25 ޖުލައި 2016 - 06:40

(ޖުލައި 21 ގައި ޖެހި ބަޔާ ގުޅޭ)
ރައީސް އޭނާއާ ބައްދަލުކުރީ އެންމެ ކަމަކު ދެ ކަމަކު ނޫނެވެ. ރައީސްގެ ވެރިކަން ދެމިއޮތުމާއި ދެމެހެއްޓުން ބިނާވެފައި އޮތީ އިބްރާހިމްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. މާލީ ގޮތުންނާއި މަޝްވަރާ އާއި ލަފާ ވެސް ރައީސަށް ބޭނުންވެ އެވެ. ބައެއް ވެރިކަން ނުވެއްޓި ހިފެހެއްޓެނީ، ސަރުކާރުގައި ތިބި އެކި ވަރުވަރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތާކުންތާކު ނުޖެހޭ މީޑިއާ ސްޓަންޓްތަކާއި ފަނޑިޔާރުންގެ ނުހައްގު ހުކުމްތަކަކުންނެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް މުޅި ގައުމުގައި ކޮންޓްރޯލްކުރަން ޖެހޭ އެހެން ކަންކަން ވެސް ހުރެ އެވެ. ވިޔަފާރިވެރިންނަށް ބިރުދެއްކުމާއި އަމިއްލަ އެދުން ބޮޑު ވިޔަފާރިވެރިންނަށް، ގައުމަށް ވުރެ، އެމީހުންގެ މުއްސަނދިކަން އިސްކުރެވޭނެ ފުރުސަތުތައް ދޭން ޖެހެ އެވެ. ސަރުކާރާ ދެކޮޅަށް ހޭދަކުރަން އުޅޭ ބަޔަކު ނަމަ އެ މީހުން ޖެހޭނީ ފުނޑާލާށެވެ.
ރައީސްގެ މިޒާޖު ހުރީ އެގޮތަށެވެ. އެފަދަ މީހަކު ރާއްޖޭގެ ރައީސްގެ މަގާމަށް ގެންނަން އިބްރާހިމް ހޭދަކުރީ ވެސް، އޭނާ ބޭނުން ގޮތަކަށް ރާއްޖޭގެ ވެރިކަން ކޮންޓްރޯލްކުރާށެވެ. އެކަން ކުރާނީ މުޅި ރާއްޖެ އަށް އިއުލާންކުރުމެއް ނެތި އެވެ. މީހުން ތަފާތު ވާހަކަ ދައްކާނެ އެވެ. އެކަމަކު ދައްކާ ހުރިހާ ވާހަކައެއް ކަށަވަރުކުރެވޭނެ ގޮތެއް ނޯންނާނެ އެވެ.
ބޭނުންވާ ގޮތަކަށް ވެރިކަން ކޮންޓްރޯލްކުރުމާއި ދަމަހައްޓަން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންތައް މީގެ ފަސް އަހަރު ކުރިން އިބްރާހިމް އޮތީ ކޮށް ނިންމައިފަ އެވެ؛ ރާއްޖޭގެ ގާނޫނުއަސާސީން ފުރިހަމަ އަށް ދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަން، އެހެން ގާނޫނަކުން ފުނޑާލައިގެންނެވެ. އެކަން ކުރީ އަބުރާ ބެހުމުގެ ގާނޫނެއްގެ ހިޔަލަށް ވަދެ އެވެ. ދިވެހިންނަކީ ކަންކަމާ މެދު އެހާ ބޮޑަށް ވިސްނާ ބައެއް ނޫންކަން އިބްރާހިމް އޮތީ، އޭނާގެ އެންމެ ޒުވާން ދުވަސްވަރު ދަސްކޮށްފަ އެވެ.
