުން ރައީސް އައްޔަންކުރައްވާ ބައެކެވެ. ވީއިރު، ސަރުކާރުގެ ވެރިއެއްގެ ނުވަތަ ސަރުކާރަށް ތާއީދު ކުރާ އިސް މީހެއްގެ އަބުރާ ބެހުމުގެ މައްސަލައެއް، މިފަދަ ގޮތަކަށް އޮންނަ ކޮމިޝަނަކަށް ހުށަހެޅުމުން ދެން ކަންތައް ވެގެންދާނެ ގޮތް ވިސްނައިލުން މުހިންމެވެ.

މި ބިލްގައިވާ ކުށެއް ކުރީ ރަޖިސްޓްރީކޮށްފައިވާ މީޑިއާއަކުން ކަމަށްވާ ނަމަ، މީޑިއާގެ ކަންތައް ބަލަހައްޓާ އިދާރާ އަށް ޝަކުވާ ހުށަހެޅުމުން ނުވަތަ އެ އިދާރާގެ އަމިއްލަ އިސްނެގުމަށް ވެސް އެކަމެއް ބަލައި އެ މީޑިއާއަކާ މެދު، ތިރީގައިވާ ފިޔަވަޅުތައް އަޅަންޖެހެ އެވެ؛

1- އެ މީޑިއާއަކަށް އިންޒާރުދީ އެ ދިން އިންޒާރެއް އާންމުކުރުން
2- މި ގާނޫނާ ޚިލާފަށް ފޮނުވާ އަޑެއް ނުވަތަ މަންޒަރެއް އަނބުރާ ގެންދިއުމަށް ނުވަތަ އެފަދައިން ބަޔާނެއް އާންމު ކުރުމަށް ނުވަތަ މައާފަށް އެދުމަށް އެންގުން
3- ތަކުރާރުކޮށް މި ގާނޫނާ ޚިލާފުވާ މީޑިއާ، ވަކި މުއްދަތަކަށް ސަސްޕެންޑުކުރުން ނުވަތަ ޕްރޮގްރާމް ޝެޑިއުލް ވަކި މުއްދަތަކަށް މެޑުކަނޑާލަން އެންގުން
4- މި ފިޔަވަޅުތައް އެޅުމުގެ އިތުރުން 50،000 ރ. އާއި 2،000،000 ރ. އިން ޖޫރިމަނާ ކުރުން
5- މުއްދަތުގައި ޖޫރިމަނާ ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި، ފުލުހުން ތަހުގީގު ކޮށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ހުށަހެޅުން
6- ޖިނާއީ ދައުވާ ކުރުމުން، ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފި ނަމަ، އެ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރަކު 3-6 މަސްދުވަހަށް ޖަލަށް ލުން.

މި ހުރިހާ އަދަބުތަކެއް ކަނޑައެޅިގެން މި ދަނީ، އަބުރާ ބެހުމުގެ ސަބަބުން މީހެއްގެ އަބުރަށް ގެއްލުމެއް ލިބިފައިވާ ނަމަ، އެ ގެއްލުމެއްގެ ބަދަލު ނަގައިދިނުމުގެ އިތުރުންނެވެ. އެހެންކަމުން، އަބުރާ ބެހެވޭ ހާލަތުގައި ނޫސްވެރިއަކު ވެސް ނުވަތަ އާންމުންގެ މީހަކު ވެސް، ދައްކަން ޖެހޭ އަގު އެތައް މިލިއަނަކަށް އަރައިގެން ހިނގައިދާނެ އެވެ.

މި ބިލްގައި އޮތް ގޮތުން އަބުރާ ބެހުމުގެ މައްސަލައިގައި، މީޑިއާގެ ކަންތައް ބަލަހައްޓާ އިދާރާ އިން ކުރާ ޖޫރިމަނާގެ މައްސަލަ ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ވެސް ޖޫރިމަނާގެ ފައިސާ ދެއްކުމަށް ފަހުގަ އެވެ. އިސްތިއުނާފްގެ މައްސަލަ ކާމިޔާބުވެއްޖެ ނަމަ، އެ ޖޫރިމަނާގެ ފައިސާ އަނބުރާ ލިބޭނެ އެވެ.

