16 މެއި 2018 - 11:44

ޕިއޮންޔަން (މެއި 16) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަންނަ މަހު ބާއްވާ ސަމިޓް ކެންސަލް ކުރަން ޖެހިދާނެކަމުގެ އިންޒާރު ޕިއޮންޔަން އިން ދީފި އެވެ.
ނޯތު ކޮރެއާ އިން އިއްޔެ ވަނީ ސައުތު ކޮރެއާގެ އޮފިޝަލުންނާ އެކު ބާއްވަން ހަމަޖެއްސި ބައްދަލުވުން ވެސް ކެންސަލްކޮށްފަ އެވެ. ނޯތު ކޮރެއާ އިން ހިތްހަމަނުޖެހިފައި މިވަނީ އެމެރިކާ އާއި ސައުތު ކޮރެއާ އިން ބައިވެރިވާ "މެކްސް ތަންޑަ" އަސްކަރީ ތަމްރީނުތަކާ ގުޅިގެންނެވެ.
ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ ދޫދިނުމާއި ރަނގަޅަށް ކަންތައް ކޮށްދިނުމުގައި ވެސް ހައްދެއް އޮންނަން ޖެހޭ ކަމަށް ގަބޫލް ކުރާ ކަމަށެވެ. ޕިއޮންޔަން އިން ބުނީ ދެ ކޮރެއާގެ ގުޅުން ރަނގަޅުވަމުން އަންނަނިކޮށް އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަކީ ނޯތު ކޮރެއާއާ ދެކޮޅަށް ހިންގާ އުދުވާނެއް ކަމަށެވެ.
"މި ތަމްރީނުތަކާ ގުޅިގެން ޓްރަމްޕާއި ކިމްގެ ސަމިޓަށް ވެދާނެ ގޮތަކާ މެދު އެމެރިކާ އިން ވިސްނަން ޖެހޭނެ،" ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނެފައިވެ އެވެ.
އެމެރިކާ އިން ބުނީ ޖޫން 12 ވަނަ ދުވަހު ސިންގަޕޫރުގައި ޓްރަމްޕާއި ކިމްގެ ބައްދަލުވުން ހަމަޖެހިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ނޯތު ކޮރެއާގެ ވިސްނުމަށް ބަދަލު އައިކަން އަންގައިފައި ނުވާ ކަމަށެވެ.
ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންއާ އެކު ކިމް މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި ވަނީ ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލަން އެއްބަސްވެފަ އެވެ.