އޭރުގެ މުއްސަނދިން ނުކުތީ އޭރުގެ ވެރިކަމާ ދެކޮޅަށެވެ. އޭރު ރާއްޖޭގައި ވެރިޔަކަށް ހުރީ ދިވެހިންގެ މުއްސަނދިކަން ދެތިން ހަތަރު މީހެއްގެ އަތްމައްޗަށް ދާން ދެކޮޅުހެދި، ދިވެހިން ދެކެ އިންތިހާ އަށް ލޯބިވި ރައީސެކެވެ. އެ ރައީސް އެންމެ ފުރަތަމަ ވެސް ބޭނުންވީ އޭރުގެ މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގާށެވެ. އެއީ ކޮން ކަހަލަ ޓެކްސްއެއްކަން އޭރުގެ ދިވެހިންނަކަށް ނޭނގެ އެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ގައުމެއް ތަރައްގީކުރަން ބޭނުންވާނެ މުހިންމު ޝަރުތުތައް ވިސްނޭ ވަރަށް ވުރެ އިލްމީ ގޮތުންނާއި މައުލޫމާތުގެ ގޮތުން ދަށް ބައެކެވެ.
އޭރު ރައީސްގެ މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަކަށް ނޯވެ އެވެ. އެކަމަކު މެމްބަރުން ބޭނުން ނޫން ގާނޫނެއް ނެހެދޭނެ އެވެ. އެހެންކަމުން އިބްރާހިމާއި އޭނާގެ އެކުވެރި އަދި އަމިއްލަ އެދުން ބޮޑު ހައެއްކަ މަހުޖަނުން ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ގަނެލި އެވެ، ރައީސްގެ ފަރާތުން ހުށަހަޅާ ކޮންމެ ބިލެއް ދިޔައީ ބޭކާރު އެެއްޗަކަށް ވެގެންނެވެ.
އޭރު ރާއްޖޭގައި ޓީވީއެއް ނުފަށަ އެވެ. އާންމުންނަށް މައުލޫމާތު ލިބެނީ ރޭޑިއޯ އާއި އަމިއްލަ ދެ މީހަކު ނެރޭ ދެ ނޫހަކުންނެވެ. އެ ދެ ނޫސް އޮތީ ވިޔަފާރިވެރިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. ރައީސަށް މީޑިއާގެ ބޮޑު ބައެއް ބަންދުވީ އެވެ. ހުރިހާ މީޑިއާއަކުންހެން ދައްކަނީ ރައީސާ ދެކޮޅު ވާހަކަތަކެވެ. އެންމެ ފަހުން ރައީސަށް ގޮތް ހުސްވެ، ސިފައިން ނެރެ ރައްޔިތުންގެ މަޖިލިހާއި ކޯޓުތައް ބަންދުކުރަން އުޅުނެވެ. އެކަމަކު އެކަން ވެސް ވާ ގޮތެއް ނުވި އެވެ.
އެއް ރޭ ރައީސްގެ ރަސްމީ ގެކޮޅަށް ވަނީ ސިފައިންގެ އެންމެ މަތީ ފަސް އޮފިސަރުންނެވެ. ރައީސްގެ ބާރު މިހާރު ރާއްޖެ އަށް ނުހިނގާ ކަމާއި ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ދާއިރާގެ ނުރުހުން ރައީސާ މެދު ވަރަށް ބޮޑުވެއްޖެ ކަމަށް ސިފައިން އެންގި އެވެ. އެހާލަތުގައި ރާއްޖޭ ކަންކަން ހަމަޔަކަށް ނޭޅޭކަމުގެ އިންޒާރު ސިފައިންގެ ފަރާތުން ރައީސަށް ލިބުމަކީ "ދެން ކަލެއަށް އޮތީ ވެރިކަން ދޫކޮށްލުމޭ" ބުނުމެވެ. ރައީސް ކޮންމެ އޯޑަރެއް ދިނަސް ސިފައިން މަގުމައްޗަށް ނުނިކުންނާނެކަމާއި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހައްޔަރުނުކުރާނެ ވާހަކަ ވެސް އޮފިސަރުން ބުންޏެވެ.
ދަންވަރު ވަގުތެއްގައި އެ މީހުން ރައީސްގެ ރަސްމީ ގެކޮޅުން ނުކުމެގެން ދިޔައީ ދިވެހިން ދެކެ އިންތިހާ އަށް ލޯބިވި، ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރަން ތައްޔާރަށް ހުރި، އެއްވެސް ރިޝްވަތެއްގައި ނުހިފާ، އެއްވެސް ގާނޫނަކާ ހިލާފުނުވެ ވެރިކަން ކުރަމުން އައި ރައީސަކަށް މި ގައުމުގައި ފުރުސަތެއް ނެތް ކަމަށް، ނުސީދާކޮށް ދެވޭނެ ހުރިހާ މެސެޖެއް ދީފަ އެވެ.
