16 މެއި 2018 - 05:44

އިސްތަންބޫލް، ތުރުކީ (މެއި 16) - ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާ އެކު ޖަރުމަނުގެ ފުޓްބޯޅަ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މެސުޓް އޮޒިލް އާއި އިލްކާއި ގުންޑޮގާން ބައްދަލުކުރުމުން ޖަރުމަނު އެފްއޭ އާއި އެ ގައުމުގެ ސަޕޯޓަރުން އެ ދެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ގުންޑޮގާން އާއި އޮޒިލް ޖަރުމަނު ގައުމީ ޓީމަށް ކުޅުނު ނަމަވެސް މި ދެ ކުޅުންތެރިންނަކީ ތުރުކީ އަށް އުފަން ދެ ކުޅުންތެރިންނެވެ. ލަންޑަންގެ ހޮޓެލެއްގައި ބޭއްވި ބައްދަލުވުމެއްގައި އޮޒިލް އާއި ގުންޑޮގާންގެ އިތުރުން އެވަޓަން އަށް ކުޅޭ ތުރުކީގެ ގައުމީ ޓީމު ފޯވާޑް ސެންކް ޓޮސުން ވެސް ބައިވެރިވި އެވެ.
މި ބައްދަލުވުމުގައި އޮޒިލް އާއި ގުންޑޮގާން ވަނީ އެ ދެ ކުޅުންތެރިން ކުޅޭ ކްލަބް ޖޯޒީއެއް އުރުދުގާން އަށް ހަދިޔާ ކޮށްފަ އެވެ. އަދި އޮޒިލް އާއި ގުންޑޮގާން ވަނީ ސޯޝަލް މީޑިއާގައި އުރުދުގާން އަށް ސަޕޯޓް އޮތް ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފަ އެވެ.
ސިޔާސީ ގޮތުން ބަލާއިރު ޖަރުމަނާއި ތުރުކީ އަކީ ވަރަށް ބޮޑަށް ހިޔާލު ތަފާތު ގައުމަކަށްވާއިރު، އުރުދުގާންއާ އެކު އޮޒިލް އާއި ގުންޑޮގާން ބޭއްވި ބައްދަލުވުމާ ގުޅިގެން ޖަރުމަނު ސިޔާސީ ފަރާތްތަކުން ވަނީ މި ދެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ވޯލްޑް ކަޕަށްދާ ޖަރުމަނު ސްކޮޑުން މި ދެ ކުޅުންތެރިން ބާކީ ކުރަން ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ. އެހެން ނަމަވެސް ޖަރުމަނު އެފްއޭ އިން ނެރުނު ޕްރޮވިޝަނަލް ސްކޮޑުގައި މި ދެ ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ.
ޖަރުމަނު އެފްއޭގެ ރައީސް ރެއިންހާޑް ގްރިންޑެލް ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޖަރުމަނުގެ ގިނަ ކަންތައްތަކަކީ އުރުދުގާންގެ ވިސްނުމާ މުޅިން ތަފާތުކޮށް ހިނގާ ކަންތައްތަކެއް ކަމަށެވެ. އަދި އުރުދުގާންއާ އެކު އޮޒިލް އާއި ގުންޑޮގާން ނަގާފައިވާ ފޮޓޯ އަކީ ސިޔާސީ މަންފާއެއް ނެގޭނެ ފޮޓޯއެއް ކަމަށާއި އޭގެ އިން ގޯސް ނަތީޖާތަކެއް ނުކުތުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޖަރުމަނު އެފްއޭގެ ޑިރެކްޓަރުގެ މަގާމުގައި ހުރި ކުރީގެ ކުޅުންތެރިޔާ އޮލިވިއޭ ބިއަހޯފް ވިދާޅުވީ މި ކަމާ ގުޅޭގޮތުން ގުންޑޮގާން އާއި އޮޒިލްއާ ވާހަކަ ދައްކާނެ ކަމަށް ބުނެފަ އެވެ.