15 މެއި 2018 - 16:47

މި ސަރުކާރާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ނުވަތަ މި ސަރުކާރުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގެ މައްސަލައެއް އެސެޓްސް ރިކަވަރީ ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ކޮމިޝަންގެ ދައުރު މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އިތުރު ކުރި ކަން އިއުލާން ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަޒްލީން ވިދާޅުވީ، ދައުލަތަށް ލިބެން ޖެހޭ 29 ބިލިއަން ރުފިޔާ ހޯދަން ގިނަ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ވޭތުވެދިޔަ ސަރުކާރުތަކުގައި ނުބަލައި ހުރި ގިނަ މައްސަލަތަކެއް ހިމެނޭ ކަމަށް އަޒްލީން ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކުގައި ނުބެލި މައްސަލަތައް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބަލަމުން އަންނައިރު، މި ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުންދޭތޯ އެހުމުން މިނިސްޓަރު ވިދާޅުވީ ސަރުކާރަކަށް ނިސްބަތްވުމަށް ވުރެ ބޮޑަށް ކޮރަޕްޝަން ނިސްބަތް ވަނީ ވަކި މީހަކަށް ކަމަށެވެ.
"މި ސަރުކާރަށް ނިސްބަތްވާ ކޮރަޕްޝަންގެ މައްސަލައެއް އަޅުގަނޑުމެންނަކަށް ނާދޭ. ސަރުކާރަށް ނިސްބަތްވާ ކޮރަޕްޝަންގެ މައްސަލަތަކަށް ވުރެ ބޮޑަށް ހުންނަނީ، އެ ހިންގާ މީހުންނަށް ނިސްބަތްވާ މައްސަލަތައް ދެއްތޯ؟ އެނގިވަޑައިގަންނަވާނެ މި ސަރުކާރުގެ ތެރޭގައި އުޅުނު ބައެއް ބޭބޭފުޅުންނަށް ދިމާވާ މައްސަލަތައް ދިމަދިމާލުން ބެލި، ކޯޓުތަކުގެ ހުކުމާ އެކު ހުކުމް ތަންފީޒު ކުރަމުން ނޫންތޯ އެ އަންނަނީ،" ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާ، އަޒްލީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެސެޓްސް ރިކަވަރީ ކޮމިޝަނަކީ ވަކި ސަރުކާރަކަށް ނިސްބަތްވާ މައްސަލަތައް ބަލަން އުފައްދާފައި އޮތް ކޮމިޝަނެއް ނޫނެވެ. އަދި އެއީ ސިޔާސީ ވަކި ބައެއްގެ ފަހަތުން ދުވާ ކޮމިޝަނެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު، ސަރުކާރުން ވަނީ މީގެ 27 އަހަރު ކުރިން، ސަރުކާރުގެ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ކޮރަޕްޝަނުގެ މައްސަލަ އާއި 1999 ގައި އެއާ މޯލްޑިވްސް ބަނގުރޫޓުވި މައްސަލަ، އެސެޓްސް ރިކަވަރީ ކޮމިޝަނުން ވަނީ ބަލަން ފަށައިފަ އެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ ބައެއް މެމްބަރުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ބަލަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނަކީ ދައުލަތަށް ފައިސާ ލިބެން ޖެހޭ ކަމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޖުލައި، 20، 2017 ގައި އުފެއްދެވި ކޮމިޝަނެކެވެ.
އެއް އަހަރު ދުވަހަށް އުފެއްދި ކޮމިޝަންގައި ތިއްބަވަނީ ހޯމް މިނިސްޓަރު އަޒްލީންގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު މުޖުތާޒާއި ހަދީޖާ ހުސައިނާއި އިބްރާހީމް މަހްފޫޒް އަދި މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ. ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވަނީ މިނިސްޓަރު އަޒްލީނެވެ.