އަނެއް ދުވަހު ހެނދުނު ރައީސް، ރޭޑިއޯ މެދުވެރިކޮށް ރައްޔިތުންނަށް އިއްވި ތަގުރީރުގައި ބުނީ "ތިމަންނަ އަށް ސިއްހީ ގޮތުން މެދުވެރިވި ކުއްލި ނުރައްކަލެއްގެ ސަބަބުން ވެރިކަމުން އިސްތިއުދާ ދީފިން ކަމަށާއި އާ އިންތިހާބެއް ކުރިއަށް ގެންދިއުމުގެ ބާރު މިހާރު އޮތީ ރައްޔިތުންގެ މަޖިލިހަށް" ކަމަށެވެ.
އެއީ އިބްރާހިމާއި ރާއްޖޭގެ ހައެއްކަ މަހުޖަނުންނަށް ރާއްޖޭގެ ވެރިކަން ކޮންޓްރޯލްކުރެވިދާނެކަން އެނގުނު ފުރަތަމަ ފަހަރެވެ. ދިވެހި ރައްޔިތުންނަށް އެނގުނީ އެ މީހުން ދިން މައުލޫމާތެކެވެ. މީޑިއާ ކޮންޓްރޯލްކޮށް، ހަގީގަތް ހާމަނުކޮށް، ރައްޔިތުންނަށް އޮޅުވާލީ އެވެ. ރައްޔިތުން ހީކުރީ އެންމެންގެ އަތުން ބޮޑެތި ޓެކްސްތަކެއް ނަގަން ފެށުމުގެ ގޮތުން ހުށަހަޅާ ބިލްތަކެއް ކަމަށެވެ. އެ ބިލްތަކުގައި އޮތް އެއްޗެއް އެ މީހުން ބަލާކަށް ވެސް ބޭނުމެއް ނުވި އެވެ. މަޖިލިހުގެ މެމްބަރުން، އެމީހުންގެ ދާއިރާގެ މީހުންނާ ބައްދަލުކޮށް، ކިޔައިދެނީ، ފަގީރުންގެ އަތުން ވެސް ޓެކްސް ނެގޭ ދުވަސް އައިސް ޖެހެނީ ކަމަށެވެ.
ގައުމަކަށް ދިމާވާނެ އެންމެ ބޮޑު ހިތްދަތިކަމަކީ، ރައްޔިތުން ދެކެ ލޯބިވާ ވެރިންނާއި ތަރައްގީގެ ސިފަތައް ދައްކައިގެން އަޑިން ހުރިހާ ނުބައި ކަމެއް ހިންގާ ވެރިންގެ ތަފާތު ދެނެގަންނަން ނޭނގުމެވެ. ދިވެހިންނަކީ އެކަހަލަ ބައެއްކަން އިބްރާހިމަށް މީގެ 20 އަހަރު ކުރިން އޮތީ ޔަގީންވެފަ އެވެ. ދިވެހިންނަކީ ހަނދާން ބަލި ބައެކެވެ. ދިވެހިންނަކީ ވެރިން ކުޅެން ބޭނުންކުރާ ބުދުތަކެކެވެ. މިއީ އިބްރާހިމް ވިސްނަމުން އައި ގޮތެވެ.
އޭރުގެ ރައީސްގެ އިސްތިއުފާ އަށް ފަހު މަހުޖަނުންގެ އަތްދަށުން ބާރު ދިޔައީ އެންމެ ފަހަރަކު އެވެ. އެއީ އޭރު ތިބި ވެރިންގެ ދަހިވެތިކަން ބޮޑުވުވުމުގެ ނަތީޖާ އެވެ. މާ މުއްސަނދި ދިރިއުޅުމެއް، ސަރުކާރުގެ ވެރިންނާއި މަޖިލިހުގެ މެމްބަރުންނާއި ފަނޑިޔާރުން އުޅެން ފެށުމެވެ. އެކަމާ ދެކޮޅަށް އަމިއްލަ ޖަމިއްޔާއަކުން ސިއްރުން ފެށި ކެމްޕޭނެއް ބޮޑުވެ، އެއްވެސް ބާރަކަށް ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިޔައީ އެވެ. އެންމެ ފަހުން ރައްޔިތުން ޑިމާންޑްކުރި ގޮތަށް އާ ގާނޫނުއަސާސީއެއް ހަދައި، ތިން ބާރު ވަކިކޮށް، މިނިވަން މުއައްސަސާތަކެއް ގާއިމްކުރި އެވެ.
