15 މެއި 2018 - 12:05

ގއ. ކޮލަމާފުށީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ރޯދަ އިނާޔަތުގެ ފައިސާ ބަހައްޓާފައި ހުރި ތިޖޫރި ފަޅާލައި އެ ފައިސާތައް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ކުރި އެ ވައްކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން 27 އަހަރުގެ ފިރިހެނަކު ކޮލަމާފުށިން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ތިޖޫރި ފަޅާލައި ރޯދަ އިނާޔަތުގެ ގޮތުގައި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ދިނުމަށް ކަނޑައަޅާފައިވާ 122،000ރ. ވަނީ ވަގަށް ނަގައިފަ އެވެ.
"ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އިތުރުން، އިތުރު ފައިސާ ވެސް ތިޖޫރީގައި ހުންނާނެ. އެ ފައިސާ ވެސް ވަގަށް ވަނީ ގެންގޮސްފައި. ސީދާ އަދަދެއް ބުނާކަށް ނޭނގޭ. އެކަމަކު ތިޖޫރީގައި ހުރި އަދަދު ދެ ލައްކަ ރުފިޔާ އަށް ވުރެ ގިނައެއް ނުވާނެ،" އެ ވައްކަމާ ގުޅޭގޮތުން އެ ރަށު ކައުންސިލް މެމްބަރަކު އިއްޔެ ވިދާޅުވި އެވެ.
ތިޖޫރި ފަޅާލުމުގެ އިތުރުން ކައުންސިލް އިދާރާގައި ބަހައްޓާފައި ހުރި މިސްކިތު ފަންޑު ފޮށީގައި ހުރި ފައިސާ ވެސް ވަނީ ވަގަށް ނަގައިފަ އެވެ.