15 މެއި 2018 - 17:40

ބެއިޖިން (މެއި 15) - ޗައިނާގެ ސިޗުއާން އެއާލައިންސްގެ ޕަސިންޖަރު މަތިންދާ ބޯޓެއް ދަތުރުކޮށްފައި ދަނިކޮށް ވިންޑްސްކްރީން ތަޅައިގެން ދިއުމުން ބޯޓުގެ ކޯ-ޕައިލެޓް ބޭރަށް ދަމައިނުގަތީ ކިރިޔާ ކަމަށް އެ ބޯޓުގެ ޕައިލެޓް ބުނެފި އެވެ.
ކެޕްޓަން ލިއު ޗުއަންޖިއާން ބުނީ 32،000 ފޫޓް މަތިން ދަތުރު ކުރަމުން ދިޔަ އެއާބަސް އޭ319 ބޯޓުގެ ވިންޑްސްކްރީން ތަޅައިގެން ދިޔައީ ކުއްލިއަކަށް ކަމަށެވެ.
"ކަންފަތް ފަޅައިގެންދާ ވަރުގެ ބާރު އަޑަކާ އެކު ސްކްރީން ތަޅައިގެން ދިޔައީ. ދެން ފެނުނީ ކޯ ޕައިލެޓް ދެބައިކުޅަ އެއްބަޔަށް ބޭރަށް ދަމައިގެންފައި އޮއްވާ،" ޗެންދޫ އިކޮނޮމިކް ޑެއިލީ އަށް ޕައިލެޓް ބުންޏެވެ.
ޕައިލެޓް ޗުއަންޖިއާން ބުނީ ކޯ-ޕައިލެޓް ސަލާމަތްވީ ސީޓްބެލްޓް އަޅައިގެން އިނުމުން ކަމަށެވެ. ކޯ-ޕައިލެޓް ސަލާމަތް ކުރިއިރު ކޮކްޕިޓުގެ ޕްރެޝަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށް އޭނާ ބުންޏެވެ.
"ރޭޑިއޯގެ އަޑެއް ނީވޭ. ބޯޓު ތެޅޭ ވަރުން މީޓަރުތަކުން އެއްވެސް އެއްޗެއް ނޭނގޭ،" ޕައިލެޓް ބުންޏެވެ.
މި ހާދިސާ ކުރިމަތިވި އިރު ބޯޓު ދިޔައީ ޗައިނާގެ ހުޅަނގު ދެކުނުގެ ޗޮންގިން އިން ޓިބެޓަށް ދަތުރު ކުރަމުންނެވެ. އޭރު ބޯޓުގެ ޕަސިންޖަރުންނަށް ދިޔައީ ނާސްތާ ފޯރުކޮށްދެމުންނެވެ.
ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނީ ކޯ-ޕައިލެޓުގެ އަތުކުރި މަށައިގެން ދިއުން ފިޔަވައި އެހެން ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ޗެންދޫ އަށް އިމަޖެންސީގައި ބޯޓު ޖެއްސި އިރު ބޯޓުގައި ތިބި 119 ޕަސިންޖަރުންނަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
މި ހާދިސާ ތަހުގީގު ކުރަން އެއާބަސް އިން ޓީމެއް ޗައިނާ އަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.
މަތިންދާ ބޯޓު ފަހަރުގެ ވިންޑްސްކްރީން އެއްކޮށް ތަޅައިގެން ދިއުމަކީ ވަރަށް ނުވާ ކަމެކެވެ. ވިންޑްސްކްރީންގައި ރެނދުލުން ފަދަ ހާދިސާތައް މެދުވެރި ވަނީ ހޮނު އަޅައިގެން ނުވަތަ ދޫންޏެއް ޖެހިގެންނެވެ.