މީޑިއާއެއްގައި މީހެއްގެ އަބުރާ ބެހުމުން، ބްރޯޑްކޮމް އިން ނުވަތަ މީޑިއާ ކައުންސިލުން އެކަމެއް ބަލައި ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާ ގޮތަށް އޮތް ކަމުގައި ވިޔަސް، އަބުރާ ބެހުމުގެ ކުށުގެ ބާވަތަށް އެއްވެސް ބަދަލެއް ނާދެ އެވެ. ކުރީ ބިލްގައި އޮތް ފަދައިން މިހާރުގެ ބިލްގައި ވެސް އޮތީ ޖިނާއީ ކުށެއްގެ ގޮތުގަ އެވެ. އެކަން އެނގެނީ ބިލްގެ 23 ވަނަ މާއްދާ އިންނެވެ.

އެ މާއްދާގައި ބުނާ ގޮތުން، ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ނޫން އެހެން ފަރާތަކުން މީހެއްގެ އަބުރާ ބެހިއްޖެ ކަމަށް ގަބޫލު ކުރެވޭ ނަމަ، އެ މީހަކު އެ މައްސަލައެއް ހުށަހަޅާނީ ފުލުހުންނަށެވެ. ފުލުހުން ތަހުގީގުކޮށް ދައުވާ ކުރުމަށް ޕީޖީ އަށް ހުށަހަޅަންޖެހޭނެ އެވެ. މި ގޮތަށް އޮތުމުން، އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް މި ބިލް އިއުތިރާފްވެ އެވެ. ނޫސްވެރިޔަކު ނޫން މީހަކު އަބުރާ ބެހުމުން ޖިނާއީ ކުށަކަށް ވެފައި، މީޑިއާގެ ވަސީލަތެއްގައި މީހެއްގެ އަބުރާ ބެހުމުން، މަދަނީ ކުށަކަށް ވުމަކީ ބުއްދި ގަބޫލު ކުރާ ހަމައެއް ނޫނެވެ.

އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި މި ބިލްގެ ބައެއް މާއްދާތަކުގައި އޮތް އިރު، މީޑިއާގެ ވަސީލަތެއްގައި މީހެއްގެ އަބުރާ ބެހެފި ނަމަ، ފުލުހުންނާއި ޕީޖީ އާއި ކޯޓުގެ ދައުރެއް ނެތި، އެކަމެއް ތަހުގީގުކޮށް ފިޔަވަޅު އަޅައި އަދަބު ކަނޑައެޅުމުގެ ބާރު ދީފައި އޮތީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ. ސުވާލަކީ އެ ދެ މުއައްސަސާއަކީ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ އިޚްތިސާސް ލިބިގެންވާ ތަންތަން ހެއްޔެވެ؟

ކުށަކީ އެއް ކުށެކެވެ. އެއީ އަބުރާ ބެހުމެވެ. ކުށް ކުރާ މީހާގެ ހައިސިއްޔަތުން، ކުށުގެ ބާވަތް ބަދަލުވުމަކީ (މަދަނީ ކުށަކުން ޖިނާއީ ކުށަކަށް ނުވަތަ ޖިނާއީ ކުށަކުން މަދަނީ ކުށަކަށް) ގާނޫނީ ނިޒާމު ދަންނަ ހަމައެއް ނޫން ކަމަށް ގާނޫނީ މާހިރުން ވިދާޅުވެ އެވެ. މިހާރު މި ބިލް އޮތް ގޮތުން މީޑިއާގައި ނުހިމެނޭ މީހަކު، އެހެން މީހެއްގެ އަބުރާ ބެހުމަކީ ޖިނާއީ ކުށެކެވެ. ނޫސްވެރިއަކު އެހެން މީހެއްގެ އަބުރާ ބެހުމަކީ މަދަނީ ކުށެކެވެ.

