ވޯލްޑް ކަޕް: މުސްލިމް ކުޅުންތެރިންގެ ހާއްސަ ފަހަރެއް
ވޯލްޑް ކަޕް: މުސްލިމް ކުޅުންތެރިންގެ ހާއްސަ ފަހަރެއް

މި ފަހަރުގެ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް އަރަބި ހަތަރު ގައުމަކުން ވާދަކުރާނެ އެވެ. ދުނިޔޭގެ ފުޓްބޯޅައިގައި މި ވަގުތު މުސްލިމް ކުޅުންތެރިން އަންނަނީ މުހިއްމު ރޯލުތައް އަދާކުރަމުންނެވެ. މި ފަހަރު ވޯލްޑް ކަޕްގައި މުސްލިމް ކުޅުންތެރިންގެ ނުފޫޒު ގަދަވާނެ ކަމަށް ބެލެވެ އެވެ. ކްލަބް ލެވެލްގައި ވެސް މަޝްހޫރު ޓީމުތަކުގައި އެ ކުޅުންތެރިން ތަފާތު އެބަ ދައްކަ އެވެ.

ވޯލްޑް ކަޕް: މުސްލިމް ކުޅުންތެރިންގެ ހާއްސަ ފަހަރެއް
ވޯލްޑް ކަޕް: މުސްލިމް ކުޅުންތެރިންގެ ހާއްސަ ފަހަރެއް

މި ފަހަރު ވޯލްޑް ކަޕްގައި ކުޅޭ 32 ޓީމުގެ ތެރެއިން ދެ ބައި ކުޅަ އެއްބައި ޓީމުތަކުގައި މުސްލިމް ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިން ޓީމު ލީޑުކުރާނެ ކަމަށް ވެސް ބެލެވެ އެވެ.

ވޯލްޑް ކަޕްގައި ވާދަކުރާ އަރަބި ހަތަރު ގައުމަކީ ޓިއުނީޝިއާ، މޮރޮކޯ، މިސްރު އަދި ސައުދީ އެރެބިއާ އެވެ. ސައުދީ އެރެބިއާ 12 އަހަރަށް ފަހު ވޯލްޑް ކަޕްގައި ކުޅޭއިރު، މިސްރު މި މުބާރާތުގެ ޖާގަ މި ހޯދީ 27 އަހަރު ފަހުންނެވެ.

މިސްރުގެ ޓީމަށް ބަލާއިރު އެ ޓީމުގައި ލިވަޕޫލަށް ކުޅޭ މުހައްމަދު ސަލާހާއި ވެސްޓް ބްރޮމްގެ އަހުމަދު ހެގާޒީ، އާސެނަލަށް ކުޅޭ މުހައްމަދު އެލްނެނީ، ސްޓޯކް ސިޓީގެ ރަމަދާން ސޯބީ ހިމެނެ އެވެ. ސައުދީ ޓީމު ބިނާވަނީ ސްޕެއިނުގެ ލެގަނޭސަށް ކުޅޭ ޔަހްޔާ އަލް ސެހްރީ، ވިޔަރެއާލްގެ ސަލެމް އަލް ދޯސަރީ އަދި ދާދި ފަހުން ބާސެލޯނާ ބަލިކުރި ލެވާންޓޭ ޓީމުގައި ހިމެނޭ ފަހާދު އަލް މުވާލަދުގެ މައްޗަށެވެ.

މޮރޮކޯ ޓީމުގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި ޔުވެންޓަސްގެ މެހެދީ ބެނާޝިއާ، ސައުތެމްޓަންގެ ސޯފިއަން ބޫފަލް، ގަލަސަތަރާއިގެ ޔޫނެސް ބެލާންޑާ އަދި ރެއާލް މެޑްރިޑަށް ކުޅޭ އަޝްރަފް ހަކީމީ ހިމެނެ އެވެ.

ޓިއުނީޝިއާގެ ކުޅުންތެރިންނަށް ބަލާއިރު ގިނައީ ފްރެންޗް ލީގުގެ މެދު ފަންތީގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިންނެވެ.

