"ފާސްޓް އެންޑް ފިއުރިއަސް 9" އަށް އާ ސްކްރީން ރައިޓަރެއް ހަމަޖައްސައިފި
"ފާސްޓް އެންޑް ފިއުރިއަސް 9" އަށް އާ ސްކްރީން ރައިޓަރެއް ހަމަޖައްސައިފި

"ފާސްޓް އެންޑް ފިއުރިއަސް" ގެ 9 ވަނަ ފިލްމްގެ ތައްޔާރީތައް ވަމުން އަންނަ އިރު، މި ފިލްމްގެ ސްކްރީންޕްލޭ މި ފަހަރު މުޅިން ތަފާތު ސްކްރީން ރައިޓަރަކާ ހަވާލުކޮށްފި އެވެ.

"ފާސްޓް އެންޑް ފިއުރިއަސް 9" އަށް އާ ސްކްރީން ރައިޓަރެއް ހަމަޖައްސައިފި
"ފާސްޓް އެންޑް ފިއުރިއަސް 9" އަށް އާ ސްކްރީން ރައިޓަރެއް ހަމަޖައްސައިފި

ދެހާސް ހައެއްގައި ރިލީޒް ކުރި "ފާސްޓް އެންޑް ފިއުރިއަސްގެ ތިން ވަނަ ފިލްމް "ޓޯކިއޯ ޓްރިޕްޓް" އިން ފެށިގެން މި ފްރެންޗައިޒް ލިޔަމުން އަންނަނީ ކްރިސް މޯގަން އެވެ. މިދިޔަ އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރު ކުލަބުން ޖާގަ ހޯދި "ފޭޓް އޮފް ދަ ފިއުރިއަސް" ވެސް ލިޔުނީ އޭނަ އެވެ. އެކަމަކު ޒަމާންގަނޑަކަށް ފަހު، ކްރިސްގެ ބަދަލުގައި "ފޭޓް" ގެ ސްކްރީންޕްލޭ އެހެން ސްކްރީން ރައިޓަރަކާ ހަވާލު ކުރާކަށް ޓީމުން ޖެހިލުމެއް ނުވެ އެވެ.

"ފާސްޓް 9" ގެ ސްކްރީންޕްލޭ ލިޔަން ފުރުސަތު ނުލިބުނަސް ކްރިސް މިހާރު ވަނީ އެ ފްރެންޗައިޒްގެ ސްޕިންއޮފެއްގެ ގޮތުގައި އަންނަ އަހަރު ރިލީޒް ކުރާ ""ހޮބްސް އެންޑް ޝޯ" ލިޔެ، އޭގެ ޕްރޮޑިއުސަރެއްގެ ޒިންމާ ނަގަން ނިންމައިފަ އެވެ.

"ފާސްޓް" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ޑްވޭން (ރޮކް) ޖޯންސަން އާއި ޖެސަން ސްޓެތަމް ޓައިޓްލް ރޯލް ކުޅޭ ފިލްމްގެ ޑައިރެކްޓަރަކީ ޑޭވިޓް ލެއިޗް އެވެ.

ނުވަ ވަނަ ފިލްމާ އެކު، "ފާސްޓް އެންޑް ފިއުރިއަސް" ގެ ރަހަގަނޑު ވެސް ކުޑަކޮށް ބަދަލުކޮށްލައި، ފިލްމް އިތުރަށް ވަރުގަދަކޮށްލައި ތަފާތުކޮށްލުމުގެ ގޮތުން ސްކްރީންޕްލޭ މި ފަހަރު ހަވާލުކޮށްފައި ވަނީ ޑެނިއަލް ކޭސީ، 36، އާ އެވެ. އޭނާއަކީ އަންނަ އޮގަސްޓްގައި ރިލީޒް ކުރާ ފެންޓަސީ ސައިންސް ފިކްޝަން ފިލްމް "ކިން" ގެ ސްކްރީން ރައިޓަރެވެ.

"ފާސްޓް 9" އާ ބެހޭ ގޮތުން މީގެ އެއް ޕްރޮޑިއުސަރު އަދި އެކްޓަރު ވިން ޑީޒެލް ބުނި ގޮތުގައި މި ފަހަރު ބޭނުން ވަނީ ފިލްމް އެފްރިކާ ބައްރުގައި ޝޫޓް ކުރާށެވެ. "ފާސްޓް އެންޑް ފިއުރިއަސް" ގެ އެއްވެސް ފިލްމެއް މިހާތަނަށް އެފްރިކާގެ ގައުމެއްގައި ޝޫޓެއް ނުކުރެ އެވެ.

"ފާސްޓް" ގެ 9 އާއި 10 ޑައިރެކްޓް ކުރަން މިހާރު ވަނީ މި ފްރެންޗައިޒްގެ ފިލްމްތަކެއް މީގެ ކުރިން ވެސް ޑައިރެކްޓްކޮށްފައިވާ ޖަސްޓިން ލިންއާ ހަވާލުކޮށްފަ އެވެ. ނުވަ ވަނަ ބައި ސިނަމާތަކަށް އަންނާނީ އެޕްރީލް، 10، 2020 ގަ އެވެ.