އެކަމަކު އިބްރާހިމްގެ ރޭވުންތެރިކަމާއި ނުފޫޒު މާ ބޮޑެވެ. ދެން އުފެދުނު ސިޔާސީ ޕާޓީތައް ކޮންޓްރޯލްކުރާނެ ގޮތް އެ މީހުން ހޯދި އެވެ. ވެރިކަމަށް އަންނާނެ ކަމަށް ލަފާކުރެވޭ މީހުންނަށް އަޑިއަޑިން ފަންޑުކުރި އެވެ. ރައްޔިތުންގެ މަޖިލިސް އަތްދަށުލާނެ މަޅިތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރާލި އެވެ.
ގާނޫނުއަސާސީއަކީ ލިޔެފައި އޮންނަ ލިއުމެކެވެ. އޭގެ ކަންކަން ފުރިހަމަވާނީ އެކަން ކުރަން ތިބި މީހުން ކުރިއްޔާތާ އެވެ. އެހެންކަމުން ފުރަތަމަ ދެ އަހަރު ރައްޔިތުންނަށް އެ ގާނޫނުއަސާސީގެ ފުރިހަމަ ރަހަ ލިބުނެވެ. ދެން އައީ އަނެއްކާވެސް ހަމަ ކުރީގެ ވެރިކަމުގެ އުސޫލުތަކާއި މަހުޖަނުންގެ އަތް ކޮއްޕުމެވެ.
އިބްރާހިމް އަބަދުވެސް އެންމެ ކަންބޮޑުވަނީ މިނިވަން ނޫސްވެރިކަން ދެކެ އެވެ. އެމެރިކާ އާއި އިންޑިއާ އަދި ޔޫރަޕްގެ ގައުމުތަކުން ފެންނަނީ މިނިވަން ނޫސްވެރިކަމަކުން ރައްޔިތުންނަށް ލިބޭނެ ހެޔޮ އެތައް ކަމެކެވެ. ފަނޑިޔާރުން ގަނެ، ރައްޔިތުންގެ މަޖިލިހާއި ވެރިކަން ކުރާ މީހުން ކޮންމެ ގަނޑެއް ގަތަސް، މިނިވަން މީޑިއާއެއް އޮވެއްޖެ ނަމަ އެ ހުރިހާ ކަމެއް ފަޅާއަރާނެ އެވެ. ވީޓްނާމް ހަނގުރާމައިން އެމެރިކާ ދުރަށް ދާން ޖެހުނީ މީޑިއާގެ ސަބަބުންނެވެ. އިންޑިއާގެ ވެރިކަމުން ކޮންގްރެސް ވެއްޓުނީ މީޑިއާގެ ސަބަބުންނެވެ. ކޮމިޔުނިޒަމް ވަޅު ޖެހުނީ މީޑިއާގެ ސަބަބުންނެވެ. ހުސްނީ މުބާރަކްގެ ވެރިކަން ވެއްޓުނީ މީޑިއާގެ ސަބަބުންނެވެ.
އަބުރާ ބެހުމުގެ ގާނޫނެއްގެ ނަން ދީގެން މީގެ ފަސް އަހަރު ކުރިން ރާއްޖޭގައި ފާސްކުރި ގާނޫނުގެ އަސްލު ބޭނުމަކީ ގާނޫނުއަސާސީން ލިބިދިން ނޫސްވެރިކަމުގެ މިނިވަންކަން ކަތިލައި، މަރާލުމެވެ. އެކަމަކު ގިނަ ދިވެހިންނަށް އޭގެ ބޭނުމެއް ނޭނގުނެވެ. ރައްޔިތުންގެ މަޖިލިސް އޭރު ކޮންޓްރޯލްކުރި މެމްބަރުން ހީކުރީ އެމީހުންގެ ވެރިކަމާ ދެކޮޅަށް ނޫސްވެރިން އެއްޗެހި ލިޔަނީ ޒާތީ މައްސަލައެއް އޮވެގެން ކަމެވެ. ނަމަވެސް އެ ދުވަހު ހެދި ގާނޫނަކީ ހުރިހާ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަން އޭރުގެ މެމްބަރުން މިހާރު ގަބޫލުކުރެ އެވެ. ވެރިކަމުގައި ތިބި މީހުން މިހާރު ބޭނުންކުރަނީ އޭރު ހެދި ގާނޫނެވެ. މިހާރުގެ އިދިކޮޅު މީހުންނަށް، ސަރުކާރުގެ ހިޔާނާތުގެ ވާހަކަތަކެއް ނުދެއްކެ އެވެ. ޖަލްސާއެއްގައި އެއްޗެކޭ ބުނެލާ އިރަށް ވެސް ދަމަނީ ކޯޓަށެވެ.
