15 މެއި 2018 - 23:30

ރޯދަ މަހުގެ ދުވަސްތަކުގައި އިސްލާމީ ރިވެތި އަޚުލާގުގައި ދެމިތިބުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
މާދަމާ އަކީ ރާއްޖެ އަށް ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް މިރޭ އިއުލާން ކުރުމާ ގުޅިގެން، ރައީސް ޔާމީން ނެރުއްވި ތަހުނިއްޔާގެ ޚިތާބުގައި ވިދާޅުވީ، ރޯދަ މަހުގެ ތަހުނިއްޔާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް ވެސް ފޮނުއްވާ ކަމަށެވެ.
ރޯދަ މަހަކީ އިސްލާމީ އުއްމަތަށް ވަރަށް މަތިވެރި މައްސަރެއް ކަން ފާހަގަ ކުރައްވައި، ރައީސް ޔާމީންގެ ޚިތާބުގައި ވަނީ މިއީ ފާފަ ފުއްސެވުމާއި އަޅުކަމާއި ތަގުވާގެ އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި ރޯދަ މަހަކީ ކީރިތި ގުރުއާން ބާވައިލެއްވި މައްސަރު ކަމަށް ވާއިރު، ރޯދައިގެ އަޅުކަން އަދާކުރުމާ އެކު ގުރުއާން ކިޔެވުން ގިނަ ކުރުމާއި ނަމާދަށް ރައްކާތެރިވުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން، ރޯދަ މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި އިސްލާމީ ރިވެތި އަޚުލާގުގައި ދެމިތިބުމަށް ވެސް ރައީސް ޔާމީންގެ ޚިތާބުގައި އިލްތިމާސް ކުރައްވާފައިވެ އެވެ.