15 މެއި 2018 - 17:05

ކުއާލަ ލަމްޕޫރު (މެއި 15) - ވެރިކަމުގައި އަހަރެއް ނުވަތަ ދެ އަހަރެއްހާ ދުވަހު ހުންނަވަން ބޭނުންވާ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު ކަމަށް އިންތިޚާބު ކުރި މަހާތިރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވޯލް ސްޓްރީޓް ޖާނަލް އަށް ދެއްވި އިންޓަވިއުއެއްގައި މަހާތިރު ވިދާޅުވީ ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމަށް ވެރިކަން ހަވާލު ކުރުމުގެ ކުރިން ދުވަސްކޮޅަކު ބޮޑު ވަޒީރުކަން ކޮށްލަން ބޭނުންވާ ކަމަށެވެ. އެކަމަކު ކުރިން އެއްބަސްވެފައި ވަނީ އަންވަރު ޖަލުން މިނިވަންވުމުން އޭނާއާ ވެރިކަން ހަވާލު ކުރުމުގެ އިންތިޒާމް ހަމަޖައްސާ ގޮތަށެވެ. މާދަމާގެ ވަގުތެއްގައި އަންވަރު މިނިވަން ކުރާނެ ކަމަށް ބެލެވެ އެވެ.
މަހާތިރު ވަނީ 1981 އިން 2003 އަށް މެލޭޝިއާގައި 22 އަހަރު ވެރިކަން ކުރައްވައިފަ އެވެ. ސިޔާސީ މައިދާނާ ދުރުގައި 15 އަހަރު ހޭދަކުރެއްވުމަށް ފަހު އަލުން ސިޔާސީ ކަންކަމުގެ ތެރެއަށް ވެންނެވީ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުމުން ކަމަށް މަހާތިރު ވަނީ ވިދާޅުވެފަ އެވެ.
ނަޖީބުގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ހުއްޓުވުމަށް ޑީލެއް ހަދައިފާނެތޯ ސުވާލު ކުރުމުން މަހާތިރު ވިދާޅުވީ އެއްވެސް ޑީލެއް ހެދުމެއް ނެތް ކަމަށެވެ.
"އެއްވެސް ޑީލެއް ހެދުމެއް ނޯންނާނެ. ނަޖީބުގެ ވެރިކަމުގައި ހިންގާފައިވާ ކަންކަން ބެލުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށާފައި،" މަހާތިރު ވިދާޅުވި އެވެ.
އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީން ނަޖީބުގެ އެކައުންޓަށް ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. އެ މައްސަލަ ނަޖީބުގެ ވެރިކަމުގައި ނިންމާފައި ވަނީ ސައުދީން ދިން އެހީއެއްގެ ގޮތުގަ އެވެ. މެލޭޝިއާ އިން ފުރުން ނަޖީބަށް މިހާރު ވަނީ މަނާކޮށްފަ އެވެ.