16 މެއި 2018 - 15:15

ގާޒާ (މެއި 16) - އިޒްރޭލް ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވެގެން ފަރުވާ ދޭން ގެންނަ މީހުންގެ އަދަދު އިތުރުވެ ގާޒާގެ އަލް ޝިފާ ހޮސްޕިޓަލް ފުރި ބާރުވެއްޖެ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ ފަލަސްތީނުގެ 60 މީހުން ޝަހީދުކޮށްލައި، 2،700 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފަ އެވެ.
ފަލަސްތީން މީހުން އިހްތިޖާޖަށް ނުކުތީ ގުދުސް އަށް އެމެރިކާ އެމްބަސީ ބަދަލު ކުރުމާ ދެކޮޅު ހެދުމަށެވެ. އެމްބަސީ ބަދަލުކޮށްފައި ވަނީ އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. "ރިޓާން އޮފް މާޗް"ގެ ނަމުގައި ފަލަސްތީނުން އިހްތިޖާޖް ފަށާފައި ވަނީ މާޗް 30 ވަނަ ދުވަހު އެވެ. އެ ތާރީޚުން ފެށިގެން އިޒްރޭލް ސިފައިން ވަނީ ފަލަސްތީނުގެ 109 މީހުން ޝަހީދުކޮށްލައި، 12،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފަ އެވެ.
އެންމެ ފަހުގެ އިހްތިޖާޖުގައި ޒަޚަމްވެގެން ގެންނަ މީހުން ގިނަވުމުން ހޮސްޕިޓަލްގެ ކޮރިޑޯތައް ވެސް ވަނީ ފުރިފަ އެވެ. ހުރިހާ އޮޕަރޭޝަން ތިއޭޓަރުތަކެއް ފުރިފަ އެވެ.
އަލް ޝިފާ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓުގެ ހެޑް އައިމަން އަލް ސަހަބާނީ ވިދާޅުވީ ފަރުވާގެ އިންތިޒާރުގައި ވަނިކޮށް، ފަރުވާ ނުފެށެނީސް މިދިޔަ ހޯމަ ދުވަހު އެކަނި ވެސް 18 މީހުން މަރުވެފައިވާ ކަމަށެވެ.
"އެއްފަހަރާ ވެސް 500 މީހުން ފަރުވާ އަށް ގެނޭ. މިއީ ހޮސްޕިޓަލުގެ ކެޕޭސިޓީ އަށް ނުކުތާވަރު،" އޭނާ ވިދާޅުވި އެވެ.
އަލް ސަހަބާނީ ވިދާޅުވީ ފަރުވާ ހޯދަން މުޅިން ވެސް އަންނަނީ ވަޒަން އަރައިގެން ޒަޚަމްވާ މީހުން ކަމަށެވެ.
ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ މިހާރު ގެންނަ އަދަދަށް ވުރެ ގިނައިން ޒަޚަމްވެގެން މީހުން ގެންނަން ޖެހިއްޖެ ނަމަ ހޮސްޕިޓަލުގެ ޚިދުމަތް ހުއްޓުމަކަށް އައުން ވެސް އެކަށީގެންވާ ކަމަށެވެ.