ދެން އޮތީ އަބުރާ ބެހުމުން ކުރާ ބޮޑު ޖޫރިމަނާގެ ވާހަކަ އެވެ. ކުރީގެ ބިލްގައި އޮތް ގޮތުން، އެ ބިލްގައިވާ ހަމަތަކާ ޚިލާފަށް ޚިޔާލު ފާޅުކޮށްފި ނަމަ ނުވަތަ އަބުރާ ބެހެފި ނަމަ 500،000 – 5،000،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. މިއީ ކުޑަ ޖޫރިމަނާއެއް ނޫނެވެ. ނޫސްވެރިންގެ އެވްރެޖް މުސާރައަކީ މަހަކު 15،000ރ ކަމަށް ބެއްޔަސް، 28 އަހަރު ދުވަހުގެ މުސާރަ އެކުގައި ޖަމާކޮށްގެން ނޫނީ ފަސް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ނުދެއްކޭނެ އެވެ.

މިހާރުގެ ބިލްގައި މި ޖޫރިމަނާ އޮތީ 50،000 – 2،000،000ރ އަށް ކުޑަ ކޮށްފަ އެވެ. މިއީ ވެސް ވަކިން ކުޑަ ޖޫރިމަނާއެއް ނޫނެވެ. ނޫސްވެރިންގެ އެވްރެޖް މުސާރައަކީ މަހަކު 15،000ރ ކަމަށް ބެލި ނަމަވެސް، 12 އަހަރު ދުވަހުގެ މުސާރަ އެކުގައި ޖަމާކޮށްގެން ނޫނީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ނުދެއްކޭނެ އެވެ.

މީގެ އިތުރުން އާންމު ނިޒާމާ ޚިލާފަށް ޚިޔާލު ފާޅުކުރުމުގެ އަދަބަކަށް އޮތީ 50،000 – 1،000،000ރ އިން ޖޫރިމަނާ ކުރުމެވެ. މިއީ ވެސް ކުޑަ ޖޫރިމަނާއެއް ނޫނެވެ. މިހާ ބޮޑެތި އަދަދުތަކުގެ ޖޫރިމަނާ ދެއްކުމަކީ ދައުލަތުގެ އެއްވެސް ވަޒީފާއެއްގައި އުޅޭ މީހަކަށް ފަސޭހަ ކަމެއް ނޫނެވެ.

މިއީ، ނޫސްވެރިންނެކޭ އެއްފަދައިން އާންމު ރައްޔިތުންނަށް ވެސް ގެއްލުމާއި ނުރައްކާ ކުރިމަތި ކުރުވާ ބިލެކެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ވެސް ވަރަށް ބޮޑަށް ހަނިވެގެންދާ ބިލެކެވެ.

މި ބިލުން ނޫސްވެރިކަމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަހަކީ ކޯޓުތަކުގައި ހިނގާ ޝަރީއަތްތަކާއި ކުރާ ހުކުމްތަކާ ބެހޭ ގޮތުން މީޑިއާގައި ރިޕޯޓް ކުރެވޭނީ އެ ކޯޓުތަކުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވުމެވެ. ކޯޓުގެ ޝަރީއަތެއް މީޑިއާގައި ރިޕޯޓް ކުރުމާއި ނުކުރުމުގެ ހުއްދަ ދިނުމުގެ ބާރު، ކޯޓުތަކަށް ނުވަތަ ގާޒީންނަށް ލިބިދޭ ގޮތަކަށް ގަވާއިދު ހަދައިފި ނަމަ، މިވެނި ޝަރީއަތެއްގެ ވާހަކަ ޝާއިއު ނުކުރަން ނުވަތަ ޝަރީއަތުގައި ދެއްކި މިވެނި ވާހަކައެއް ޝާއިއު ނުކުރަން އެންގުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންދާނެ އެވެ.