އެކަމަކު އެ ހުރިހާ ކަމެއްގެ ފޮނިކަން އަބަދު ނުލިބޭނެކަން މިއަދު އިބްރާހިމަށް އެނގި ކަށަވަރުވެއްޖެ އެވެ. އޭނާ މިހާރު އެއިނީ، ރާއްޖޭގެ ހުރިހާ ބާރެއްގެ ކޮންޓްރޯލް އޮތަސް، ނުދަންނަ އެންމެ ތިން ދިވެހިންގެ އަތްދަށުގަ އެވެ. އޭނާ ގެއްލުނުކަމުގެ ހަބަރުން މުޅި ރާއްޖެ މިހާރު އޮންނާނީ ޝޮކްގަ އެވެ. އޭނާ ހޯދަން ސިފައިންނާއި ފުލުހުން ނުބަލާނެ ސަރަހައްދެއް ނޯންނާނެ އެވެ. އެކަމަކު މި ތިބި ތިން މީހުން އެއަށް ވުރެ މާ މޮޅުކަން އިބްރާހިމަށް ޔަގީނެވެ. އެ މީހުން ބުނަނީ ތެދެކެވެ؛ އޭނާ ކިތައްމެ ހަޅޭއްކެއް ލިޔަސް، ކިތައްމެ ވަރަކަށް ރުޔަސް ކުރާނެ އަސަރެއް ނެތެވެ.
އަނިޔާވެރިކަން ކޮޅުން ލުމުން މިކަހަލަ ފަހުލަވާނުން ރާއްޖެ އިން އުފެދެ އެވެ. ހިތުގެ އަޑިން އޭނާ އެކަން ގަބޫލުކުރި އެވެ. އެެހެންކަމުން މި ތިން މީހުންގެ އަތުން ސަލާމަތްވާނެ ގޮތަމާ މެދު ވިސްނައި، އޭނާ ވާހަކަ ފެށި އެވެ.
"ރައީސް އަހަރެންގެ ފަރާތުން އެދުނީ ތިން ކަމަކަށް،" އިބްރާހިމް، ކުޑަކޮށް ލޭ އަންނަމުން ދިޔަ ކަނާތު ކުޑަވާ އިނގިއްޔަށް ބަލައިލަމުން ބުންޏެވެ.
"ފުރަތަމަ ކަމަކީ ރިޔާސީ އިންތިހާބަށް އަހަރެންގެ އަތުން 70 މިލިއަން ޑޮލަރު ހޯދުން. ދެވަނަ ކަމަކީ ދެން އަންނަ ރައްޔިތުންގެ މަޖިލިހަށް ސީދާ ރައީސް ބޭނުންވާ 50 މީހަކަށް، ސީދާ އަހަރެން ފަންޑުކޮށްދިނުން. އެ މީހުންގެ ލިސްޓެއް ވެސް ދިން. ތިން ވަނަ ކަމަކީ...." އެހާ ހިސާބަށް ބުނެފައި އިބްރާހިމަށް ހުއްޓުން އެރި އެވެ. އޭނާގެ ކަޅި ދެ ފަރާތުގައި ތިބި ޒަވީން އާއި ނާވިޝްއާ ދިމާއަށް ހިންގާލި އެވެ.
"ކީއްވެ ތި ހުއްޓާލީ؟" ފާތިރު ސުވާލުކުރި އެވެ.
"ރައީސް އެދުނު ތިން ވަނަ ކަންތައް ކިޔައިދޭނީ ހަމައެކަނި ކަލެ އަށް،" އިބްރާހިމް ބުންޏެވެ.
