15 މެއި 2018 - 19:09

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ބުންޔާމިން ސަރުކާރުން މިއަދު އައްޔަން ކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް ހިންގަވާ އިޖުތިމާއީ އަދި ސިޔާސީ ބައެއް ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވާ ބުންޔާމީން އެޗްޑީސީގެ ބޯޑަށް އައްޔަން ކުރިއިރު، އޭނާ ވަނީ މިފްކޯގައި ވެސް ތިން އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ޑެޕިއުޓީ ސީއީއޯގެ މަގާމު އޭނާ ފުރުއްވި އެވެ.
އެޗްޑީސީގެ ބޯޑު ޑިރެކްޓަރަކަށް ބުންޔާމިން އައްޔަން ކުރިއިރު، އޭނާ އެ ކުންފުނީގައި މިހާތަނަށް ވަނީ އެއް އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.
ފަސް ބޭފުޅުންގެ މައްޗަށް އެކުލެވޭ އެޗްޑީސީގެ ބޯޑުގައި ދެން ތިއްބަވަނީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޝާހިދާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އާއި އަހުމަދު އަލީ ހަބީބްގެ އިތުރުން އަބްދުއްސަމަދު އަބްދުއްރަހުމާނެވެ.