އަދި ޖަލްސާތަކާއި ފޯރަމްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކައެއް ވެސް މީޑިއާގައި ރިޕޯޓްކުރެވޭނީ، އެ ވާހަކައެއް ރައްދުވާ ފަރާތުގެ ބަހެއް ހޯދުމަށް ފަހުގަ އެވެ. އެހެންކަމުން ސިޔާސީ ޕޯޑިއަމެއްގައި ވާހަކަ ދައްކަމުން، މިވެނި މީހަކު ދައުލަތުގެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރި ވެއްޖެޔޭ ބުންޏަސް، އެ ވާހަކަ ރައްދުވާ މީހާ އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނާހާ ހިނދަކު އެ ވާހަކައެއް މީޑިއާގެ އެއްވެސް ވަސީލަތަކުން ނުގެނެސްދެވޭނެ އެވެ.

މިހެން އޮތުމުން ނުކުންނަ އެއް ނަތީޖާއަކީ، ސިޔާސީ ފަރާތްތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި މުޒާހަރާތައް ވަގުތުން ދުރަށް ފޮނުވުމުގެ ދޮރު މުޅިން ބަންދުވުމެވެ. ދެ ވަނަ ނަތީޖާއަކީ، ދައުލަތުގެ މަތީ މަގާމުތަކުގައި ތިބޭ މީހުން ކުރާ ވިޔާނުދާ ކަންތަކުގެ ވާހަކަ މީޑިއާގައި ޝާއިއު ނުކުރުމުގެ ބާރު، އެފަދަ ފަރާތްތަކަށް ގާނޫނީ ގޮތުން ލިބިދިނުމެވެ. އެއީ، އާންމު ތަނެއްގައި ބޭއްވި ސިޔާސީ އެއްވުމެއްގައި، މީހެއްގެ މައްޗަށް ތުހުމަތު ކޮށް ދެއްކި ވާހަކައެއް ވެސް، އެ ތުހުމަތު ކުރެވޭ މީހާގެ ބަހެއް ލިބިގެން ނޫނީ، ޝާއިއު ކުރުމަކީ އަބުރާ ބެހުން ކަމުގައި ވާތީ އެވެ.

ވިސްލް ބްލޮވިންގްގެ ދިފާއު ހިމަނާފައި ވިޔަސް ވިސްލް ބްލޯވާ އަށް އެއްވެސް ދިފާއެއް ދީފައެއް ނުވެ އެވެ. ދައުލަތުގެ މުއައްސަސާއެއްގައި ހިނގާ ގާނޫނާ ޚިލާފު ކަމެއް ރިޕޯޓްކުރުމާއި މީހެއްގެ ސިއްހަތަށް ނުވަތަ ފުރާނަ އަށް ނުރައްކާވާ ފަދަ ކަމެއް ހިނގާ ކަން ނުވަތަ ހިނގާފައިވާ ކަން ހާމަ ކުރުމާއި އެ މުއައްސަސާއަކުން ކުރާ ކަމެއްގެ ސަބަބުން ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލެއް ހާމަކުރުމާއި ހިންގާފައިވާ ގާނޫނާ ޚިލާފު ކަމެއް ފޮރުވުމަށް ކުރާ މަސައްކަތެއް ހާމަކުރުމުގެ ގޮތުން ޚިޔާލު ފާޅުކުރުމަކީ އަބުރާ ބެހުން ނޫން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ދައުލަތުގެ މުއައްސަސާއެއްގައި އެފަދަ ކަމެއް ހިނގާ ކަން، މީޑިއާ އަށް ފަޅާއަރުވައިލާ މީހާ ހޯދައި އޭނާއާ މެދު ފިޔަވަޅެއް ނާޅާނެ ކަމަށް މި ބިލްގައި ބުނެފައެއް ނުވެ އެވެ. އެހެންކަމުން ވިސްލް ބްލޯވާ އަށް އެއްވެސް ހިމާޔަތެއް ދީފައެއް ނުވެ އެވެ.