"އަހަންނަށް ދީ ދިހަ މިނިޓް،" ފާތިރު އެހެން ބުނުމުން ޒަވީން އާއި ނާވިޝް ގޮސް ޕާޓިޝަން ޖަހާފައި ހުރި ބަޔަށް ވަނެވެ. ދެން އެތަނުން އެމީހުން ބިންގަރާސްގެ ދޮރު ހުޅުވާފައި، ނުކުތެވެ. މިހާރު ބިންގަރާހުގައި ތިބީ ހަމައެކަނި ފާތިރާއި އިބްރާހިމެވެ.
"ރައީސް ދެން ބޭނުންވީ އަހަރެން ދަންނަ އަންހެންގެ އެހީތެރިކަން. އޭނާގެ އަސްލު އެރަށުގެ އެކަކަށް ވެސް ނޭނގޭނެ. މިހާރު އުމުރުން ބަރާބަރު 90 އަހަރު،" އިބްރާހިމް ބުންޏެވެ.
"އެހާ ބޮޑު މުސްކުޅިއެއް؟ ކީއްކުރަން އަނެއްކާ؟" ފާތިރަށް ވެސް އެވާހަކަ އިން ލިބުނީ ހައިރާންކަމެކެވެ.
"މުސްކުޅިޔަސް އޭނާގެ ބާރު ވަރަށް ގަދަ. ރައީސް ގާތު ކޮންމެެވެސް މީހަކު އެ އަންހެންމީހާގެ ސިއްރު ކިޔައިދީފި. އެ ބުނި މީހަކު ރައީސް ގާތު ބުނެފި އަހަރެން މެދުވެރިކޮށޭ އެކަން ކުރެވޭނީ،" އިބްރާހިމް، މިހާރު ވާހަކަދައްކަމުން ދިޔައީ، ފާތިރަކީ އޭނާގެ ރަހުމަތްތެރިއެއް ކަމަށް ހީވާ ފަދަ ގޮތަކަށެވެ.
"އެއީ ތެދެއްތަ؟" ފާތިރު ސުވާލުކުރި އެވެ.
"އާނ. އެއީ އަހަރެންގެ އޫރު ކާފައިން ފެށިގެން އާއިލީ ގޮތުން ގުޅުން އޮންނަ ބައެއް. އެ އަންހެން މީހާ އަކީ މިހާރު ދުނިޔޭގައި ހުރި އެ އާއިލާގެ އެންމެ ފަހު މީހާ. އެ އާއިލާގެ އެންމެން ބަލަމުން އަންނަނީ ކައިރީގައި ޖެހިގެން ހުންނަ ގޭގެ މީހުން. އެއީ އަސްލު އަންހެންމީހާގެ އާއިލާގެ ހާދިމުން ކުރިންސުރެ ވެސް. ރަށު މީހުންނަކަށް ނޭނގޭނެ އޭގެ ހަގީގަތެއް،" އިބްރާހިމް ވާހަކަ ހުއްޓާލި އެވެ.
ފާތިރު ފުރަތަމަ ފަހަރަށް ހިމޭންކަމާ އެކު ވިސްނާލި އެވެ. މިއީ އޭނާ ހީކުރި ކަހަލަ ވާހަކައެއް ނޫނެވެ. އެހެންކަމުން އޭނާ ފުރަތަމަ ޖެހޭނީ އެކަން ކަށަވަރުކުރާށެވެ.
"ކޮން ރަށެއް؟" ފާތިރު ސުވާލުކުރި އެވެ.
"ހއ. ފިއްލަދޫ،" އިބްރާހިމް ވަގުތުން ޖަވާބު ދިނެވެ.
"ކޮން ކަމެއް ރައީސް ބޭނުންވެގެން އެ އުޅެނީ؟" ފާތިރު އެހި އެވެ.
"އަހަރެން ބުނެފާނަން ވާހަކައެއް. މީގެ ބަރާބަރު އެއް އަހަރު ކުރިން އަހަރެން އޭނާ ކައިރިއަށް ދިޔައިން. އޭނާ ބުނީ، އިބްރާހިމޭ، ކަލޭގެ ހަލާކަކީ އަންހެނުންނޭ. ކަލޭގެ ދުވަސްދާނީ އަންހެނެއްގެ ސަބަބުންނޭ. ދެން ވިސްނާލާ އަހަރެން މިއަދު މި އިން ގޮތް،" އިބްރާހިމް ބުންޏެވެ.