އޭޝިއާ ބައްރުން ވޯލްޑް ކަޕްގެ ޖާގަ ހޯދި އިރާން ޓީމުގެ ކުޅުންތެރިން ވެސް ގެންދަނީ ޔޫރަޕްގައި ތަފާތު ދައްކަމުންނެވެ. އޭގެ ތެރެއިން ޔޫރަޕްގައި އެންމެ ނަން ހިނގާ ކުޅުންތެރިޔަކީ އީރާނުގެ މެސީގެ ނަމުން މަޝްހޫރު ވެފައިވާ ރަޝިއާގެ ރުބިން ކަޒާނަށް ކުޅެމުން އަންނަ ސަރްދާރް އަޒްމޫން އެވެ. އޭނާގެ އިތުރުން ދެން ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ފުލަމަށް ކުޅުނު އަޝްކަން ޑެޖަގާ އެވެ.

އެފްރިކާ ބައްރުގެ ބައެއް އެހެން ގައުމުތަކުގައި ވެސް ލީޑުކުރަން ތިބީ މުސްލިމް ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ނައިޖީރިއާގެ ވިކްޓަ މޯސަސް، ލެސްޓާ ސިޓީގެ ވިލްފްރިއެޑް އެންޑީޑީ އަދި ސީއެސްކޭއޭގެ އަހުމަދު މޫސާ ހިމެނެ އެވެ.

ސެނެގޯލްގައި ނިސްބަތުން މުސްލިމް ކުޅުންތެރިން ގިނައިރު، ލިވަޕޫލްގެ ސަޑިއޯ މާނޭ، ވެސްޓް ހޭމްގެ ޗެއިކް ކޮޔާޓޭ، އެވަޓަންގެ އިދްރީސާ ގޭ، ނިއުކާސަލް ޔުނައިޓެޑްގެ މުހައްމަދު ޑިއާމޭ އަދި މޮނާކޯގެ ކެއިޓާ ބާލްޑޭ އަކީ ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިންނެވެ.

ޔޫރަޕްގެ ޓީމުތަކަށް ބަލާއިރު ފްރާންސާއި ޖާމަނީގައި މި ފަަހަރު ވެސް މުސްލިމް ކުޅުންތެރިން ހިމެނެ އެވެ. ޖަރުމަންގައި އާސެނަލްގެ މެސުޓް އޮޒިލް އާއި މެންޗެސްޓާ ސިޓީގެ އިލްކާއި ގުންޑޮގާން އަދި ޗެލްސީގެ އެންޓޯނިއޯ ރޫޑިގާ ހިމެނެ އެވެ.

ފްރާންސްގައި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ، ޗެލްސީގެ އެންގޯލޯ ކާންޓޭ، މޮނާކޯގެ ޖިބްރީލް ސިޑީބޭ އަދި އޮސްމާން ޑެމްބެލޭ އަކީ މުސްލިމް ކުޅުންތެރިންނެވެ.

ޔޫރަޕްގެ ގައުމެއް ކަމަށްވާ ބެލްޖިއަމްގައި ވެސް މުސްލިމް ކުޅުންތެރިން ހިމެނެ އެވެ. އެ ޓީމަށް ބަލާއިރު މެންޗެސްޓާ ޔުނައިޓެޑްގެ މަރުއާން ފެލައިނީ، ޓޮޓެންހަމްގެ މުސާ ޑެމްބެލޭ އަކީ މުސްލިމުންނެވެ.

ސްވިޒަލެންޑް ޓީމުގައި ހިމެނޭ މުސްލިމް ކުޅުންތެރިންނަކީ ސްޓޯކް ސިޓީގެ ޒެރްޑަން ޝަގީރީ، އާސެނަލްގެ ގްރޭނިޓް ޝާކާ އަދި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހޮފެންހައިމްގެ ސްޓީވެން ޒުބޭރު އެވެ.

ސާބިއާ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓޮރީނޯގެ އެޑަމް ލަޖިޗް އަކީ ވެސް މުސްލިމް ކުޅުންތެރިއެކެވެ.

ފަހަކަށް އައިސް ލަނޑު ޖެހުމަށް ފަހު ސަޖިދަ ޖަހައިގެން އުފާފާޅުކުރުމަކީ ބޮޑު ޓްރެންޑަކަށް ވަނީ ވެފަ އެވެ. މުސްލިމް ފުޓްބޯޅަ ކުޅުންތެރިންގެ މި އުފާފާޅުކުރުމުގެ ސްޓައިލް ފުޓްބޯޅައިގެ ގިނަ ބަޔަކަށް ކަމުދެ އެވެ. މީގެ ސަބަބުން އިސްލާމް ދީނާ މެދު ގިނަ ބައެއްގެ މެދުގައި އަންނަނީ ލޯބި ވެސް އުފެދެމުންނެވެ.