15 މެއި 2018 - 15:55

ކުއާލަ ލަމްޕޫރު (މެއި 15) - މެލޭޝިއާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބް އަންވަރު އިބްރާހިމް މިއަދު މިނިވަން ކުރަން ހަމަޖެހިފައިވީ ނަމަވެސް އެކަން މާދަމާ އަށް ފަސްކޮށްފި އެވެ.
މެލޭޝިއާގެ ރަސްގެފާންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޝާހީ މައާފެއް ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބޯޑުގެ ބައްދަލުވުން މާދަމާ އަށް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ. އަދި އެ ގޮތަށް ހަމަޖެއްސީ ބޮޑު ވަޒީރުގެ އޮފީހުން އެދިގެން ކަމަށް ވެސް ބުނެފައިވެ އެވެ. ރަސްގެފާންގެ އޮފީހުން ބުނީ އަންވަރު މިނިވަން ކުރުމާ ގުޅޭ ހުރިހާ އިޖްރާއަތްތަކެއް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ.
އަންވަރު މިނިވަން ކުރުމާ ގުޅޭ ގޮތުން އަންވަރުގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއިލް އާއި ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވަނީ މަޝްވަރާ ކޮށްފަ އެވެ.
އަންވަރަށް މިހާރު ދަނީ ކުއާލަ ލަމްޕޫރުގެ ޗެރަސް ރިހެބިލިޓޭޝަން ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަންވަރުގެ ކޮނޑުގެ އޮޕަރޭޝަނެއް ދާދި ފަހުން ވަނީ ކޮށްފަ އެވެ.
މަހާތިރުގެ ޕަކަޓަން ހަރަޕަން ކޯލިޝަނުގައި ހިމެނޭ އަންވަރުގެ ޕާޓި ކެދިލާން ރަކިއަތު (ޕީކޭއާރު) އިން ޕާލަމެންޓުގެ 48 ގޮނޑި ކޮންޓްރޯލް ކުރެ އެވެ.
މަހާތިރާއި އަންވަރަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެކަމަކު ސިޔާސީ ގޮތުން ދެ ބޭފުޅުން ޚިޔާލު ތަފާތުވެ އަންވަރު މަގާމުން ދުރުކޮށް 1998 ވަނަ އަހަރު، ހަ އަހަރު ޖަލަށްލީ މަހާތިރުގެ ވެރިކަމުގަ އެވެ. އަންވަރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެއް ޖިންސުން ގުޅުން ހިންގުމެވެ. އަންވަރުގެ މައްސަލަ މެލޭޝިއާގެ އެންމެ މަތީ ކޯޓުން ބެލުމަށް ފަހު އޭނާ މިނިވަން ކުރީ 2004 ވަނަ އަހަރު އެވެ. އަންވަރު ދެ ވަނަ ފަހަރަށް ޖަލަށްލީ ނަޖީބުގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.