ފާތިރަށް ވިސްނިއްޖެ އެވެ. އެކަމަކު އޭނާ އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވި އެވެ. އެހެންކަމުން އިބްރާހިމާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ.
"އަހަރެން މިއިނީ ދޮގެއް ހެދޭ ކަހަލަ ހާލަތެއްގައެއް ނޫން، އެހެންނު. ނާދިރާ އަށް އަނިޔާ ލިބުނީ އަހަރެންގެ ސަބަބުން. އޭނާ ބަލިވެ އިނީ އަހަރެންގެ ކުއްޖަކަށް. އަހާލަން ބޭނުން އޭނާ ވިހޭތޯ ނުވަތަ ނޫންތޯ؟" އިބްރާހިމް މަޑުމަޑުން ސުވާލުކޮށްލި އެވެ.
"އަހަރެން ބޭނުމެއް ނޫން އެ ކުއްޖާ އަށް ލިބުނު އަނިޔާތައް ކިޔައިދޭކަށް. އެހިސާބުން އެކަން އެ އޮތީ ނިމިފައި. އަހަރެން އޭނާ ރާއްޖެ ގެންނާނަން. މާ ގިނަ ދުވަހެއް ނުވާނެ،" އެހެން ބުނެފައި ފާތިރު ތެދުވި އެވެ.
"އިތުރަށް އަހަރެން ކަލެއާ ވާހަކަ ދައްކާނީ ފިއްލަދޫގައި ކަލޭ ތި ބުނި ކަހަލަ އަންހެނަކު ހުރިތޯ ކަށަވަރުކޮށްފައި،" އިބްރާހިމްގެ ފަހަތަށް ޖެހިލައި، އޭނާގެ ދެ އަތުގައި ވަރަށް ބާރަށް ހިފާލަމުން ފާތިރު ބުންޏެވެ. ދެން ފަހަތަށް ދެ އަތް ގެންގޮސް އައްސަން ފެށި އެވެ.
"އަހަރެން ދޫކޮށްލާނީ ކޮން އިރަކުން؟" އިބްރާހިމް ބާރަށް އެހި އެވެ.
"އެއީ އަހަރެންގެ އަތްމަތީގައި އޮތް ކަމެއް،" އިބްރާހިމްގެ އަތް ބަންނަމުން ފާތިރު ބުންޏެވެ.
"ދެން މަރާލިޔަސް އަހަރެން އެއްވެސް ވާހަކައެއް ކިޔައެއް ނުދޭނަން. އެއްވެސް ކަމަކަށް އެއްބަހެއް ވެސް ނުވާނަން. ކަލޭ ބޭނުން ގޮތެއް ހަދާ!" އިބްރާހިމް ރުޅިވެރިކަމާ އެކު ހަޅޭއްލެވި އެވެ. ފާތިރު ގޮސް ޕާޓިޝަންގެ ދޮރު ހުޅުވާފައި ވަދެ، މަޑުމަޑުން ދެކޮޅަށް ހިނގަން ފެށި އެވެ.
މޭޒު މަތީގައި ހުރި ފޯނުން އޭނާގެ ގޭގެ އިންޓަކަމް އަށް ގުޅާލި އެވެ. ބިންގަރާހަށް އަންނަން ބުންޏެވެ. އިރުކޮޅަކުން ޒަވީން އާއި ނާވިޝް ވަނެވެ.
"އޭނާގެ ފަރާތުން ދެން ލިބޭނެ އިތުރު މައުލޫމާތެއް ނެތް. ހުރިހާ ކަމެއް ތައްޔާރުތަ؟" ފާތިރު އެހި އެވެ.
"މަސް އަޅާ ފޮށި ހުރީ ރެޑީގައި،" ނާވިޝް ބުންޏެވެ.
"އެހެން ވިއްޔާ ހިނގާ މިކަން މިރޭ ނިންމާލަން،" ފާތިރު އޭނާގެ ވިސްނުން ހާމަކޮށްލި އެވެ.
(ވާހަކައިގެ އަށް ވަނަ ބައި މާދަމާ)